Last Updated: June 24, 22:51
Wednesday, June 24, 2026
ޚަބަރު

ބީއެމްއެލުން އިތުރު 30 ވީލްޗެއާ ހަދިޔާކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގާބިނގާވެ އުޅުމުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް، އެހީތެރިވުމަށް ހިންގަމުން އަންނަ ޕްރޮގްރާމުގެ ދަށުން، އިތުރު 30 ވީލްޗެއާ ހަދިޔާކޮށްފި އެވެ.

މި ޕްރޮގްރާމްގެ ދަށުން، މިހާތަނަށް 105 އަށްވުރެ ގިނަ ރަށެއްގައި ދިރިއުޅޭ ފަރާތްތަކަށް 360 އަށްވުރެ ގިނަ ވީލްޗެއާ ވަނީ ފޯރުކޮށްދެވިފައިވާ ކަމަށް ބީއެމްއެލުން ބުނެއެވެ.

އެ ބޭންކުން މިފަހަރުވެސް ވަނީ އެކި ފަރާތްތަކުގެ ބޭނުންތަކަށް ރިއާޔަތްކޮށް، މި ޕްރޮގްރާމް އިތުރަށް ފުޅާކޮށްފައެވެ. އެގޮތުން، އަމިއްލައަށް ދުއްވޭ މޮޓޮރައިޒްޑް ވީލްޗެއާގެ އިތުރުން، ބީއެމްއެލް އިން ވަނީ ހާއްސަ 'މެނުއަލް' ވީލްޗެއާތަކެއްވެސް ހަދިޔާކޮށްފައެވެ.

ވީލްޗެއާތަކަކީ އަމިއްލައަށް ހިނގާބިނގާވެ އުޅުމުގައި އާއިލާގެ ނުވަތަ އެހީތެރިންގެ އެހީތެރިކަން ބޭނުންވާ ކުޑަކުދީންނާއި ބޮޑެތި މީހުންނަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ ވީލްޗެއާތަކެކެވެ.

މި ޕްރޮގްރާމަކީ އިޖުތިމާއީ ޒިންމާގެ ދަށުން މުޖުތަމައުގެ ދުޅަހެޔޮކަމަށް ބޭންކުން ދޭ އަހައްމިއްޔަތުކަން ހާމަކޮށްދޭ ކަމެކެވެ. މީގެ މައިގަނޑު މަގުސަދަކީ މި އެހީ ލިބޭ ފަރާތްތަކަށާއި އެ ފަރާތްތަކުގެ އާއިލާތަކުގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، މިނިވަންކަމާއެކު އުޅުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.