Last Updated: July 15, 14:06
Wednesday, July 15, 2026
ޚަބަރު

ބައްޕަގެ ހެކިބަހާ އެކު ދަރިޔަކު އުމުރަށް ޖަލަށް!

ދަރިއެއްގެ މައްޗަށް އުފުލި މަސްތުވާތަކެތީގެ މައްސަލައެއްގެ ދައުވާއަކާ ގުޅިގެން ބައްޕަ ދިން ހެކި ބަހާ އެކު ދަރިފުޅު އުމުރަށް ޖަލަށް ލާން ށ. މިލަންދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފި އެވެ.

އެ ރަށު ސުނީތާ ހައުސް، އަލީ އިބްރާހީމް، 37، އާ ދެކޮޅަށް ހެކިބަސް ދިން މީހުންގެ ތެރޭގައި ބައްޕަގެ އިތުރުން ކޮއްކޮއަކާއި ޅިޔަން/ފަހަރިން ވެސް ހިމެނެއެވެ.

ޑައިމޯފިން ޓްރެފިކް ކުރުމުގެ އެ ދައުވާގެ ހުކުމް އިއްވީ މި މިދިޔަ އާދިއްތަ ދުވަހު އެވެ. އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ ޖެނުއަރީ 12، 2023 ގަ އެވެ. އަދި މައްސަލައިގެ ތަހުގީގު ނިންމައި، އަލީގެ މައްޗަށް ދައުވާ އުފުލުމަށް ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ އެ އަހަރުގެ މާޗް 13 ގަ އެވެ.

މި މައްސަލައިގައި ދައުވާ ލިބުނު އަލީ ވަނީ ޝަރިއަތުގައި، ދައުވާ އަށް އިންކާރުކޮށްފަ އެވެ. އަދި އޭނަގެ މައްޗަށް ކުށް ސާބިތުކުރީ އާއިލާގެ މީހުން ދިން ހެކިބަހުގެ މައްޗަށް ރިއާޔަތްކޮށެވެ.

އެގޮތުން އަލީގެ މައްޗަށް އިއްވީ އުމުރު ދުވަހުގެ ޖަލު ހުކުމަކާ އެކު 100،000ރ. ރުފިޔާގެ ޖޫރިމަނާއެކެވެ.