Last Updated: June 24, 22:51
Wednesday, June 24, 2026
ރިޕޯޓް

މުއުމިނާގެ ބަޞީރަތް!

ކީރިތި ޤުރްއާނަކީ މުއުމިނާގެ ބުއްދީގެ މައްޗަށް ބިނާކޮށް، އޭނާގެ ޝަޚްޞިއްޔަތު ހަރުދަނާކޮށްދޭ ދިރުމެއް ހުރި މަންހަޖެކެވެ. ޤުރްއާން ކިޔަވައި، އޭގެ މާނަތަކާ މެދު ފުންކޮށް ވިސްނާ މީހާއަށް އެ ފޮތުން ދަސްކޮށްދޭ އެންމެ މުހިންމު އެއް ކަމަކީ "ތަވައްސުމް" (ކަންކަމުގެ ނިޝާންތަކުން ޙަޤީޤަތް ދެނެގަތުން) ނުވަތަ ފިޠުނަތްތެރިކަމެވެ. އެހެންކަމުން، މުއުމިނަކީ ކަންކަމުގެ ބޭރުފުށަށް އެކަނި ބަލާ، އޭނާގެ ވަށައިގެން ހިނގާ ކަންކަމާ މެދު ޣާފިލުވެފައިވާ މީހަކަށް ވެގެން ނުވާނެއެވެ.

އޭގެ ބަދަލުގައި، އޭނާއަކީ ހެކިތައް ކިޔައި، ބުއްދީގެ ބޭނުންކޮށް، ޙައްޤުގެ ތިލަފަތުން ކަންކަން ކިރާލާ ފުން ބަޞީރަތެއްގެ ވެރިއަކަށް ވާންޖެހެއެވެ.

"ތަވައްސުމް" ގެ އަޞްލަކީ ކަމެއްގެ ޙަޤީޤަތް ސާބިތުކުރުމާއި ފުންކޮށް ވިސްނުމެވެ. މީގެ މާނައިގެ ތެރޭގައި ވިސްނުން ތޫނުވުމާއި، ފިކުރު ސާފުވުން ހިމެނެއެވެ.

ފުރަތަމަ: އީމާންކަމުގެ ސަބަބުން ފިޠުނަތްތެރިކަމާއި ތަވައްސުމް އިތުރުވުން

މާތްﷲ ތަޢާލާ ވަޙީކުރައްވައިފައިވެއެވެ: (يُخَادِعُونَ اللّهَ وَالَّذِينَ آمَنُوا وَمَا يَخْدَعُونَ إِلاَّ أَنفُسَهُم وَمَا يَشْعُرُون) (سورة البقرة: 9) މާނައީ: "(އެއުރެން ހީކުރާގޮތުގައި) اللَّه އަށާއި إيمان ވެގެންތިބި މީހުންނަށް އެއުރެން އޮޅުވައިލަނީއެވެ. އެއުރެން އެ އޮޅުވައިލަނީ، އެއުރެންގެ އަމިއްލަ نفس ތަކަށް ކަމުގައި މެނުވީ ނުވެއެވެ. އެއުރެންނަށް (އެކަންވެސް) ނޭނގެނީއެވެ."

މުއުމިނުންނަށް މީހަކު އޮޅުވާލަން އުޅޭކަން އެނގި ތިބެ، އެކަމުން ގެއްލުމެއް ނުވާނަމަ، އެކަން ނޭނގޭ ކަމަށް ހެދުމަކީ ދީލަތިކަމާއި ކެތްތެރިކަމުގެ ތެރެއިންވާ ކަމެކެވެ. މުއުމިނާގެ އިޢުތިޤާދު ބިނާވެފައިވަނީ ބުއްދި މަގުފުރައްދާ އަދި ބަޞީރަތް ކަނުކޮށްލާ ކަންކަމުން ދުރުހެލިވުމުގެ މައްޗަށް ކަމަށްވާތީ، އީމާންކަމުގެ ސަބަބުން އޭނާގެ ވިސްނުން ތޫނުވެއެވެ. ރަސޫލާ صلى الله عليه وسلم ގެ ޙަދީޘްފުޅެއްގައިވެއެވެ: "މުއުމިނެއްގެ ގަޔަށް އެންހަރަކުން ދެފަހަރު ކަށްޓެއް ނުޖަހާނެއެވެ." މިއިން ދޭހަވަނީ މުއުމިނަކީ މޮޔައަކަށް ނުވަތަ ބޮޑު ގަމާރަކަށް ވުމަކީ އެކަށީގެންވާ ކަމެއް ނޫން ކަމެވެ.

