Last Updated: June 24, 22:51
Wednesday, June 24, 2026
ރިޕޯޓް

ސަމޯއާ އެއްބަސްވުމާއި ގީލާ!

ދިވެހިރާއްޖެ އަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަކަށް ވީހިނދު، ގައުމުގެ ދީނީ އަދި އިޖުތިމާއީ ފޭރާމަށް ބުރޫއަރާ ފަދަ ކޮންމެ ނިންމުމަކީ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އޮންނާނެ ކަމެކެވެ. މިގޮތުން ފަހަކަށް އައިސް އެންމެ ބޮޑަށް ދެކެވޭ އެއް ވާހަކައަކީ "ސަމޯއާ އެއްބަސްވުން" ނުވަތަ "ސަމޯއާ އެގްރީމެންޓް" ގެ ވާހަކަ އެވެ.

މި އެއްބަސްވުމަކީ އޭގެ ޒާތުގައި އިސްލާމީ ޝަރީޢަތާއި ދިވެހި ސަގާފަތާ ފުށުއަރާ އެތައް ކަމެއް ހިމެނޭ އެއްބަސްވުމެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

މި ނުރައްކާތެރި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ގީލާ ޢަލީއެވެ. އިސްލާމީ އުސޫލުތަކަށް ނުރައްކާވެދާނެ ފަދަ މާއްދާތަކެއް ހިމެނޭ މިފަދަ އެއްބަސްވުމެއްގައި ސޮއިކުރެއްވި ބޭފުޅަކަށް، މިއަދު ސަރުކާރުން މި ވަނީ ހެލްތު މިނިސްޓަރުގެ މަތިވެރި މަގާމު ދެއްވައިފަ އެވެ.

މިކަމާ ގުޅިގެން ގިނަ ބައެއްގެ ހިތުގައި އުފެދޭ ބޮޑު ސުވާލަކީ، މިއީ ސަމޯއާ އެއްބަސްވުމުގައި ސޮއިކޮށް ދެއްވިކަމުގެ "ހަދިޔާއެއް" ނޫން ބާ އެވެ؟

ސިއްހީ ދާއިރާއަށް ބަލާއިރު، ގީލާ ޢަލީ އަށްވުރެ މާ ގާބިލު، ތަޖުރިބާކާރު އަދި އިލްމީ ގޮތުން ފުންނާބު އުސް އެތައް ސަތޭކަ ދިވެހިންނެއް މިއަދު ރާއްޖޭގައި އެބަތިއްބެވިއެވެ. އެފަދަ ގާބިލު ބޭފުޅުން ތިއްބަވައި، އާންމުންގެ ފާޑުކިޔުން އަމާޒުވެފައިވާ ބޭފުޅަކަށް މިފަދަ މުހިންމު ވުޒާރާއެއް ހަވާލުކުރުމަކީ ސަރުކާރުގެ ނިޔަތާ މެދު ސުވާލު އުފެދޭ ކަމެކެވެ. އަދި ހަމައެއާއެކު، ރާއްޖޭގައި ހިނގާ ކޮންމެ ކަމަކަށް ބަސްބުނެ، ކޮންމެ ކަމަކާ ފާޑުކިޔާ "އިލްމުވެރިން" މިކަމާ މެދު ހަނު ތިބުމަކީވެސް ހައިރާންވާންޖެހޭ ކަމެކެވެ. ދީނީ އަސާސްތަކާ ފުށުއަރާ ކަންކަމުގައި އަޑުއުފުލަންޖެހޭ ވަގުތު، ސިޔާސީ މަސްލަހަތަށްޓަކައި ހަނުތިއްބެވުމަކީ ދީނީ އިލްމުވެރިންގެ މައްޗަށް އޮތް އިތުބާރު ކުޑަވެގެންދާނެ ކަމެކެވެ.

