Last Updated: June 24, 22:51
Wednesday, June 24, 2026
ކުޅިވަރު

ގާނާ އަތުން އިންގްލެންޑަށް ލިބުނީ ޕޮއިންޓެއް

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އިންގްލެންޑުން ކުޅުނު ދެ ވަނަ މެޗުގައި ލަނޑެއް ނުޖެހި 0-0 ގާނާއާ އެއްވަރުވެއްޖެ އެވެ.

ގްރޫޕް އެލްގައި ކުޅުނު ފުރަތަމަ މެޗުތަކުން އިންގްލެންޑާއި ގާނާ ވަނީ މޮޅުވެފަ އެވެ. އެ ގޮތުން، އިންގްލެންޑުން މޮޅުވީ ކްރޮއޭޝިއާ އަތަުން 4-2 އިންނެވެ. އަދި، ގާނާ އިން ފަހު ވަގުތު ލަނޑު ޖަހައި، 1-0 އިން ޕެނަމާ ބަލިކޮށްފަ އެވެ.

ބޮސްޓަން ސްޓޭޑިއަމްގައި ކުޅުނު މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި އިންގްލެންޑުން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް ގާނާގެ ގޯލަށް މާބޮޑު ނުރައްކަލެއް ކުރެވޭ ގޮތް ވަނީ ނުވެފަ އެވެ.

ދެ ވަަނަ ހާފުގައި އިންގްލެންޑުން ކޯނަރާއި ހިލޭޖެހުންތަކުގައި އޭރިއޭތެރެއަށް ރަނގަޅު ބޯޅަތަކެއް ކުޅުނު ނަަމަވެސް، އޭގެއިން ވެސް މާބޮޑު ފައިދާއެއް ނެގޭ ގޮތް ވަނީ ނުވެފަ އެވެ.

މި މެޗުގައި އިންގްލެންޑަށް އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ މެޗުގެ 85 ވަނަ މިނެޓްގަ އެވެ. އެގޮތުން އިންގްލެންޑްގެ ނިކޯ އޯރައިލީ ބޮލުން ފޮނުވާލި ބޯޅަ ދަނޑީގައި ޖެހިފައި ނުކުތް ވަގުތު ރީބައުންސުން ކޭން ޖެހި ޝޮޓް ދިޔައީ ހުރަސްދަނޑިމަތިން ބޭރަށެވެ.

ގްރޫޕްގެ ފަހު މެޗުގައި އިންގްލެންޑް ބައްދަލުކުރާނީ ޕެނަމާއާ އެވެ. ގާނާ ނިކުންނާނީ ކްރޮއޭޝިޔާއާ ދެކޮޅަށެވެ.