އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށް މުޙައްމަދު ޝަކީލު މިއަދު ޢައްޔަންކޮށްފި އެވެ.
މެންބަރު ކަމަށް އޭނަ އައްޔަންކުރީ މިއަދު ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި އެވެ. އެ ރަސްމިއްޔާތުގައި ޝަކީލު ވަނީ ކޮމިޝަނުގެ މެންބަރުކަމުގެ ހުވާ ކުރައްވައި، ހުވާގެ އިޤްރާރުގައި ސޮއިކުރައްވައިފަ އެވެ.
ޝަކީލަށް މެންބަރުކަމުގެ ހުވާލައި ދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު މުޙައްމަދު ސަލީމެވެ. އެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަންކުރެއްވިކަމުގެ ލިޔުން ޝަކީލާ ޙަވާލުކޮށް ދެއްވައިފަ އެވެ.
އޭނަ އެންމެ ފަހުން ހުންނެވީ ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގަ އެވެ. އީސީ އަށް އައްޔަންކުރަން ޝަކީލަށް ރައްޔިތުންގެ މަޖިލީހުން އިއްޔެ ރުހުން ދިނުމުން އޭނަ ވަނީ ހައްޖު ކޯޕަރޭޝަނުން އިއްޔެ އިސްތިއުފާ ދެއްވައިފަ އެވެ.
ޝަކީލަކީ ކުރިން ވެސް އީސީގެ މެންބަރުކަމާއި އެ ކޮމިޝަންގެ ޑިރެކްޓަ ޖެނެރަލްކަން ކުރެއްވި ބޭފުޅެކެވެ.
އޭނަ އީސީގެ މެންބަރު ކަމަށް އައްޔަންކުރީ ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ޒާހިދު މިދިޔަ މަހުގެ 1 ގައި އިސްތިއުފާ ދެއްވުމުން މެންބަރެއްގެ މަގާމު ހުސްވުމުންނެވެ.