ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ސްކޮޓްލެންޑާއި ދެކޮޅަށް ކުޅޭ މެޗުގައި ކުޅެން ބްރެޒިލްގެ ތަރި ނޭމާ ހުރީ ތައްޔާރަށް ކަމަށް، ބްރެޒިލްގެ ކޯޗު ކާލޯ އެންޗެލޯޓީ ބުނެފި އެވެ.
ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ބްރެޒިލުން މޮރޮކޯއާ ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ނަމަވެސް ދެވަނަ މެޗުން ހެއިޓީ އަތުން 3-0 އިން މޮޅުވެ ބްރެޒިލުން ވަނީ ދެވަނަ ބުރުގެ ޖާގައަކާ ގާތަށް ޖެހިލައިފަ އެވެ. ބްރެޒިލުން ކުޅުނު ފުރަތަމަ ދެ މެޗުގައި ނޭމާ ކުޅެފައެއް ނުވެ އެވެ.
މިރޭގެ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން އެންޗެލޯޓީ ބުނީ ނޭމާ ފިޓުވެފައިވާ ކަމަށާއި މިރޭގެ މެޗުގައި ކުޅެން އޭނާ ހުރީ ތައްޔާރަށް ކަމަށެވެ. އަދި މުޅި މި ހަފްތާގައި ބްރެޒިލުން ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގައި ނޭމާ ބައިވެރިވި ކަމަށާއި އޭނާ އެނބުރި ކުޅުމުގެ ތެރެއަށް އަންނާތީ އެކަމާ އުފާވާ ކަމަށްވެސް އެންޗެލޯޓީ ބުންޏެވެ.
"ނޭމާއަށް 90 މިނެޓް ވެސް ކުޅެވޭނެ. ނޭމާ ވަރަށް ބުރަކޮށް މަސައްކަތް ކުރި އަދި ފަރިތަކުރުންތަށް ވެސް ވަރަށް ބަރާބަރަށް ކުރިއަށްގެންދިޔަ،" އެންޗެލޯޓީ ބުންޏެވެ.
ނޭމާ އަކީ ޓީމަށް ތަޖުރިބާ ވެސް ގެނެސްދޭ ކުޅުންތެރިއެއް ކަމަށާއި ފާއިތުވި ދުވަސްތަކުގައި ނޭމާގެ ފަރާތުން ފެނުނު ކަންކަމާއި ވެސް ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށްވެސް ކޯޗު ބުންޏެވެ.
މިއީ ނޭމާ ކުޅޭ ހަތަރުވަނަ ވޯލްޑް ކަޕެވެ.