Last Updated: July 11, 13:48
Saturday, July 11, 2026
ޚަބަރު

މުއައްސަސާތައް ހަރުދަނާ ކުރުމުގައި ދެމިއޮންނާނެ

ރައީސް ޑރ. މުހައްމަދު މުއިއްޒު - ފޮޓޯ: ރައީސް އޮފީސް

ދަޢުލަތުގެ މުއައްސަސާތައް ހަރުދަނާކުރުމުގެ މަސައްކަތުގައި ސަރުކާރު ދެމި އޮންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ އދ.ގެ ޕަބްލިކް ސާވިސް ޑޭ ނުވަތަ ދައުލަތުގެ ހިދުމަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖުގައި ރައީސް ވަނީ މުޖުތަމަޢުތަކަށް ޚިދުމަތްކުރުމާއި، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް (އެސްޑީޖީސް) ހާސިލުކުރުމަށް ބާރުއެޅުމާއި، މުޖުތަމަޢުގެ ފާގަތިކަން ކުރިއެރުވުމަށްޓަކައި އާންމު ޚިދުމަތްތެރިން، އެ ބޭފުޅުންގެ ވަގުތާއި ހަކަތަ ހޭދަކުރައްވައި، ވަރުބަލިކަމެއްނެތި ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ސާބަސް ދެއްވާފަ އެވެ.

އަދި ނަޒާހަތްތެރިކަމާއި، ފަންނީ ހުނަރުވެރިކަމާ އަދި ފުރިހަމަކަމާއެކު އެބޭފުޅުންގެ މަސްއޫލިއްޔަތުތައް އަދާކުރައްވަމުން ގެންދަވާ އާންމު ޚިދުމަތްތެރިންނަށް އެއްބާރުލުން ދީ، ދަޢުލަތުގެ މުއައްސަސާތައް ހަރުދަނާކުރުމަށް ސަރުކާރުން ދޭ އަހަންމިއްޔަތުކަން، ރައީސް ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ.

މީގެ އިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި އާންމު ޚިދުމަތްތެރިންނާއި ދަޢުލަތުގެ މުއައްސަސާތަކުން ޤައުމަށާއި ރައްޔިތުންނަށްޓަކައި ސާބިތުކަމާއެކު ވަމުންދާ ޤުރުބާނީއަށާއި، މެދުކެނޑުމެއްނެތި ފޯރުކޮށްދެއްވާ ޚިދުމަތަށްޓަކައި އެ ހުރިހާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.