މެޓަގެ ދަށުން ހިންގަމުން އަންނަ މަގުބޫލު ޕްލެޓްފޯމް، ވަޓްސްއެޕްގެ ސީއީއޯގެ މަގާމުން ވިލް ކެތު ކާޓް ދޫކޮށްލަައްވަން ނިންމަވައިފި އެވެ.
އޭނަ އެ މަގާމު ފުރުއްވާތާ މިއީ 7 ވަނަ އަހަރެވެ.
ވަޓްސްއެޕްގެ ހިންގެވުމުގެ ދޫކޮށްލައްވަން ނިންމެވިކަން އިއުލާން ކުރައްވައި އޭނަ ވިދާޅުވީ އެ ޕްލެޓްފޯމް މިހާރު އޮތީ ވަރަށް ވަރުގަދަ ހިސާބެއްގައި ކަމަށެވެ. އެހެންވެ މިއީ ފަހަތަށް ޖެހިވަޑައިގެން އެހެން ބޭފުޅަކަށް ވަޓްސްއެޕް ހިންގެވުން ދޫކޮށްލައްވަންވީ ވަގުތު ކަމަށް ވިދާޅުވި އެވެ.
Some personal news. After nearly 7 years leading WhatsApp, I'm excited to share who will take over the responsibility of delivering simple, reliable, and private messaging for the world. WhatsApp is in the strongest position it's ever been — and that felt like the right moment to…
— Will Cathcart (@wcathcart) June 22, 2026
ވަޓްސްއެޕްގެ އެންމެ އިސް މަގާމު ކެތުކާޓް ދޫކޮށްލެއްވި ނަމަވެސް މެޓަ ލީޑަޝިޕްގެ އިސް މަގާމެއްގައި އޭނަ ދެމިހުންނަވާނެ އެވެ.
ވަޓްސްއެޕް ހިންގެވުމާ ދެން ހަވާލުވާނީ އިންޑިއާގެ ކާމިޔާބު ފިންޓެކް ސްޓާޓަޕެއް ކަމަށްވާ ކްރެޑްގެ ބާނީ ކުނާލް ޝާހް އެވެ.
އޭނައާ ބެހޭ ގޮތުން މެޓަގެ ވެރިޔާ މާކް ޒަކަބާގް ވިދާޅުވީ ޓެކްނޮލޮޖީ ދާއިރާ އިން ކުނާލް އަށް ލިބިފައިވާ ހުނަރާއި ގާބިލިއްޔަތާ އެކު، ވަޓްސްއެޕަށް ކުރިއަށް އޮތް ތަނުގައި އިތުރު ކުރިއެރުންތަކެއް އަންނާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އެހެންވެ ކުނާލްއާ އެކު މަސައްކަތް ކުރެއްވުމުގެ ޝައުގުވެރިކަން ވަރަށް ބޮޑު މަހުޖަނު ޒަކަބާގް ވިދާޅުވި އެވެ.
މެޓަގެ ދަށުން ހިންގާ ޕްލެޓްފޯމްތަކުގެ ތެރޭގައި ވަޓްސްއެޕްގެ އިތުރުން ފޭސްބުކާއި އިންސްޓަގްރާމާއި މެސެންޖާ އަދި ތުރެޑް ހިމެނެ އެވެ.