ދެވަނަ: ކަންކަމުގެ ނިޝާންތަކުން ޙަޤީޤަތް ހޯދުމަށް ލޯބިކުރެއްވުން

މާތް ތަޢާލާ ވަޙީކުރައްވައިފައިވެއެވެ. (إِنَّ فِي ذَلِكَ لَآيَاتٍ لِلْمُتَوَسِّمِينَ) (سورةالحجر: 75) މާނައީ: "ހަމަކަށަވަރުން، އެކަންތަކުގައި، ވިސްނައި ފިކުރުކުރާ މީހުންނަށް ހެކިތަކެއްވާކަން ކަށަވަރެވެ." "މުތަވައްސިމޫން" އަކީ ކަންކަމުގެ ނިޝާންތަކަށް ބަލައި، އޭގެ ސަބަބުތަކާއި ނަތީޖާތަކާ މެދު ފުންކޮށް ވިސްނާ މީހުންނެވެ.

ތަޢާލާ އިންސާނާއަށް ބުއްދި ދެއްވީ އެ ބުއްދީގެ ބޭނުންކޮށްގެން ފުރިހަމަކަން ހޯދުމަށާއި މަގުފުރެދުމުން ސަލާމަތްވުމަށް ކަމަށްވާތީ، ބުއްދީގެ ބޭނުންކޮށްގެން ކަންކަން ދެނެގަތުމަށް އެކަލާނގެ ލޯބިކުރައްވައެވެ.

ތިންވަނަ: ތަވައްސުމްގެ ތަފާތު ދަރަޖަތައް:

އިންސާނުންގެ މެދުގައި ކަންކަން ދެނެގަތުމުގެ ހުނަރު ނުވަތަ ފިރާސަތު (فراسة) ތަފާތުވެގެންވެއެވެ. މިއީ އިންސާނާ އުފެދުމުގައި ހުންނަ ސިފައަކުން ނުވަތަ އުގެނުމުގެ ތެރެއިން ހޯދާ ހޯދުމަކުން ނުވަތަ ﷲ ތަޢާލާ އެ މީހެއްގެ ހިތަށް ދެއްވާ އިލްހާމަކުން ލިބޭ ކަމެކެވެ.

ހަތަރުވަނަ: ތަވައްސުމް އަށަގަންނުވަން ޤުރުއާން ބޭނުންކުރާ ވަސީލަތް (މިސާލު ޖެއްސެވުން)

މާތްﷲ ތަޢާލާ ވަޙީކުރައްވައިފައިވެއެވެ. (كَذَلِكَ يَضْرِبُ اللَّهُ لِلنَّاسِ أَمْثَالَهُمْ) (سورة محمد: 3) މާނައީ: "މީސްތަކުންނަށް އެއުރެންގެ مثال ތައް اللَّه ޖައްސަވަނީ އެފަދައިންނެވެ." މާތްﷲ މިސާލުތައް ޖައްސަވަނީ މީސްތަކުންނަށް އެބައިމީހުންގެ ޙާލަތްތައް ސާފުކޮށްދީ، ކަންކަމުގައި ބަޞީރަތްތެރިވުމަށެވެ. އަދި ނުބައި މީހުންނާއި ރަނގަޅު މީހުން ވަކިކޮށް ދެނެގަތުމަށެވެ. މީގެ ބޭނުމަކީ ތެދުވެރިންނާއި މުނާފިޤުން ވަކިކުރަން ދަސްކޮށްދިނުމެވެ.

ފިރާސަތާއި ތަވައްސުމްގެ ހުނަރު ކުރިއަރުވާނެ މަގު عَمْرُو بْنُ نُجَيْدٍ -رَحِمَهُ اللَّهُ ވިދާޅުވިއެވެ. "ޙަރާމް ކަންކަމުން ލޯ ރައްކާތެރިކޮށް، ނަފްސުގެ އެދުންތަކުން ދުރުހެލިވެ، ހިތުގެ އެތެރެފުށް ﷲ ބައްލަވައިވޮޑިގެންވާކަމުގެ އިޙްސާސުން (މުރާޤަބާއިން) އާރާސްތުކޮށް، ބޭރުފުށް ސުންނަތުގައި ހިފަހައްޓައި، ޙަލާލު ތަކެތި ކެއުމަށް އާދަވެއްޖެ މީހެއްގެ ފިރާސަތު ދުވަހަކު ވެސް ނުބައެއް ނުވާނެއެވެ." (مدارج السالكين (2/ 505)

މި އުންމަތުގެ އެންމެ ފިރާސަތު ތޫނު ބޭފުޅަކީ އަބޫބަކުރުގެފާނެވެ. އެއަށްފަހު ޢުމަރުގެފާނެވެ. ޢުމަރުގެފާނު ކަމަކާ މެދު "މިހެން ވެދާނެއޭ" ހީފުޅުކުރައްވައިފި ނަމަ، އެކަމެއް އެގޮތަށް މެނުވީ ނުވެއެވެ.

