Last Updated: June 24, 22:51
Wednesday, June 24, 2026
ރިޕޯޓް

ހައްދުފަހަނައެޅުމާއި އަނިޔާވެރިކަމުގެ ޙަޤީޤީ މޫތައް (1)

ހަމަކަށަވަރުން މާތްﷲ އަޅުގަނޑުމެންނަށް ދީނެއް ކަމުގައި އިސްލާމްދީން ކަނޑައަޅުއްވައި، އެ ދީނަށް އަޅުކަންކުރުން ލާޒިމުކުރެއްވި އެވެ. އަދި އެނޫން އެހެން އެއްވެސް ދީނަކަށް އެކަލާނގެ ރުހިވޮޑިގެނެއް ނުވެއެވެ.

މާތްﷲ ވަޙީކުރައްވާފައިވާ އާޔަތެއްގެ މާނައިގައިވެއެވެ: ;މިއަދު ތިޔަބައިމީހުންގެ ދީން ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށް ދެއްވައިފީމެވެ. އަދި ތިމަންރަސްކަލާނގެ ނިޢުމަތް ތިޔަބައިމީހުންގެ މައްޗަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށް ދެއްވައިފީމެވެ. އަދި އިސްލާމްދީން ތިޔަބައިމީހުންނަށް ދީނެއްކަމުގައި ތިމަންރަސްކަލާނގެ ރުހިވޮޑިގެންފީމެވެ.; (المائدة: 3). އަދި ކިއެއްތަ، މީސްތަކުން ތަބާވާ ދީނެއްގެ ގޮތުގައި އިސްލާމްދީން ނޫން އެހެން ދީނެއް އެކަލާނގެ ޤަބޫލުފުޅެއް ނުކުރައްވާނެއެވެ.

މާތްﷲ ވަޙީކުރައްވާފައިވާ އާޔަތެއްގެ މާނައިގައިވެއެވެ: ;ހަމަކަށަވަރުން، ގެ ހަޟްރަތުގައި ދީނަކީ އިސްލާމްދީނެވެ. ; (آل عمران: 19). އަދިވެސް މާތްﷲ ވަޙީކުރައްވާފައިވާ އާޔަތެއްގެ މާނައިގައިވެއެވެ: ;އިސްލާމްދީން ފިޔަވައި އެހެން ދީނެއް އެދޭމީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ ކިބައިން އެކަން ޤަބޫލެއް ނުކުރައްވާ ހުއްޓެވެ. އަދި އާޚިރަތުގައި އޭނާ
ވާހުށީ ގެއްލުންލިބިގެންވާ މީހުންގެ ތެރެއިންނެވެ.; (آل عمران: 85).

އިސްލާމްދީނަކީ އެހެން ހުރިހާ ދީންތަކެއްގެ މެދުގައިވާ މެދުމިންގަނޑުގެ (ވަސަޠިއްޔަތުގެ) ދީނެވެ. ހަމައެފަދައިން ;އަހުލުއްސުންނާ ވަލްޖަމާޢަތުގެ; އަހުލުވެރިންނަކީ އިސްލާމީ ފިރުޤާތަކުގެ ތެރެއިން މެދުމިންގަނޑުގައިވާ މީހުންނެވެ. ބަޤަރާ ސޫރަތުގައި މާތްﷲ ވަޙީކުރައްވާފައިވާ އާޔަތެއްގެ މާނައިގައިވެއެވެ: ;ހަމައެފަދައިން، ތިމަންރަސްކަލާނގެ ތިޔަބައިމީހުން މެދުމިންގަނޑުގެ އުންމަތެއް ކަމުގައި ލެއްވީމެވެ. އެއީ ތިޔަބައިމީހުން މީސްތަކުންގެ މައްޗަށް ހެކިވެރިން ކަމުގައި ވުމަށާއި ރަސޫލާ ތިޔަބައިމީހުންގެ މައްޗަށް ހެކިވެރިއަކު ކަމުގައި ވުމަށެވެ.; (البقرة: 143)

ފަހެ، މެދުމިންގަނޑުގެ އުންމަތަކީ ޢަދުލުވެރިކަމާއި، އިންޞާފާއި އަދި ސީދާ މަގާއި ސުންނަތުގެ މަތީގައި ތިބޭ މީހުންނެވެ.

ޣުލުއްވު (ހައްދުފަހަނައެޅުން) ގެ މާނައާއި ޙަޤީޤަތް:

ބަހަވީ ގޮތުން ބަލާއިރު: ;ޣުލުއްވު; އަކީ ކަމެއްގައި މިންގަނޑަށްވުރެ ބޭރުވުމާއި ހައްދު ފަހަނައަޅައި ދިއުމެވެ.
ޝަރުޢީ ގޮތުން ޣުލުއްވުގެ ޙަޤީޤަތަކީ: ވާޖިބުވެގެންވާ ޝަރުޢީ މިންގަނޑަށްވުރެ އިތުރުވުމާއި އެ މިންގަނޑު ހުރަސްކުރުމެވެ.

