ކާނާގެ ޔަގީންކަން ކަށަވަރު ކުރަން ރާއްޖޭގައި ކުރިއަށް ގެންދާ މަސައްކަތުގެ ދަށުން ފަތްކެޔޮ އިންދުމުގެ ޕްރޮގްރާމުގެ ތެރެއިން 11 ރަށަކަށް ތަކެތި ފޯރުކޮށް ދީފި އެވެ.
މިއީ ރަށްރަށުގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކާ ގުޅިގެން އެގްރިކަލްޗަ މިނިސްޓްރީން ފެށި ޕްރޮގްރާމެކެވެ. މިހާތަނަށް ޝައުޤުވެރިކަން ފާޅުކޮށް، ޕްލޭން ހުށައަޅާފައިވާ ރަށްރަށުގެ ކޮމިޓީތަކުގެ ތެރެއިން މަޢުލޫމާތު ފުރިހަމަ އަށް ޙިއްސާކުރި ރަށްތަކަށް ފަތްކެޔޮ މުޑުވަކާއި ގަސްކާނާ ފޯރުކޮށްދިނުމުގެ ފުރަތަމަ ބުރު ވަނީ ނިންމާލައިފަ އެވެ.
އެގޮތުން 11 ރަށަކަށް ޖުމްލަ 1،865 ފަތްކެޔޮގަސް ފޯރުކޮށް ދީފައިވެ އެވެ. އެ ރަށްތަކަކީ ހއ. އިހަވަންދޫ، ހއ. މާރަންދޫ، ހއ. ތަކަންދޫ، ހއ. އުލިގަން، ހދ. ކުމުންދޫ، ހދ. ވައިކަރަދޫ، ށ. ބިލެތްފަހި، ށ. ގޮއިދޫ، ށ. މަރޮށި، ނ. މާޅެންދޫ އަދި ނ. މާފަރެވެ.
ރާއްޖޭގައި ކާނާގެ ޔަގީންކަން ކަށަވަރުކުރުމާއި، ރާއްޖޭގެ އުފައްދާ ތަކެތީގެ މިންވަރު އިތުރުކުރުމަށް، އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި ޕްރޮގްރާމްގެ ސަބަބުން ރާއްޖޭގައި ފަތްކެޔޮ އާލާކޮށް، އުފެއްދުންތެރިކަން އިތުރުކުރުމަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.