ކްރިސްޓިއާނޯ ރޮނާލްޑޯގެ ރެކޯޑު ގޯލުތަކާ އެކު ޕޯޗުގަލް އިން 5-0 އިން އުޒްބެކިސްތާން ބަލިކޮށް މިފަހަރުގެ ފީފާ ވޯލްޑް ކަޕްގެ ފުރަތަމަ މޮޅު ހޯދައިފި އެވެ.
މި މެޗުގައި އުމުރުން 41 އަހަރުގެ ރޮނާލްޑޯ ހެދި ދެ ރެކޯޑަކީ ތަފާތު ހަ ވޯލްޑް ކަޕެއްގައި ލަނޑު ޖެހި ފުރަތަަމަ ކުޅުންތެރިޔާގެ ޝަރަފްވެރި ރެކޯޑާއި ވޯލްޑް ކަޕްތަކުގައި ޕޯޗުގަލް އަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ރެކޯޑެވެ.
ގްރޫޕް ކޭގައި ފުރަތަމަ ކުޅުނު މެޗުން ޕޯޗުގަލް ވަނީ 1-1 އިން ޑިމޮކްރަޓިކް ރިޕަބްލިކް އޮފް ކޮންގޯއާ އެއްވަރުވެފަ އެވެ. މުޅިން އަލަށް ވޯލްޑް ކަޕްގައި ކުޅޭ އުޒްބެކިސްތާން އިން ފުރަތަމަ މެޗުގައި ކޮލަމްބިއާ އަތުން 3-1 އިން ބަލިވީ އެވެ.
މި މެޗުގައި ހަ ވަނަ މިނިޓްގައި ޕޯޗުގަލް އިން ލީޑު ނެގިއިރު، މި ގޯލު ޖެހީ، ޖޮއާއޯ ކަންސެލޯ އޭރިއާތެރެއިން ނެގި ހުރަހަކުން ރޮނާލްޑޯ އެވެ. އަދި 17 ވަނަ މިނިޓްގައި ހިލޭ ޖެހުމަކުން ނޫނޯ މެންޑޭޒް ޖެހި ގޯލުން ޕޯޗުގަލް އިން ލީޑު ފުޅާކުރިއިރު، ފުރަތަމަ ހާފް ނިމުމުގެ ކުރިން ރޮނާލްޑޯ ވަނީ ޕޯޗުގަލްގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ.
ދެ ވަނަ ހާފުގެ ކުޅުން ފަށައިގެން 60 ވަނަ މިނިޓްގައި ޕޯޗުގަލް އިން ހަތަރު ވަނަ ގޯލު ޖެހި އެވެ. މިއީ، ބްރޫނޯ ފެނާންޑޭސް ނެގި ކޯނަރެއް ދިފާއުުކުރަން އުޅުމުގެ ތެރޭގައި އުޒްބެކިސްތާންގެ ޑިފެންޑަރު، ކުސާނޯވް އާއި ކީޕަރު، އަބްދުލްވާހިދު ނެމަޓޯވް އަށް ހެދުނު ގޯހަކުން ބައިކޮޅަށް ވަން ގޯލެކެވެ.
އޭގެ ފަހުން ހެޓްރިކް ފުރިހަމަަ ކުރަން ރޮނާލްޑޯ އަށް އޭރިއާތެރެއިން ލިބުނު ފުރުސަތުގައި ޖެހި ބޯޅަ ކީޕަރު ނެމަޓޯވް ވަނީ މަތަކޮށްފަ އެެވެ. ބެންޗުން އަރައި މެޗުގެ 87 ވަނަ މިނިޓްގައި ޕޯޗުގަލްގެ ފަސް ވަަނަ ގޯލު ޖެހީ ރަފައެލް ލެއާއޯ އެވެ.