ނަފްސާނީ ބަލިތަކަށް ހާއްސަކޮށްގެން އިމާރާތް ކުރަން ނިންމާފައިވާ ހޮސްޕިޓަލް އަޅާނީ ހުޅުމާލޭގައި ކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް މިނިސްޓަރު ހާޒިރު ކުރުމުން ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ގީލާ މެންޓަލް ހެލްތު ހޮސްޕިޓަލް މާލޭ ސަރަހައްދުގައި އަޅަން ޖެހޭ ސަބަބުތައް ގިނަ ކަމަށެވެ.
އަދި އެފަދަ ފަރުވާ މާލެ ސަރަހައްދުން ހޯދާ މީހުން ވެސް ގިނަ ކަމަށާއި މިހާރު ވެސް ގިނަ ވަސީލަތްތައްވެސް ގާއިމުވެފައި ހުރީ މާލެ ސަރަހައްދުގައި ކަމަށެވެ. އެހެންވެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް މެންޓަލް ހޮސްޕިޓަލް އަޅާނީ ހުޅުމާލޭގައި ކަމަށް ވިދާޅުވި އެވެ.
ގީލާ ވިދާޅުވީ އެކަމަށް މިހާރު 10،000 އަކަފޫޓޫގެ ބިމެއް ކަނޑައަޅާފައިވާ ކަމަށެވެ.
"މެންޓަލް ހެލްތު ހޮސްޕިޓަލަކީ ކުރިޔަށް އޮތް ތަނުގައި ވަރަށް ޒަމާނީ ވަސީލަތްތަކާ އެކީގައި، އަދި އެތަނުން ފަރުވާ ހޯދަމުންދާ ބަޔަކަށް އެއީ ވަރަށް ފުރިހަމަ ސިއްހީ ފަރުވާއެކީ ފޯރުކޮށްދެވޭނެ ހިދުމަތެއްކަން އަޅުގަނޑު ފާހަގަކޮށްލަން." އޭނަ ވިދާޅުވިއެވެ.
މެންޓަލް ހޮސްޕިތަލް މާލެ ސަރައްދުގައި އަޅަން ނިންމިކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވީ އެޕްރީލް މަހު އެވެ. މިއީ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން އަޅާ ހޮސްޕިޓަލެކެވެ.