އައްޑޫ ބަހުން ސުވާލުކުރުމުން ހެލްތު މިނިސްޓަރު ގީލާ އަލީ ދިން ޖަވާބަކީ އައްޑޫ ރައްޔިތުންނަށް ކުރި މަލާމާތެއް ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ސޯދިގު (ސޯބެ) އައްޑޫ ބަހުން ހެލްތު މިނިސްޓަރު ގީލާއާ ސުވާލުކުރެއްވުމުން، އެ ސުވާލު ދޭހަ ނުވި ކަމަށް ބުނެ ޖަވާބުދޭން ވަނީ ދެކޮޅު ހަދައިފަ އެވެ.
ސޯބެ ސުވާލުކުރެއްވީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ނަފްސާނީ ބައްޔަށް ބޭސްކުރާ މީހުންނަށް ބޭހާއި އިންޖެކްޝަން ނުލިބޭތީ އެކަމަށް އޮތް ހައްލާއި، ހޮސްޕިޓަލުގައި ބޭހާއި އިންޖެކްޝަން ހުރިކަން ޔަގީންކުރަން މިނިސްޓްރީން ކުރާ މަސައްކަތާއި އޭއީއެޗްގެ އައު އިމާރާތުގެ މަސައްކަތް ފެށޭނެ ދުވަހާ ގުޅޭގޮތުންނެވެ.
ސޯބެގެ ސުވާލަށް ޖަވާބު ދެއްވަމުން ގީލާ ވިދާޅުވީ އައްޑޫ ބަހުން ވާހަކަ ދެއްކުމުން ދެއްކި ވާހަކަ ދޭހަނުވި ކަމަށާއި އައްޑޫ މީހަކަށްނުވާތީ އައްޑޫ ބަހުން ދައްކާ ވާހަކަ ނޭނގޭ ކަމަށެވެ. އެގޮތުން ގީލާ ޖަވާބު ދެއްވީ ވެސް ސޯބެ ކުރެއްވި އެންމެ ސުވާލަކަށެވެ.
އެކަމާ ގުޅިގެން އެމްޑީޕީގެ ރައީސް ޝާހިދު ވިދާޅުވީ އައްޑޫ ބަހުރުވަ އަކީވެސް ދިވެހި ބަސް ކަމަށާއި ސަރުކާރުގެ މުއައްސަސާތަކުގެ އިސްވެރިން ކޮންމެ ރަށަކަށް ނިސްބަތް ވިޔަސް، ދިވެހިބަހުގެ ކޮންމެ ބަހުރުވަޔަކުން މުޚާޠަބު ކުރެއްވިޔަސް ޖަވާބުދާރީ ވާންޖެހޭނެ ކަމަށެވެ.
ނޫން ނޫން ނޫން! އައްޑޫ ބަހުރުވަ އަކީވެސް ދިވެހި ބަސް. ސަރުކާރުގެ މުއައްސަސާތަކުގެ އިސްވެރިން ކޮންމެ ރަށަކަށް ނިސްބަތް ވިޔަސް، ދިވެހިބަހުގެ ކޮންމެ ބަހުރުވަޔަކުން މުޚާޠަބު ކުރެއްވިޔަސް ޖަވާބުދާރީ ވާންޖެހޭނެ. އައްޑޫބަހުން މެމްބަރަކު ސުވާލު ކުރެއްވުމުން އެއީ މާ މަޖާ ކަމަކަށްވެ،… pic.twitter.com/QbsBkWcHxP
— Abdulla Shahid (@abdulla_shahid) June 23, 2026
"އައްޑޫ ބަހުން މެމްބަރަކު ސުވާލު ކުރެއްވުމުން އެއީ މާ މަޖާ ކަމަކަށްވެ، ސުވާލު ކުރެއްވި މެމްބަރަށް ރައްދުވާ ގޮތަށް ދެއްވި ޖަވާބަކީ އައްޑޫ ހުރިހާ ރައްޔިތުންނަށް ކުރެއްވި މަލާމާތެއް. މިގޮތަށް ޢަމަލު ނުކުރައްވާ،" ޝާހިދު ވިދާޅުވި އެވެ.
ސޯބެ މަޖިލީހަށް ހުވާކުރެއްވުމަށްފަހު މުހާތަބުކުރައްވަނީ އައްޑޫ ބަހުންކަން ފާހަގަކުރެވެ އެވެ.