Last Updated: June 23, 20:16
Tuesday, June 23, 2026
ޚަބަރު

ފަސް މިލިއަން ގަސް ޕްރޮގްރާމަށް 10 ރަށެއްގައި ނާސަރީ އަޅަނީ

ސަރުކާރުން ކުރިއަށް ގެންދާ ފަސް މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމަށް ބޭނުންވާ ގަސް އިންދުމަށް ނާސަރީ އެޅުމަށް 10 ރަށަކަށް ގްރާންޓް ދީފި އެވެ.

އެންވަޔަރަންމެޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ނާސަރީ އެޅުމަށްޓަކައި ގްރާންޓް ދީފައިވާ ރަށްތަކުގެ ކައުންސިލްތަކާއިއެކު ވަނީ ސޮއިކޮށްފަ އެވެ.

މި މަޝްރޫއުގެ ފުރަތަމަ ބުރުގައި ހިމެނޭ 10 ރަށަކީ:

ހއ. ކެލާ

ށ. މިލަންދޫ

ނ. ކެނދިކުޅުދޫ

ރ. އިންނަމާދޫ

ބ. މާޅޮސް

އއ. މަތިވެރި

މ. މުލައް

ތ. ކިނބިދޫ

ގއ. ދާންދޫ

ގދ. ތިނަދޫ ސިޓީ

މި އެއްބަސްވުމުގެ ދަށުން ކޮންމެ ރަށަކަށް ނާސަރީ ތަރައްޤީ ކުރުމަށް 500,000ރ. ގެ އެހީއެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން ހަތް މަސްދުވަހުގެ ތެރޭގައި ނާސަރީގެ މަސައްކަތް ނިންމަންޖެހެއެވެ. މި ނާސަރީތަކަކީ އެ އަތޮޅުތަކުގައި ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއު ކުރިއަށްގެންދިއުމުގައި މައިގަނޑު މަރުކަޒުތަކެއްގެ ގޮތުގައި ހަރަކާތްތެރިވާނެ ތަންތަނެވެ.

އަންދާޒާކުރެވޭ ގޮތުގައި ކޮންމެ ނާސަރީއަކުން އަހަރަކު ގާތްގަނޑަކަށް 50,000 ގަސް އުފައްދާނެއެވެ. މި ތަންތަނުން ހައްދައި ބޭރުކުރާ ހުރިހާ ގަހެއް ގުނޭނީ ސަރުކާރުގެ 5 މިލިއަން ގަސް އިންދުމުގެ މަޝްރޫއުގެ ތެރެއިންނެވެ.

މި މަޝްރޫއު ހަރުދަނާކުރުމުގެ ގޮތުން ނާސަރީތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބޭނުންވާ ގާޑަނިންގ ތަމްރީނު ޕްރޮގްރާމްތައް ފަރުމާކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.