ސަރުކާރުން ޓެކްސީ ލައިންގެ ހިދުމަތް ފެށުމާ ގުޅިގެން މާލެ ސަރަހައްދުގައި ޓެކްސީގެ ހިދުމަތް ދެމުން ދިޔަ 500 އަށް ވުރެ ޓެކްސީ ޑްރައިވަރުންގެ އާއިލާތަކުގެ އާމްދަނީ އަސް ހުރަސް އެޅިފައިވާ ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފި އެވެ.
އެ ޕާޓީގެ ޗެއާޕާސަން މުހައްމަދު ނަޝީދުއާ މި މަހުގެ 21 ގައި ޑްރައިވާސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޑޭމް) އިން ބޭއްވި ބައްދަލުވުމާ ގުޅިގެން ނެރުނު ބަޔާނެއްގައި އެ ޕާޓީން މިއަދު ބުނީ ޓެކްސީ ލައިންގެ ހިދުމަތް ޓެކްސީގެ ޚިދުމަތް ފޯރުކޮށްދޭ 500 އަށް ވުރެ ގިނަ ޑްރައިވަރުންގެ އާމްދަނީ އަށާއި، ޓެކްސީ ސެންޓަރުތަކާއި ޑްރައިވަރުން ކޮށްފައިވާ އިންވެސްޓްމަންޓުތަކަށް ވެސް ރިޢާޔަތް ކުރުމެއް ނެތި ކަމަށެވެ.
އެހެންވެ އެކަމުގެ ސަބަބުން ޓެކްސީގެ ޚިދުމަތް ފޯރުކޮށްދޭ އަމިއްލަ ފަރާތްތަކުގެ ވިޔަފާރީގެ ދެމެހެއްޓެނިވި ކަމާ މެދު ސުވާލު އުފެދި، 500 އަށް ވުރެ ގިނަ ޑްރައިވަރުންގެ ޢާއިލާތަކުގެ އާމްދަނީގެ ކަށަވަރުކަމަށް ހިޔަނި އެޅިފައިވާ ކަމަށް އެމްޑީޕީން ބުންޏެވެ.
އަދި ވިލިމާލެ އާއި ގުޅީފަޅު އަދި ގިރާވަރުފަޅާއި، މާލެ އަދި ހުޅުމާލެ ގުޅިގެން ދާއިރު، ޓެކްސީ ޚިދުމަތް ފުޅާކޮށް، ރަނގަޅަށް އަމިއްލަ ވިޔަފާރިއެއްގެ ގޮތުގައި ހިންގޭން އޮތް ކަމަށް ދެކޭ ކަމަށް އެ ޕާޓީން ބުންޏެވެ.
އެހެންވެ މިއީ ޓެކްސީގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ސަރުކާރުން އެހީތެރިކަމާއި ހިތްވަރު ދޭންވީ ވަގުތު ކަމަށާއި މިއީ ޓެކްސީ ފީ ނެގުން މީޓަރު އުޞޫލަށް ބަދަލު ކުރަންވީ ވަގުތު ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.
މީގެ އިތުރުން، ޓެކްސީ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް، ދަނޑުވެރިންނާއި މަސްވެރިންނަށް ސަރުކާރުގެ ފަރާތުން ލިބޭ ބާވަތުގެ އެއްވެސް ލުޔެއް ނުވަތަ އެހީއެއް ފޯރުކޮށް ނުދޭއިރު، ސްޕެޔަ ޕާޓްސްގެ އިމްޕޯޓު ޑިއުޓީ 200 ޕަސެންޓަށް ބޮޑުކޮށްފައިވާ ކަމަށް ޑޭމްގެ މަންދޫބުން ފާހަގަ ކުރެއްވި ކަންބޮޑުވުންތަކުގައި ހިމެނޭ ކަމަށް ވެސް ބުންޏެވެ.
"ޢާންމު ދަތުރުފަތުރުގެ ނިޒާމު އެކަށީގެންވާ ގޮތެއްގައި ޤާއިމު ކުރުމަށާއި، ޓެކްސީ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ޚިދުމަތް ފޯރުކޮށް ދިނުމުގައި ޢާންމުން ކުރިމަތިލާން ޖެހޭ ދަތި އުނދަގޫތަކަށް ފަރުވާ ހޯދުމަށް ކަމާބެހޭ އެންމެހައި ފަރާތްތަށް މަޝްވަރާކޮށް، ޙައްލު ހޯދުން ކޮންމެހެން ބޭނުންތެރި ކަމުގައި މި ޕާޓީން ދެކެން." އެމްޑީޕީގެ ބަޔާނުގައި ބުންޏެވެ.
އެހެންވެ އަމިއްލަ ވިޔަފާރިތަކުގެ ތެރެއަށް ސަރުކާރުން ނުވަނުމަށް ގޮވާލާ ކަމަށް އެ ޕާޓީން ނުންޏވެ. އަދި ސިޔާސަތު އެކުލެވުމާއި، ރެގިއުލޭޓަރެއްގެ ހައިޘިއްޔަތުން ޚިދުމަތާ ގުޅޭ ސިޔާސަތުތައް އެކުލެވުމާއި، ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމާއި، ރެގިއުލޭޓަރެއްގެ ރޯލުގެ އިމުގެ ތެރެއަށް ސަރުކާރު ރުޖޫޢަވުމަށް ވެސް ގޮވާލާފައިވެ އެވެ.
އެމްޓީސީސީއާ ހަވާލުކޮށްގެން ދެމުން އަންނަ ޓެކްސީ ލައިންގެ ހިދުމަތް ތައާރަފުކުރީ އެޕްރީލް 2 އެވެ. އަދި އެ ހިދުމަތް ސަރުކާރުން ފެށީ އެކަން ހުއްޓާލަން ޑްރައިވަރުންގެ ޖަމިއްޔާ އިން ގޮވާލަމުން ދަނިކޮށެވެ.