ފަސްވަނަ: ތަވައްސުމްގެ ބައެއް ނަމޫނާތައް

ބޭރުފުށުގެ ސިފައަށް ނުހެއްލުން: މީހުންގެ ބޭރުފުށުގެ ރީތިކަމާއި ދޫހެލޭ ވާހަކަތަކަށް ހެއްލިގެން ނުވާނެއެވެ. ބައެއް މީހުންނަކީ ދުލުން ފޮނި ވާހަކަ ދެއްކިޔަސް، ހިތުގައި ނުބައިކަމާއި މަކަރުވެރިކަން ފޮރުވައިގެން ތިބޭ މީހުންނެވެ. މީހެއްގެ އަޞްލު އެނގޭނީ އޭނާގެ އަމަލުތަކުންނެވެ.
ޔޫސުފްގެފާނުގެ ވާހަކައިގައިވާ ހެކިތައް: ޔޫސުފްގެފާނުގެ ބޭބެއިންނަށް، އެކަލޭގެފާނަށް ބައްޕަ ކުރައްވާ ލޯބި ބޮޑުކަން އެނގުނީ ބައްޕަގެ އަމަލުތަކުން ފެނުނު ނިޝާންތަކުންނެވެ.

ހަވަނަ ބައި: މުއުމިނެއްގެ ހަޔާތުގައި "ތަވައްސުމް" (ފުންކޮށް ވިސްނާ ބެލުމުގެ) ފައިދާތައް

މަކަރާއި ހީލަތުން ސަލާމަތްވުން:

މާތްﷲ ތަޢާލާ ވަޙީކުރައްވައިފައިވެއެވެ. (أُولئِكَ حِزْبُ اللَّهِ أَلا إِنَّ حِزْبَ اللَّهِ هُمُ الْمُفْلِحُونَ) (سورة المجادلة: 22) މާނައީ: "އެއުރެންނީ اللَّه ގެ جماعة އެވެ. ދަންނާށެވެ! ހަމަކަށަވަރުން، اللَّه ގެ جماعة ގެ މީހުންނީ ހަމަ، ދިންނަވާނޭ މީހުންނެވެ."
މުއުމިނުންގެ ވަށައިގެން، ﷲގެ ލަޝްކަރަށް ނިސްބަތްނުވާ މުނާފިގުންގެ ބަޔަކު އުޅޭކަން ﷲ ވަނީ މުއުމިނުންނަށް އަންގަވައި އިންޒާރު ކުރައްވާފައެވެ. އެއީ އެބައިމީހުންގެ ހާލަތްތައް ފުންކޮށް ބަލައި ދެނެގަނެ، އެބައިމީހުންގެ ކިބައިން ރައްކާތެރިވުމަށްޓަކައެވެ.

ހިކުމަތްތެރިކަން ލިބުން:

މާތްﷲ ތަޢާލާ ވަޙީކުރައްވައިފައިވެއެވެ. (فَأَمَّا الْإِنْسَانُ إِذَا مَا ابْتَلَاهُ رَبُّهُ فَأَكْرَمَهُ وَنَعَّمَهُ فَيَقُولُ رَبِّي أَكْرَمَنِ* وَأَمَّا إِذَا مَا ابْتَلَاهُ فَقَدَرَ عَلَيْهِ رِزْقَهُ فَيَقُولُ رَبِّي أَهَانَنِ. كَلَّا) (سورة الفجر: 15-16) މާނައީ: "ފަހެ، އިންސާނާ ދަންނާށެވެ! އޭނާގެ ވެރިރަސްކަލާނގެ އޭނާ އިމްތިހާނު ކުރައްވައި، އޭނާ މާތްކުރައްވައި، އޭނާއަށް ނިއުމަތް ދެއްވައިފި ހިނދު، އޭނާ ބުނެއެވެ. ތިމަންގެ ވެރިރަސްކަލާނގެ ތިމަން މާތްކުރައްވައިފިއެވެ. އަދި އޭނާ އިމްތިހާނު ކުރައްވައި، އޭނާގެ ރިޒުގު ދަތިކުރައްވައިފި ހިނދު، އޭނާ ބުނެއެވެ. ތިމަންގެ ވެރިރަސްކަލާނގެ ތިމަން ނިކަމެތި ކުރައްވައިފިއެވެ. އެހެންނަކުން ނޫނެވެ!"

