Last Updated: June 23, 20:16
Tuesday, June 23, 2026
މުނިފޫހިފިލުވުން

އިމްރާންގެ އާ ބިރުވެރި ފިލްމަކީ 'ރޫހު'

ކުރިން ވެސް ކާމިޔާބު ބިރުވެރި ފިލްމުތަކެއް ކުޅެފައިވާ އިންޑިއާގެ އެކްޓަރު އިމްރާން ހާޝިމީގެ އާ ބިރުވެރިި ފިލްމެއް މިއަދު އިއުލާންކޮށްފި އެވެ.

އަންނަ އަހަރު ގެނެސްދޭން ހަމަޖެހިފައިވާ މި ފިލްމުގެ ނަމަކީ 'ރޫހު' އެވެ.

މިއުޒިކަލް ހޮރޯ ފިލްމެއްގެ ގޮތުގައި ހަދަން ނިންމާފައިވާ މި ފިލްްމުގެ ޑައިރެކްޓަރަކީ އެމެޒޯން ޕްރައިމް ވީޑިއޯގެ މަގުބޫލު ސީރީޒް 'ބްރީތު' ލިޔެ، ޑައިރެކްޓްކުރި މަޔަންކް ޝަރުމާ އެވެ. ރޫހު ލިޔެފައި ވަނީ އޭނަ އާއި ބަތަލާ ނުޝްރަތު ބަރޫޗާގެ ފިލްމު ބިރުވެރި ފިލްމު 'ޗޯރީ' ގެ ސްކްރީންޕްލޭ ލިޔުނު ވިޝާލް ކަޕޫރެވެ.

އިމްރާން ބަތަލުގެ ރޯލު ކުޅޭ ގޮތަށް 'ރޫހު' އިއުލާންކުރި ނަމަވެސް މީގެ ބަތަލާއަކީ ކާކު ކަމެއް އަދި ހާމައެއް ނުކުރެ އެވެ. އޭނަ ކުރިން ކުޅެފައިވާ ބިރުވެރި ފިލްމުތަކުގެ ތެރޭގައި 2009 ގެ 'ރާޒް: ދަ މިސްޓްރީ ކޮންޓިނިއުސް' އާއި 2012 ގެ 'ރާޒް 3' އަދި 2016 ގެ 'ރާޒް: ރީބޫޓް' ހިމެނެ އެވެ.

މިހާތަނަށް ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެފައިވާ އެކްޓަރުގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު 'ހަޤް' އެވެ. އިމްރާންގެ ކުރިއަށް އޮތް ފިލްމަކީ އޮގަސްޓް 14 އަށް ތާވަލުކޮށްފައިވާ ކްރައިމް ފިލްމު 'އާވާރާޕަން 2' އެވެ.