ވިއްސާރައިގެ ސަބަބުން ބޮޑު މެދުކެނޑުމެއް އައި މެޗުން އިރާގުގެ މައްޗަށް 3-0 އިން ކުރިހޯދައި ފްރާންސް އިން ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ބުރަށް ދަތުރުކޮށްފި އެވެ.
ފްރާންސުން މުބާރާތް ފެށީ ސެނެގާލް އަތުން 3-1 އިން މޮޅުވެގެންނެވެ. ފްރާންސް ދެވަނަ ބުރުން ޖާގަ ހޯދީ ގްރޫޕްގައި ބާކީ އަދި އެއް މެޗު އޮއްވަ އެވެ. އެ މެޗުގައި ފްރާންސް ބައްދަލުކުރާނީ ނޯވޭއާ އެވެ.
ފިލަޑެލްފިއާ ސްޓޭޑިއަމްގައި ކުޅުނު މެޗުގެ 14 ވަނަ މިނިޓްގައި ފްރާންސުން ވަނީ ލީޑުނަގައިފަ އެވެ. މިއީ، މައިކަލް އޮލީސޭ ދިން ބޯޅައަކުން އޭރިއާބޭރުން ފޮނުވާލި ބާރު ހަމަލާއަކުން ކިލިއަން އެމްބާޕޭ ޖެހި ގޯލެކެވެ.
މި ގޯލާއެކު ފްރާންސް ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު، ވިއްސާރައިގެ ސަބަބުން ދެވަނަ ހާފްގެ ކުޅުން ފެށި ދެ ގަޑިއިރު ފަހުންނެވެ. ދެ ވަނަ ހާފުގެ ކުޅުން. ފަށައިގެން ނުވަ މިނިޓް ތެރޭ ފްރާންސް އިން ދެވަނަ ގޯލު ކާމިޔާބުކޮށްފަ އެވެ. އިރާގުގެ ޑިފެންސްލައިނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި މި ގޯލުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ އެމްބާޕޭ އެވެ.
މިއީ، އެމްބާޕޭ، ފްރާންސަށް ކުޅެދިން 100 ވަނަ މެޗު ކަމަށްވާއިރު، މި ދެ ގޯލާއެކު ވޯލްޑް ކަޕްގައި އޭނާ ކާމިޔާބުކުރި ގޯލުގެ އަދަދު މިހާރު ވަނީ 16 އަށް އަރައިފަ އެވެ.
ފްރާންސް އިން އެޓީމުގެ ތިންވަނަ ގޯލު ކާމިޔާބުކުރީ މެޗުގެ 66 ވަނަ މިނިޓްގައި ކަމަށްވާއިިރު، މިއީ އޮލީސޭ ތަނަވަސްކޮށްދިން ފުރުސަތަކުން ޑެމްބެލޭ ކާމިޔާބުކުރި ގޯލެކެވެ. މި ގޯލަށްފަހު ވެސް ފްރާންސުން ވަނީ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ.