އައްޑޫގައި ހިންގަމުން އަންނަ އެންމެ ދުވަސްވީ ޓޫރިސްޓް ފެސިލިޓީ ކަމަށްވާ ގަމުގެ އީކްއޭޓަ ވިލެޖް މި އަހަރުގެ ނޮވެމްބަރުގައި ބަންދު ކުރަން ނިންމައިފި އެވެ.
މިކަން މިހާރު ވަނީ އެތަން އޮޕަރޭޓްކުރާ ކުންފުނި، ކައިމޫގެ ފަރާތުން މުވައްޒަފުންނަށް އަންގައިފަ އެވެ. އެގޮތުން ނޮވެމްބަރު 1 އިން ފެށިގެން އީކްއޭޓަ ވިލެޖްގެ އޮޕަރޭޝަން ހުއްޓާލަން ނިންމާފައިވާ ކަމަށް މުވައްޒަފުންނަށް އަންގާފައިވެ އެވެ.
އީކްއޭޓަ ވިލެޖް ބަންދުކުރާތީ މުވައްޒަފުން މިހާރު ތިބީ ވަރަށް ބޮޑު ކަންބޮޑުވުމެއްގެ ތެރޭގަ އެވެ. ބައެއް މުވައްޒަފުން ބުނީ އީކްއޭޓަ ބަންދު ކުރަނީ އެތަން އޮޕަރޭޓް ކުރަން އެހެން ބަޔަކަށް ވިއްކާލުމުގެ ވިސްނުން ގެންގުޅޭތީ އާއި ތަން ބަންދުކޮށްގެން ބޮޑު ރިނޮވޭޝަނަކަށް ދާން ނިންމާފައިވާތީ ކަމަށް މެނޭޖްމަންޓުން ބުނެފައިވާ ކަމަށެވެ.
އެހެންވެ އެކަމާ ގުޅޭ ގޮތުން ނިންމާ ގޮތަކާއި މުވައްޒަފުންނާ މެދު ނިންމާ ގޮތެއް އަންނަ މަހުގެ ތެރޭގައި އަންގާނެ ކަމަށް ބުނެފައިވާ ކަމަށް 'އައްޑޫ ލައިވް' އާ ވާހަކަ ދެއްކި ބައެއް މުވައްޒަފުން ބުންޏެވެ.
މިކަމާ ބެހޭ ގޮތުން އީކްއޭޓަ ވިލެޖް ހިންގެވުމާ ހަވާލުވެ ހުންނެވި މެނޭޖަރު މުހައްމަދު ވަހީދުގެ ބައެއް ހޯދަން ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ އޭނަގެ ބަހެއް މިހާތަނަށް ވަނީ ލިބޭ ގޮތް ނުވެފަ އެވެ. މީގެ 40 އަހަރުން ކުރިން ފެށިގެން ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރައްވަމުން ގެންދަވާ ވަހީދު އީކްއޭޓަ ވިލެޖާ ގުޅިވަޑައިގަތީ 2016 ގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.
އޭނަ ހަވާލުވެވަޑައިގަތް ފަހުން އީކްއޭޓަ ވިލެޖް ވަރަށް ބޮޑަށް އާބާތުރަފިލުވައި ތަން ހިންގުން ޒަމާނީ ބަދަލުތަކެއް ވެސް ގެނެސްފައިވެ އެވެ. އަދި އީކްއޭޓަ ވިލެޖަކީ މި ފަހުން ޓޫރިޒަމް ދާއިރާ އިން ދެވޭ ޝަރަފުވެރި ގިނަ އެވޯޑްތަކެއް ވެސް ހާސިލުކޮށްފައިވާ ތަނެކެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓުން ވެހިކަލެއްގައި ދެތިން މިނިޓުން ދެވޭ ހިސާބުގައި ހިންގަމުން އަންނަ އީކްއޭޓާ ވިލެޖަކީ 78 ކޮޓަރީގެ ތަނެކެވެ. އެތަނަކީ 90 ގެ ތެރޭގައި އޮޕަރޭޝަނަށް ގެނައި ތަނެކެވެ. އެގޮތުން އީކްއޭޓަ ވިލެޖް ފުރަތަމަ ހިންގީ އޯޝަން ރީފްގެ ނަމުގަ އެވެ.
މި ތަނަކީ އައްޑޫގެ ގުޅިފައިވާ އަވަށްތަކުގެ މީހުންގެ އިތުރުން ބިދޭސީން ވެސް ވަޒީފާ އަދާކުރަމުން އަަންނަ ތަނެކެވެ.
އީކްއޭޓަ ވިލެޖް www.equatorvillage.com ގެ އޮޕަރޭޝަން ހުއްޓުމަކަށް ގެންނަ އިރު، މިތަނަކީ ހިންގަން ފެށި ފަހުން މިހާތަނަށް މެދުކެނޑުމެއް ނައިސް އެންމެ ގިނަ ދުވަހު އޮޕަރޭޝަންގައި ހުރި އައްޑޫގެ ޓޫރިސްޓް ފެސިލިޓީ އެވެ. އަދި މިތަނަކީ މެދު ފަންތީގެ ޓޫރިސްޓުންގެ މެދުގައި ވަރަށް މަގުބޫލު ތަނެކެވެ.