އިލްމުވެރިންނާއި ފުންކޮށް ވިސްނާ ބަލާ މީހުން ކަންކަން ބަހައްޓަނީ އޭގެ ޙަޤީޤީ މަޤާމުގައެވެ. އަދި ކަންކަމުގެ ޙަޤީޤަތް ހޯދަނީ ބުއްދީގެ ދަލީލުތަކުންނެވެ. އެބައިމީހުންނަށް އިމްތިޙާނާއި ނިކަމެތިކަމާ ދެމެދު އޮޅުމެއް ނާރައެވެ. އޭގެ ބަދަލުގައި، ފުން ބަޞީރަތެއްގެ އެހީގައި ގެ މުރާދު އެބައިމީހުން ދެނެގަނެއެވެ.

أبو الدرداء رضى الله عنه ވިދާޅުވާ ކަމަށްވެއެވެ. "އިލްމުވެރިންގެ ފިރާސަތަށް (ފުން ބަލައިލުމަށް) ތިޔަބައިމީހުން ރައްކާތެރިވާށެވެ. އެބައިމީހުން ތިޔަބައިމީހުންގެ މައްޗަށް ހެކިބަހެއް ދީފާނެތީ ސަމާލުވާށެވެ. އެހެނީ އެބައިމީހުންގެ ހެކިބަހުގެ ސަބަބުން ނަރަކައަށް ތިޔަބައިމީހުން އުއްޑުން ވެއްޓިދާނެއެވެ. ﷲ ގަންދީ ބުނަމެވެ. އެއީ ހަމަކަށަވަރުން ﷲ އެބައިމީހުންގެ ހިތްތަކަށް އިލްހާމުކުރައްވާ ޙަޤީޤަތެކެވެ." (إعلام الموقعين، لابن القيم: 1/ 51.)

މިކަމުގެ އަސްލު ތިރްމިޛީގައި، أبو سعيد الخدري رضى الله عنه ގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލާ صلى الله عليه وسلم ހަދީޘް ކުރައްވައިފައިވެއެވެ. «اتَّقُوا فِرَاسَةَ المُؤْمِنِ فَإِنَّهُ يَنْظُرُ بِنُورِ اللَّهِ» މާނައީ: "މުއުމިނާގެ ފިރާސަތަށް (ފުން ބަލައިލުމަށް) ތިޔަބައިމީހުން ބިރުވެތިވާށެވެ. އެހެނީ އޭނާ ބަލަނީ ﷲގެ ނޫރުފުޅުންނެވެ." އެއަށްފަހު އެކަލޭގެފާނު މި އާޔަތް ކިޔަވާ ވިދާޅުވިއެވެ. (إِنَّ فِي ذَلِكَ لَآيَاتٍ لِلْمُتَوَسِّمِينَ) (سورةالحجر: 75) މާނައީ: "ހަމަކަށަވަރުން، އެކަންތަކުގައި، ވިސްނައި ފިކުރުކުރާ މީހުންނަށް ހެކިތަކެއްވާކަން ކަށަވަރެވެ."

ނިންމުން:

"ތަވައްސުމް" (ފުންކޮށް ވިސްނާ ބެލުމަކީ) އީމާންތެރިކަމާއި ބުއްދީގެ ގޮތުން ކޮންމެހެން ބޭނުންތެރި ސިފައެކެވެ. މިއީ ކީރިތި ޤުރްއާނުން ބާރުއަޅާ ކަމެކެވެ. ވަޙީގެ ނައްޞުތަކުން އެނގޭ ގޮތުގައި، ނުބައި މީހުންނާއި ރަނގަޅު މީހުން ވަކިކޮށް ދެނެގަތުމަށާއި، ކަންކަން އޭގެ ޙަޤީޤީ މަޤާމުގައި ބެހެއްޓުމަށްޓަކައި ބޭނުންވާ މައިގަނޑު ދެ ވަޞީލަތަކީ ސިކުނޑީގެ ތޫނުފިލިކަމާއި ފުންކޮށް ބަލާ ބެލުމެވެ.

އެމީހަކަށް "ތަވައްސުމް" ގެ ނިއުމަތް ދެއްވައިފި މީހަކަށް، އުނދަގޫ އަދި އޮޅުންއަރާ ކަންކަމުގެ ތެރޭގައި މަގު ދައްކައިދޭނެ ނޫރެއް ލިބިއްޖެކަން ކަށަވަރެވެ.

ނޯޓް: މިއީ ޑރ. މޫސާ އަންވަރު ހަސަންގެ ލިޔުއްވުމެކެވެ.