އިލެކްޝަންސް ކޮމިޝަންގެ ހުސްވެފައިވާ މެންބަރުގެ މަޤާމަށް ޙައްޖު ކޯޕަރޭޝަންގެ މިހާރުގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަކީލް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.
އޭނަ އަށް ރުހުން ދޭން ފެންނަ ކަމަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކުރީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމުމާ ގުޅިގެންނެވެ.
އިލެކްޝަންސް ކޮމިޝަންގެ މެންބަރުގެ މަޤާމު ހުސްވީ އެކޮމިޝަންގެ ރައީސްގެ މަގާމުގައި އެންމެ ފަހުން ހުންނެވި މެންބަރުގެ މުޙައްމަދު ޒާހިދު މިދިޔަ މަހުގެ 1 ގައި އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
އީސީގެ މެންބަރުކަމަށް މިއަދު ރުހުން ދިން ޝަކީލަކީ ކުރިން ވެސް އެ ކޮމިޝަންގެ މެންބަރުގެ މަގާމު ފުރުއްވި ބޭފުޅެކެވެ. އެއީ ޑިސެންބަރު 3، 2014 އިން މެއި 9، 2018 އަށެވެ. އަދި އީސީގެ ޑިރެކްޓަ ޖެނެރަލްގެ މަގާމު އޭނަ ހަމައަށް މެންބަރުކަން ސެޕްޓެންބަރު 1، 2013 އިން ޑިސެންބަރު 3، 2014 އަށް ކުރެއްވި އެވެ.
އިލެކްޝަންސް ކޮމިޝަނަކީ 5 މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ކޮމިޝަނެކެވެ.
ކޮމިޝަނުގައި މިވަގުތު ތިއްބެވީ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާހު ރަޝީދާއި މެންބަރުން ކަމަށްވާ ހަސަން ޒަކަރިއްޔާ އާއި ޢަބްދުލްޙަސީބް އިސްމާޢީލާއި ރިފްޢަތު ޢަބްދުﷲ އެވެ.