Last Updated: June 23, 20:16
Tuesday, June 23, 2026
މުނިފޫހިފިލުވުން

40 އަހަރު ފަހުން ރަޖްނީކާންތުގެ ފިލްމެއްގައި ރިތިކް

ބޮލީވުޑް ތަރިއެއްގެ ފަރާތުން ކުރިން ޝާހްރުކް ޚާންގެ ހާއްސަ ފެނިލުމެއް ހިމަނަން ނިންމި ރަޖްނީކާންތުގެ ތަމަޅަ ފިލްމު 'ޖެއިލާ 2' އިން ޝާހްރުކްގެ ބަދަލުގައި ފެންނާނީ ރިތިކް ރޯޝަން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބައެއް މީޑިއާތަކުން ބުނީ އޭނަ މިހާރު ހުރީ އެ ކެމިއޯގެ ޝޫޓިން އަށް ޗެންނާއީގައި ކަމަށެވެ.

ނަމަވެސް 'ޖެއިލާ 2' ގެ ކެމިއޯއެެއްގައި ރިތިކް ހިއްސާވާކަން ފިލްމުގެ ޓީމުން އަދި ކަށަވަރުކޮށެއް ނުދެ އެވެ. ޝާހްރުކަށް ދިން އެ ފުރުސަތު އޭނަ ގަބޫލު ކުރުމަށް ފަހު، ފަހުން ދޫކޮށްލީ މި އަހަރުގެ ޑިސެންބަރުގައި ރިލީޒްކުރަން އޮތް 'ކިންގް' އަށް އެއްކޮށް ހާއްސަވާން ކަމަށް ދާދި ފަހުން މީޑިއާތަކުން ބުނެފައިވެ އެވެ.

ރަޖްނީކާންތު، 75، ގެ ފިލްމެއްގައި ރިތިކް، 52، ބައިވެރިވާކަމުގެ ވާހަކަ ދެކެވެމުން އަންނަ އިރު، އޭނަ ވަރަށް ކުޑައިރު، ރަޖްނީކާންތުގެ ފިލްމެއްގައި މަސައްކަތްކުރި އެވެ. އެއީ 1986 ގެ 'ބަގްވާން ދާދާ' އެވެ. އޭގައި ރިތިކް ފެނިފައި ވަނީ ރަޖްކާންތުގެ އެޑޮޕްޓް ދަރިއެއްގެ ގޮތުގަ އެވެ.

'ބަގްވާން ދާދާ' ރިލީޒްކުރި އިރު، ރިތިކްގެ އުމުރަކީ 12 އަހަރެވެ.

'ޖެއިލާ 2' އަކީ ޑައިރެކްޓަރު ނެލްސަލް 2023 ގައި ރަޖްނީކާންތާ އެކު ގެނެސްދިން ކާމިޔާބު އެކްޝަން ކޮމެޑީ 'ޖެއިލާ' ގެ ސީކްއެލް އެވެ. އަދި ރިލީޒްކުރާނެ ތާރީހެއް އިއުލާން ނުކުރާ މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ވިދިއާ ބަލަން، ރާމިއާ ކްރިޝްނަން، ޔޯގީ ބާބޫ، އެސްޖޭ ސޫރިއާ، މިރްނާ، އަންނާ ރަޖަން އަދި ޖަތިން ސަރުނާ ހިމެނެ އެވެ.

'ޖެއިލާ 2' ގެ ހާއްސަ ފެނިލުންތަކުގައި މަޝްހޫރު މަލަޔާޅަމް އެކްޓަރު މޯހަންލާލާއި ތަމަޅަ އެކްޓަރު ވިޖޭ ސެތުޕަތީގެ އިތުރުން މިތުން ޗަކްރަބަތީ ހިމެނެ އެވެ.

ރިތިކްގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ 'ވޯ 2' އެވެ. އަދި އަންނަ މަހުގެ 3 ގައި ރިލީޒްކުރާ އާލިއާ ބަޓްގެ 'އަލްފާ' ގެ ހާއްސަ ފެނިލުމަކުން އޭނަ ފެންނާނެ އެވެ. އޭގައި ރިތިކް ފެންނާނީ 'ވޯ' ފްރެންޗައިޒްގައި އޭނަ ކުޅޭ ކަބީރުގެ ކެރެކްޓާއިންނެވެ.

އަލްފާ އާއި ވީ ފްރެންޗައިޒަކީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ސްޕައި ޔުނިވާސްގެ ފިލްމުތަކެވެ.