އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ މަޝްރޫޢުތަކުގެ އަދަދު 79 އަށް އަރައިފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މި މަޝްރޫޢުތަކުގެ ތެރޭގައި ހިމެނެނީ 45 މިސްކިތެއްގެ މަޝްރޫޢުއާއި، 12 އިސްލާމީ މަރުކަޒެއްގެ މަޝްރޫޢުއާއި، 16 ޤުރުއާން ސެންޓަރުގެ މަޝްރޫޢުގެ އިތުރުން ވަޤްފުގެ ބިނާ ކުރުމުގެ 6 މަޝްރޫޢުއެއް ކަމަށެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިސްލާމީ ދާއިރާއިން ގިނަ މަޝްރޫޢުތަކެއް ކުރިއަށްދާއިރު، މަޝްރޫޢުތައް ބާރު ދުވެލީގައި ކުރިއަށް ގެންދިއުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް މިނިސްޓްރީން ބުނެ އެވެ.
އިސްލާމީ ދާއިރާއިން މި ދައުރުގެ ތެރޭގައި ކުރިއަށް ގެންދާ އެންމެ މުހިއްމު މަޝްރޫޢުތަކުގެ ތެރޭގައި މާލޭގައި ބިނާ ކުރާ ދާރުލްއަރުޤަމްއާއި ހުޅުމާލޭގައި ބިނާ ކުރާ ދާރުއްސަލާމް ވަޤްފު ޢިމާރާތް ހިމެނެއެވެ. މީގެ އިތުރުން މިހާތަނަށް ރާއްޖޭގައި ބިނާކުރެވޭ އެންމެ ބޮޑު މިސްކިތް ހުޅުމާލޭގައި ބިނާ ކުރުމަށް މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޢަމަލީ މަސައްކަތް ފެށުމަށް ވުޒާރާއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.
މި މަޝްރޫޢުއަށް ރާއްޖޭން ބޭރުގެ ފަރާތަކުން ފައިނޭންސިން ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން މައުލޫމާތުދެ އެވެ.