Last Updated: June 23, 20:16
Tuesday, June 23, 2026
ޚަބަރު

ހައްޖު ކޯޕަރޭޝަނުން ޝަކީލު އިސްތިއުފާ ދެއްވައިފި

މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުންނާއި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުން މުހައްމަދު ޝަކީލް އިސްތިއުފާ ދެއްވައިފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ޝަކީލް ވަނީ އެ މަގާމުތަކުން އިސްތިއުފާ ދެއްވުމަށް ހުށަހަޅުއްވާފައި ކަމަށެވެ.

ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ޝަކީލު އިސްތިއުފާ ދެއްވީ އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރު ކަމަށް އޭނާ އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދިނުމުންނެވެ.

ޝަކީލް މީގެކުރިންވެސް ވަނީ އީސީގެ މެންބަރު ކަމުގެ މަގާމު އަދާކުރައްވައިފަ އެވެ.

އީސީގެ މެންބަރުކަމުގެ މަގާމު ހުސްވީ މީގެ ކުރިން އެ ކޮމިޝަންގެ ރައީސްކަމުގެ މަގާމުގައި ހުންނެވި، މުހައްމަދު ޒާހިދު، އެ ކޮމިޝަންގެ ރައީސް ކަމުގެ މަގާމުންނާއި މެންބަރުކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.