މާތްﷲ ވަޙީކުރައްވާފައިވާ އާޔަތެއްގެ މާނައިގައިވެއެވެ: &qot;ތިޔަބައިމީހުންގެ ދީނުގައި ހައްދުފަހަނައަޅައި ނުދާށެވެ!
އަދި ﷲ އާ މެދު ޙައްޤު ބަސް މެނުވީ ނުބުނާށެވެ!&qot; (النساء: 171).

އިބްނު ޢައްބާސް رضي الله عنه ގެ ކިބައިން ރިވާވެގެންވެއެވެ: ޖަމްރާ އުކުމަށްޓަކައި ކުދި ހިލަކޮޅުތަކެއް ހޮއްވެވުމަށްފަހު ރަސޫލާ ޙަދީޘްކުރެއްވިއެވެ: ;މިފަދަ ހިލަކޮޅުތަކުން ތިޔަބައިމީހުން އުކާށެވެ. ދެން ޙަދީޘްކުރެއްވިއެވެ: އޭ މީސްތަކުންނޭވެ! ދީނުގައި ހައްދުފަހަނައެޅުމުން (ޣުލުއްވު) ތިޔަބައިމީހުން ސަމާލުވެ ރައްކާތެރިވާށެވެ! ހަމަކަށަވަރުން ތިޔަބައިމީހުންގެ ކުރީގެ އުންމަތްތައް ހަލާކުވެދިޔައީ ދީނުގައި ހައްދުފަހަނައެޅުމުގެ ސަބަބުންނެވެ.; (رواه أحمد وابن ماجه والحاكم وغيرهم)
މި ހުރިހާ ދަލީލުތަކުން އެނގެނީ ޝަރުޢީ ގޮތުން ޣުލުއްވުގެ މާނައަކީ: ;ދީނީ ކަންކަމުގެ ތެރެއިން ކަމެއްގައި ޝަރުޢީ ގޮތުން ކަނޑައެޅިފައިވާ މިންގަނޑަށްވުރެ ބޭރުވެ، އެކަމުގައި އިންތިހާއަށް ދިއުން; ކަމެވެ.

ތަޠައްރުފު (ހަރުކަށިކަން) ގެ މާނަ:

;ތަޠައްރުފު; އަކީ ކަމެއްގެ ދެކޮޅުން ކުރެ ކޮޅަކަށް ލެނބުމެވެ. މިއަދުގެ ޢާންމު އުޞޫލުގައި މި ލަފްޒު ބޭނުންކުރެވެނީ ވަކި ދީނެއް ނުވަތަ ޖަމާޢަތެއް ނުވަތަ ޕާޓީއަކަށް ޚާއްޞަވާ ޢަޤީދާއެއް ނުވަތަ ފިކުރެއް ނުވަތަ މަޛްހަބެއްގައި ހައްދުފަހަނައަޅައި ދިއުމަށެވެ.

އިރުހާބު (ޓެރަރިޒަމް) ގެ މާނަ:

ބަހަވީ ގޮތުން ;އިރުހާބު; އަކީ ބިރުގަންނަވައި ސިއްސުވައިލުމެވެ. ޝަރުޢީ ގޮތުން މިއީ ދެ ބަޔަކަށް ބެހިގެންވާ ކަމެކެވެ:

1. ޝަރުޢީ ގޮތުން ހުއްދަ ބިރުވެރިކަން:

 މާތްﷲ ވަޙީކުރައްވާފައިވާ އާޔަތެއްގެ މާނައިގައިވެއެވެ: ;އަދި ތިޔަބައިމީހުންނަށް ކުޅަދާނަވީ ވަރަކުން ބާރާއި، އަސްތައް ތައްޔާރުކުރާށެވެ. އޭގެ ސަބަބުން ގެ ދުޝްމަނުންނާއި ތިޔަބައިމީހުންގެ ދުޝްމަނުން ބިރުގަންނަވައިލުމަށެވެ.; (الأنفال: 60) މިއީ ދީނަށް ހުރަސްއަޅާ ކާފިރުންނާއި އުދުވާނުތަކުން ސަލާމަތްވުމަށްޓަކައި ޖިހާދުގެ ތެރެއިން އޮންނަ ކަމެކެވެ.

