މިއީ ޕޯޗުގަލް ޓީމަށް އުނދަގޫ ހަފްތާއެއް ކަމަށާއި ނަމަވެސް ޓީމު އެނބުރި އައިސްފައިވާ ކަމަށް، ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.
ފީފާ ވޯލްޑް ކަޕްގައި ޕޯޗުގަލް އިން ކުޅުނު ފުރަތަމަ މެޗުގައި ކޮންގޯއާ ބައްދަލުކޮށްވީ 1-1 އިން އެއްވަރެވެ. އެ ނަތީޖާއާއެކު ޕޯޗުގަލް ޓީމުގެ ކުޅުންތެރިންނަށް ފާޑުކިޔުންތަކެއް އަމާޒުވި ނަމަވެސް ދެވަނަ މެޗުގައި ރޭ އުޒްބެކިސްތާން އަތުން ޕޯޗުގަލް ވަނީ 5-0 ގެ ނަތީޖާއަކުން މޮޅުވެ ހަމަޖެހިލައިފަ އެވެ. ރޭގެ މެޗުގައި ދެ ގޯލު ކާމިޔާބުކޮށް ރޮނާލްޑޯ ވަނީ ދެ ރެކޯޑެއް ގާއިމުކޮށްފަ އެވެ.
އުމުރުން 41 އަހަރުގެ ރޮނާލްޑޯ ހެދި ދެ ރެކޯޑަކީ ތަފާތު ހަ ވޯލްޑް ކަޕެއްގައި ލަނޑު ޖެހި ފުރަތަަމަ ކުޅުންތެރިޔާގެ ޝަރަފްވެރި ރެކޯޑާއި ވޯލްޑް ކަޕްތަކުގައި ޕޯޗުގަލް އަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ރެކޯޑެވެ.
ރޭގެ މެޗަށްފަހު ވާހަކަދައްކަމުން ރޮނާލްޑޯ ބުނީ މިއީ ޕޯޗުގަލް އަށް އުނދަގޫ ހަފްތާއެއް ކަމަށާއި ނަމަވެސް މިފަދަ ކޮންމެ ކަމަކާއި ވެސް ޓީމުން ކުރިމަތިލަނީ ކުރާ މަސައްކަތަށް އޮންނަ އިތުބާރުގެ ސަބަބުން ކަމަށެވެ.
"އުނދަގޫ ނަމަވެސް އަހަރުމެން މިތިބީ އެނބުރި އައިސް،" ރޮނާލްޑޯ ބުންޏެވެ.
ރޮނާލްޑޯ ބުނީ މެޗުން މޮޅުވުމުން އުފާވާ ކަމަށާއި އެންމެ މުހިއްމު ކަމަކީ ޓީމުން ކުރި މަސައްކަތާއެކު ލިބުނު އިތުބާރު ކަމަށެވެ. އަދި އަމިއްލަ ރެކޯޑުތަކަށް ވުރެ ބޮޑަށް އިސްކަން ދެނީ ޓީމަށް އެހީވެދީ، ޓީމާއެކު ކާމިޔާބީތައް ހާސިލުކުރުމަށް ކަމަށްވެސް އޭނާ ބުންޏެވެ.
ގްރޫޕް ސްޓޭޖުގައި ޕޯޗުގަލް އިން ކުޅޭ ފަހު މެޗުގައި ބައްދަލުކުރާނީ ކޮލަމްބިޔާއާ އެވެ.