ފެނަކަ އިން މުވައްޒަފުން މަދުކޮށް ކުންފުނީގެ ހިންގުން ހަރުދަނާ ކުރަން ފެށި މަސައްކަތުގެ ސަބަބުން އަހަރަކު 22 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ،
މިހާރު 8،000 އެއްހާ މުވައްޒަފުން ތިބި ކުންފުނި ރައިޓްސައިޒް ކުރުމުގެ ތެރެއިން ދާދި ފަހުން ވަނީ އަމިއްލަ އަށް ވަކިވާން ބޭނުންވާ މުވައްޒަފުންނަށް އެ ފުރުސަތު ވެސް ދީފަ އެވެ. އެގޮތުން މި މަހުގެ 14 އާ ހަމައަށް އެ މުއްދަތު ހަމަވި އިރު، 97 މުވައްޒަފަކު ވަކިވާން އެދިފައިވެ އެވެ.
މުވައްޒަފުން އަމިއްލަ އަށް ވަކިވާން އެދެން ފެނަކަ އިން ހުޅުވީ ހަތަރު މަހުގެ މުސާރަ ލިބޭ ގޮތަށެވެ.
ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަފީފު ވިދާޅުވީ މިހާރު ކުންފުނީގައި ތިބި މުވައްޒަފުންނަށް މުސާރަ ދޭން މަހަކު 90 ވަރަކަށް މިލިއަން ރުފިޔާ ހަރަދުވާ ކަމަށެވެ.
ނަމަވެސް މުވައްޒަފުން މަދުކޮށް ހިންގުން ހަރަދަނާ ކުރެވުމުން ކުންފުނީގެ ހަރަދުން ގާތްގަނޑަކަށް 22 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް އޭނަ ވިދާޅުވި އެވެ. އަފީފު ވިދާޅުވި ގޮތުގައި ކުންފުނި ދެމަހެއްޓެނިވި ގޮތަކަށް ހިންގުމަށްޓަކައި ވެސް މުވައްޒަފުން މަދުކުރަން ޖެހޭ ކަމަށެވެ.
އޭނަ ވިދާޅުވީ ރިޑަންޑެންސީ ނުވަތަ މުވައްޒަފުން މަދުކޮށް ފެނަކައިގެ ހިންގުން ހަރުދަނާ ކުރަން ފެށީ މަސައްކަތަކީ ގައުމީ ވިސްނުމުގައި ކުރާ ކަމެއް ކަމަށެވެ. އެހެންވެ މީގެ ލާބަ އާއއި މަންފާ މުޅި ކުންފުންޏަށް ކުރާނެ ކަމަށް އަފީފް ވިދާޅުވި އެވެ.