2. މަނާކުރެވިފައިވާ ޓެރަރިޒަމް:

މިއީ އަމާންކަމާއެކު ދިރިއުޅޭ މުސްލިމުންނާއި، ޣައިރު މުސްލިމުން (ޒިންމީންނާއި މުޢާހިދުން) ބިރުގަންނަވައި، އެމީހުންގެ ހިތްތަކަށް ބިރުވެރިކަން ވެއްދުމެވެ. މިއީ އަނިޔާވެރިކަމާއި ބޮޑުވެގެންވާ ފަސާދައެކެވެ. އިސްލާމީ ފިޤުހު އެކަޑަމީން މާނަކުރާ ގޮތުގައި ޓެރަރިޒަމަކީ މީހެއްގެ ދީނާއި، ލެޔާއި، ބުއްދިއާއި، މުދަލާއި އަދި އަބުރަށް އުދުވާނީ ގޮތުން އަރައިގަތުމެވެ. މީގެ ތެރޭގައި ބިރުދެއްކުމާއި، އަނިޔާކުރުމާއި، ޙައްޤަކާ ނުލައި މީހުން މެރުން ފަދަ ކަންކަން ހިމެނެއެވެ. މިއީ މާތްﷲ ނަހީކުރައްވާފައިވާ ބޮޑު ފަސާދައެވެ.

ޢުންފު (އަނިޔާވެރިކަން) ގެ މާނަ:

އަނިޔާވެރިކަމަކީ އޯގާތެރިކަމުގެ (ރިފްޤުގެ) އިދިކޮޅެވެ. މިއީ ބަހާއި ޢަމަލުގައި އަދި ފިކުރުގައި ހަރުކަށިވުމެވެ.
އަނިޔާވެރިކަމަކީ ހައްދުފަހަނައެޅުމާއި ހަރުކަށިކަމުގެ ނަތީޖާއެކެވެ.

ހައްދުފަހަނައެޅުމާއި ހަރުކަށިކަމާ ހުރި ގުޅުން:

ޙަޤީޤަތުގައި ޣުލުއްވު (ހައްދުފަހަނައެޅުން) އަކީ އިފްރާޠުގެ (މިންގަނޑަށްވުރެ އިތުރުވުމުގެ) އެންމެ މަތީ ދަރަޖައެވެ. ތަޠައްރުފު (ހަރުކަށިކަން) އަކީ މެދުމިންގަނޑާ ދުރަށް ދިއުމެވެ. އެއީ އިތުރުވުމުގެ ގޮތުން ކަމުގައިވިޔަސް ނުވަތަ އުނިވުމުގެ (ތަފްރީޠު) ގޮތުން ކަމުގައިވިޔަސްމެއެވެ. އެހެންކަމުން ކޮންމެ ޣުލުއްވުއަކީ ތަޠައްރުފުއެކެވެ. ނަމަވެސް ކޮންމެ ތަޠައްރުފުއަކީ ޣުލުއްވުއެއް ނޫނެވެ.

އިސްތިޤާމާ (ސީދާ މަގުގައި ހުރުމާއި) ހައްދުފަހަނައެޅުމާ ހުރި ތަފާތު:

ދީނުގެ ނައްޞުތަކުގައި ހިފެހެއްޓުމަކީ ހައްދުފަހަނައެޅުމެއް ނޫނެވެ. ޞަޙާބީ ބޭކަލުންނަކީ ދީނުގެ ނައްޞުތަކުގައި އެންމެ ބޮޑަށް ހިފެހެއްޓެވި ބޭކަލުންނެވެ. ނަމަވެސް އެބޭކަލުންނަކީ ހަރުކަށި ބައެއް ނޫނެވެ.

ޙަޤީޤީ އިސްތިޤާމާ އަކީ ޞައްޙަ ޢިލްމާއި ސަލާމަތްތެރި ވިސްނުމުގެ މައްޗަށް ބިނާވާ ކަމެކެވެ. ނަމަވެސް ދީނުގެ ކަންކަމަށް ފަރުވާކުޑަކުރާ މުޖުތަމަޢުތަކުގައި، ދީނުގެ ސުންނަތުގައި ހިފަހައްޓާ މީހުންނަކީ ހަރުކަށި ނުވަތަ ޓެރަރިސްޓުން ކަމުގައި ބުނެ އަބުރު ކިލާކުރެއެވެ. މިއީ ދީނުގެ ޙުކުމްތަކަށް ފަރުވާކުޑަކުރާ މީހުން، އެމީހުންގެ އުނިސިފަތައް ފޮރުވުމަށްޓަކައި ބޭނުންކުރާ ހަތިޔާރެކެވެ.

