Last Updated: July 11, 02:43
Friday, July 10, 2026
ޚަބަރު

"ދަނޑުވެރި މަންފާ" ގްރާންޓްގެ ދެވަނަ ބުރަށް ހުޅުވާލަނީ

"ދަނޑުވެރި މަންފާ" އެގްރިބިޒްނަސް މެޗިން ގްރާންޓް ޕްރޮގްރާމްގެ ދެވަނަ ބުރަށް ހުޅުވައިލަން ތައްޔާރުވާން ފަށައިފި އެވެ.

މި ގްރާންޓަކީ އެގްރިކަލްޗަ މިނިސްޓްރީން އިންޓަނޭޝަނަލް ފަންޑް ފޮ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް) އާ ގުޅިގެން ހިނގަމުންގެން އަންނަ 'މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް) ގެ ދަށުން ދަނޑުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށް ދިނުމަށްޓަކައި ތައާރަފުކޮށްފައިވާ ޕްރޮގްރާމެކެވެ.

އެގޮތުން ފަނަރަ މިލިއަން ރުފިޔާގެ މެޗިން ގްރާންޓް ސްކީމްގެ ދެވަނަ ބުރަށް އަވަހަށް ހުޅުވައިލާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މެޕްގެ ހަރަކާތްތައް ކުރިއަށް ގެންދަނީ ހއ، ހދ އަދި ށ އަތޮޅުގެ 26 ރަށެއްގެ ދަނޑުވެރިންނާއި ދަނޑުވެރިކަމުގައި ހަރަކާތްތެރިވާ އެންޖީއޯ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާ އަދި ކޯޕޮރޭޓިވް ސޮސައިޓީތަކަށެވެ.

މި ގްރާންޓް ޕްރޮގްރާމް ގެ ފުރަތަމަ ބުރު ވަރަށް ކާމިޔާބު ކަމަށް މިނިސްޓްރީން ބުންޏެވެ.

އެތަނުން ބުނީ ގްރާންޓްގެ ފުރަތަމަ ބުރާ އެއްގޮތަށް ދެވަނަ ބުރު ވެސް ހުޅުވައިލާނީ ހަމައެކަނި ކްލައިމެޓް ސްމާޓް ޕްރޮޑަކްޝަންއަށް ކަމަށެވެ. މިއީ ގްރީންހައުސް އިންސްޓޯލްކޮށް، ހައިޑްރޮޕޯނިކްސް ސިސްޓަމް ނުވަތަ އެހެންވެސް މީޑިއަމްއެއް ޤާއިމްކޮށްގެން ދަނޑުވެރިކަން ކުރުމެވެ.

އެގޮތުން ގްރާންޓް ސްކީމްގެ މަޢުލޫމާތު ހިއްސާކުރުމުގެ ސެޝަންތައް ޕްރޮޖެކްޓްގެ ރަށްތަކުގައި ކުރިއަށް ގެންދިއުމަށް ވެސް ވަނީ ނިންމައިފަ އެވެ.

ދަނޑުވެރި މަންފާ ގްރާންޓް ސްކީމްއަކީ އެސްއެމްއީ ޑިޖިޓަލް އާއިއެކު ކުރިއަށްދާ ސްކީމްއެއް ކަމުން ގްރާންޓް އެޕްލިކޭޝަން ބަލައިގަތުމަށް ހަމަޖެހިފައި ވަނީ އެސްއެމްއީ ޑިޖިޓަލް ޕޯޓަލްއިން އަންނަ މަހުގެ 21 އިިން ފެށިގެންނެވެ. އަދި ގްރާންޓަށް އެދެން މަސް ދުވަހުގެ މުއްދަތެއް ދޭނެ އެވެ.