ރޭ ހުޅުމާލޭގެ ފްލެޓަކުން ވެއްޓުނު ކުއްޖާ އޮތީ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.
ހުޅުމާލެ ފޭސް ދޭއްގެ ހުންނަ އަމާން ދޯދި 5 ގެ ދެވަނަ ފަންގިފިލާއިން ވެއްޓުނީ 16 އަހަރުގެ ފިރިހެން ކުއްޖެކެވެ. އެ ކުއްޖާ ވެއްޓުނު ހާދިިސާ ފުލުހުންނަށް ރިޕޯޓްކުރީ ރޭގެ 11:14 ހާއިރު އެވެ.
މި ހާދިސާއާ ގުޅިގެން ކުއްޖާއަށް ފުރަތަމަ ފަރުވާ ދުނީ ހުޅުމާލެ ހޮސްޕިޓަލުގަ އެވެ. އަދި ފަހުން ވަނީ އައިޖީއެމްއެޗަށް ބަދަލުކޮށްފަ އެވެ.
އެ ހޮސްޕިޓަލުން މިއަދު ބުނީ ކުއްޖާ އޮތީ ވެންޓިލޭޓަރުގައި ކަމަށެވެ. އެކަމަކު އެ ކުއްޖާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ހާމައެއް ނުކުރެ އެވެ.
ފުލުހުން އަންނަނީ ކުއްޖާ ވެއްޓުނު މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މީގެ ކުރިން ވެސް ހުޅުމާލޭގައި މިފަދަ ހާދިސާތަކެއް ހިނގައި ބައެއް މީހުންގެ ފުރާނަ ގެއްލިފައިވެ އެވެ.