ބަތަލާ ޝްރަދާ ކަޕޫރް އިންޑިއާގެ ކުރީގެ ކްލަސިކަލް ނެށުންތެރިއެއް ކަމަށްވާ ވިތަބާއީ ނަރަޔަންގާއޯންކަރްގެ ރޯލު ކުޅެފައިވާ ފިލްމު 'އީތާ' ގެ ޓީޒާ ދައްކާލައިފި އެވެ.
މި އަހަރުގެ އޮގަސްޓް މަހުގެ 28 ގައި ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ މި ފިލްމަކީ ލަކްޝްމަން އުޓޭކަރް ޑައިރެކްޓްކޮށްފައިވާ ޕީރިއަޑް ފިލްމެކެވެ. އޭނަ މިދިޔަ އަހަރު ގެނެސްދިން ބޮޑު ހިޓް ކަމަށްވާ 'ޗާވާ' އާ އެއްގޮތަށް ވަރަށް ގްރޭންޑްކޮށް ހަދާފައިވާ 'އީތާ' އަކީ ބޮލީވުޑްގެ މިހާރުގެ އެންމެ ކާމިޔާބު ޕްރޮޑަކްޝަން ހައުސްތަކު ތެރޭގައި ހިމެނޭ ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮލް ފިލްމްސް އިން ހަދާފައިވާ ފިލްމެކެވެ.
އެ ސްޓޫޑިއޯގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ ހުކުރު ދުވަހު ރިލީޒްކޮށް، ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދަމުން އަންނަ ރޮމޭންޓިކް ކޮމެޑީ 'ކޮކްޓެއިލް 2' އެވެ. ހޯމީ އަދަޖާނިއާ ޑައިރެކްޓްކުރި ފިލްމުގެ ތަރިންނަކީ ކްރިތީ ސެނަން އާއި ޝާހިދު ކަޕޫރްގެ އިތުރުން ރަޝްމިކާ މަންދަނާ އެވެ.
މެޑޮކްސް އިން 'އީތާ' އޮގަސްޓްގައި ގެނެސްދޭން ތައްތާރުވަމުން އަންނަ އިރު، މި ފިލްމަކީ މި އަހަރުގެ އެންމެ އުންމީދީ އެއް ފިލްމެވެ. ޝްރަދާގެ މޮޅު ރޯލެއް ފެންނާނެ ކަމަށް ޓީޒާ އިން ވެސް ދައްކުވައިދޭ ފިލްމުގެ ކާސްޓްގައި ރަންދީޕް ހޫޑާ އާއި މުހައްމަދު ޒީޝާން އައްޔޫބް ވެސް ހިމެނެ އެވެ.
ޝްރަދާގެ އެންމެ ފަހުގެ ފިލްމަކީ މެޑޮކް ހޮރޯ-ކޮމެޑީ ޔުނިވާސް އަށް ނިސްބަތްވާ 2024 ގެ 'އިސްތިރީ 2' އެވެ.