ޝައިޚް މުޙައްމަދު ބިން ޢަބްދުލްވައްހާބު –رحمه الله– ގެ އިޞްލާޙީ ދަޢުވަތަށްވެސް މީހުން މިފަދަ ތުހުމަތުތައް އަމާޒުކުރިއެވެ. އެއީ މީސްތަކުން ކާފިރުކުރާ (ތަކްފީރުކުރާ) ބައެއް ކަމަށް ބުނެ ނުވަތަ އެއީ ޚަވާރިޖުން ކަމަށް ބުނެ، ހަރުކަށިކަމާއި ހައްދުފަހަނައެޅުމުގެ ލަގަބުތައް އެ ދަޢުވަތަށް ނިސްބަތްކުރިއެވެ. ނަމަވެސް އެއީ ޝަރުޢީ މިންގަނޑުތަކާ އެއްގޮތަށް ބަލާއިރު އެއްވެސް އަޞްލެއް ނެތް ތުހުމަތުތަކެކެވެ. އެފަދަ ލަގަބުތަކަކީ ޝަރީޢަތުގައި ހަރުކަށި، ފިޤުހުވެރިކަމެއް ނެތް މީހުންނަށް ދެވޭ ސިފަތަކަކަށް ވީއިރު، އެ އިޞްލާޙީ ދަޢުވަތަކީ އެކަންކަމުން މުޅިން ބަރީއަވެގެންވާ ދަޢުވަތެކެވެ.

ފާހަގަކުރެވޭ ކަމަކީ، ދީނުގެ ނައްޞުތަކާއި، އޭގެ މާނަތަކުގައި ހިފަހައްޓާ މީހުންނަކީ ހަރުކަށި ބައެއްގެ ގޮތުގައި ފެންނަނީ، ދީނުގެ ކަންކަމުގައި އިހުމާލުވެ، ފަރުވާކުޑަކޮށް، އިސްލާމީ މަންހަޖު ފާޅުކުރުމުގައި އުނިކަން ހުންނަ މީހުންގެ ނަޒަރުގައެވެ. މިއީ އެމީހުންގެ ކިބައިގައި ހުރި އުނިކަމާއި އިހުމާލުގެ ސަބަބުން އުފެދޭ ތަޞައްވުރެކެވެ.

މިސާލަކަށް ބަލާ ނަމަ، ދީނުގެ ކަންކަމުގައި ފަރުވާކުޑަކުރާ މީހުން، ދީނުގެ ޙުކުމްތަކުގައި ސާބިތުވެ ތިބޭ މީހުންނަށް ހަރުކަށި، ހައްދުފަހަނައަޅާފައިވާ ނުވަތަ ޓެރަރިސްޓުންގެ ނަންދެނީ، އެމީހުން އުޅޭ ގޮތަކީ އިސްލާމްދީނުގެ މެދުމިންގަނޑު ކަމަށް ދެއްކުމަށެވެ. ނަމަވެސް ޙަޤީޤަތުގައި އެއީ މެދުމިންގަނޑެއް ނޫނެވެ. އެއީ އިސްލާމްދީނުގެ ބައެއް ޝިޢާރުތަކާއި ޙުކުމްތަކުގައި ފަރުވާކުޑަކުރުމެވެ. މެދުމިންގަނޑާއި ޢަދުލުވެރިކަން އޮތީ ގެ ދީނުގަ އެވެ.

ކޮންމެއަކަސް، ވަކި ބަޔަކަށް ހަރުކަށި ނުވަތަ ހައްދުފަހަނައަޅާފައިވާ ބައެއްގެ ތުހުމަތު އެޅުވުމުގެ މައިގަނޑު މަޤްޞަދަކީ، އެބަޔަކާ މެދު މީހުންގެ ހިތްތަކުގައި ނަފުރަތު އުފައްދައި، އެމީހުންނާ ދުރުކުރުވުމެވެ. އެއީ އެމީހުން ޝަރުޢީ އިމުން ބޭރުވެފައިވާތީ ކުރާ ކަމެއް ނޫނެވެ. މިއީ ޝަރުޢީ މުޞްޠަލަޙްތައް (ލަފްޒުތައް) އޭގެ ޙަޤީޤީ މާނައިން ބޭރުކޮށް، އަމިއްލަ އެދުމާއި، ސިޔާސީ މަޤްޞަދުތަކާއި، ވަކިވަކި މަޞްލަޙަތުތައް ޙާޞިލުކުރުމަށް ބޭނުން ކުރުމެވެ. އެހެންކަމުން، ޝަރުޢީ މާނަތައް މިފަދަ ހަނި މަޤްޞަދުތަކުގައި ބޭނުން ކުރުމަކީ އޭގެ ނޭދެވޭ އަސަރު މުޅި އުންމަތަށް ކުރާނެ ކަމެކެވެ.

ނޯޓް: މި ލިޔުމަކީ ޑ. ޢަލީ އައްޝިބްލު ލިޔުއްވާފައިވާ ލިޔުމެއްގެ ޚުލާސާއެކެވެ.
ތަރުޖަމާ: އަޙްމަދު ރިމާޒު