މިހާރު އުފެދޭ އެންމެ ބޮޑު ބިރަކީ، ހެލްތު މިނިސްޓަރަކަށް ހުންނަވައިގެން، ގީލާ ޢަލީ ސަމޯއާ އެއްބަސްވުމުގެ ދަށުން ބާރުދޭ "ލިބަރަލް" ފިކުރުތައް ރާއްޖޭގައި ފަތުރުއްވަވަން މަސައްކަތް ކުރައްވާފާނެތީއެވެ. ޚާއްޞަކޮށް، 'ޓްރާންސްޖެންޑާ' ނުވަތަ ޖިންސު ބަދަލުކުރުން ފަދަ އިސްލާމްދީނުގައި ކަނޑައެޅިގެން ހަރާމްކުރައްވާފައިވާ ކަންކަމަކީ ހުއްދަ ކަންކަމުގެ ގޮތުގައި ހެއްދެވުމަށް ވަކާލާތު ކުރައްވައި، ސިޔާސަތުތައް އެމަގަށް ބައްޓަން ކުރައްވަން އެ ކަމަނާ މަސައްކަތް ނުކުރައްވާނެތޯ ބައެއް ފަރާތްތަކުން ދަނީ ކަންބޮޑުވުމާއެކު ސުވާލު އުފައްދަމުންނެވެ.

އެހެން ވާހަކައެކެވެ. ސިގިރޭޓް މިހާރު ވިއްކާ އަގަށްވުރެ ފަންސާސް އިންސައްތަ އަގުހެޔޮވާނެ ގޮތަށް އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް އިސްލާޙް ގެނައުމަށް ސަރުކާރުން ހުށަހެޅުމާ ގުޅިގެން މަޖިލީހުގައި ކުރެވުނު ސުވާލަކަށް ހެލްތު މިނިސްޓަރު ޖަވާބެއް ނުދެއްވިއެވެ. ހިތާމައާއެކު ފާހަގަކުރަންޖެހެނީ، ސަރުކާރުގެ މަތީފަންތީގެ ބޭފުޅުންގެ ފަރާތުން ފެންނަމުންދާ މިފަދަ ޢަމަލުތަކުގެ ސަބަބުން މިއަދު ސަރުކާރުގެ މައްޗަށް ރައްޔިތުންގެ އިތުބާރުގެއްލެމުންދާ ކަމެވެ.

ޤައުމުގެ މުސްތަޤްބަލާއި އަދި ޤައުމުގެ ދީނީ އަގުތައް ހިމާޔަތްކުރުމަށްޓަކައި، ސަރުކާރުގެ މަތީފަންތީގެ މަގާމުތަކަށް ބޭފުޅުން އައްޔަންކުރުމުގެ ކުރިން މިފަދަ ނިންމުންތަކަށް ވަރަށް ފަރުވާތެރިކަމާއެކު ވިސްނަންޖެހެއެވެ. ސަރުކާރުގެ މުހިންމު މަގާމުތަކަކީ ހަމައެކަނި ސިޔާސީ މަންފާއަކަށް ނުވަތަ އަމިއްލަ މަސްލަހަތަށް ބައްލަވައިގެން ދެވޭ މަގާމުތަކަކަށް ވެގެން ނުވާނެއެވެ. ސަރުކާރުގެ މަތީ މަސްއޫލިއްޔަތު ޙަވާލުކުރެވިފައިވާ ބޭފުޅުންގެ ވަފާތެރިކަމާއި، ޤައުމުގެ ދީނީ އުޞޫލުތަކަށް އިޙްތިރާމްކުރުމާއި، ރައްޔިތުންނަށް ޚިދުމަތްކުރުމުގައި އެ ބޭފުޅުންގެ ތެދުވެރިކަން ރައްޔިތުންނަށް ކަށަވަރުވާން ޖެހޭނެއެވެ.

ހަމަ އެފަދައިން ނަޒާހަތްތެރިކަމާއި، ޤާބިލުކަމާއި، ރައްޔިތުންގެ އިތުބާރު އޮތް ބަޔަކަށް އެބޭފުޅުން ވާންޖެހޭނެއެވެ. އިތުބާރަކީ ހެޔޮ ވެރިކަމެއް ހިންގުމަށް ކޮންމެހެން ބޭނުންތެރި އެއްޗަކަށް ވާތީއެވެ. ޝަރަފާއި، އަޚްލާޤާއި، ޤައުމީ މަސްލަހަތުގެ މައްޗަށް ބިނާކޮށް ބޭފުޅުން އައްޔަންކުރުމަކީ އާންމު މުއައްސަސާތައް ހަރުދަނާވެ، ހަމަޖެހުން ކުރިއަރުވައި، ޤައުމުގެ ދިގު މުއްދަތުގެ މުސްތަޤްބަލް ރައްކާތެރިކޮށް ދޭނެ ކަމެކެވެ