ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ދުވަހާ ގުޅުވައިގެން ބިޒްނެސް ސެންޓަ ކޯޕަރޭޝަން (ބީސީސީ) އިން "އެމްއެސްއެމްއީ ޕިޗް-އަޕް" ގެ ނަމުގައި މުބާރާތަކަށް ހުޅުވާލައިފި އެވެ.
މި މުބާރާތަކީ ޒުވާނުންގެ މެދުގައި އީޖާދީ ވިސްނުމާއި، ވިޔަފާރީގެ ވިސްނުންކުރިއަރުވައި، އައު ވިޔަފާރި ޚިޔާލުތައް ހުށަހެޅުމުގެ ފުރުޞަތު ދިނުމުގެ ގޮތުން ބާއްވާ މުބާރާތެކެވެ. މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ދެ މީހުންގެ ޓީމެއް އެކުލަވާލަން ޖެހޭ އިރު، ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އޮތީ އެންމެ ފުރަތަމަ ކުރިމަތިލާ 10 ޓީމަކަށެވެ.
ބީސީސީން ބުނީ މި މުބާރާތުން އެއްވަނަ އަށް ހޮވޭ ޓީމަކަށް 10,000ރ. ގެ ފައިސާގެ އިނާމެއް ލިބޭނެ ކަމަށެވެ.
މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޒުވާނުންނަށް ބީސީސީގެ ރަސްމީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ހިއްސާކޮށްފައިވާ ޕޯސްޓުތަކުގައިވާ ކިއުއާރު ކޯޑު މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެ އެވެ.