އައްޑޫ ސިޓީ ކައުންސިލުން މި ހަފުތާގައި މާލެ އަށް ކުރި ދަތުރުގައި ވަރަށް ބައެއް މިނިސްޓްރީތަކާ ބައްދަލުކޮށް އެ މީހުންގެ ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފި އެވެ.
މާލޭގައި ރޭ ބޭއްވި ނޫސް ކޮންފަރެންސްގއި ޑެޕިއުޓީ މޭޔަރު އަބްދުﷲ ތައްޔިބު (ޓޮމް) ވިދާޅުވީ ދާދި ފަހުން ލާމަރުކަޒީ ނިޒާމަށް ގެނައި ބަދަލުތަކާ ގުޅިގެން ކައުންސިލްތައް ހިންގުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށެވެ.
އޭނާ ވިދާޅުވީ މިނިސްޓްރީތަކުގެ މެނިޑޭޓްގައި ގިނަ ކަންތައްތަކެއް ހުރި އިރު އައްޑޫގެ ތަރައްޤީ އަށް މިނިސްޓްރީތަކުން މާ ބޮޑު މަސައްކަތްތަކެއް ކުރާތަން ނުފެންނަ ކަމަށެވެ.
އެހެންކަމުން އައްޑޫ ސިޓީ ކައުންސިލްގެ ޓީމެއް މާލެ އައިސް އެކި މިނިސްޓްރީތަކަށް ޒިޔާރަތްކޮށް ދަތިތަކާ މެދު މަޝްވަރާކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
ޓޮމް އަދި ވިދާޅުވީ އައްޑޫ ތަރއްގީ އަށް ގިނަ ކަންތައްތަކެއް ކޮންމެ އަހަރެއްގެ ބަޖެޓްގައި ހިމަނާފައިވީ ނަމަވެސް، އަހަރު ނިމިގެން ދާއިރު ވެސް އެއިން ކަމެއް ކުރަން ވެސް ފެށިފައި ނުވާ ކަމަށެވެ.
"ސަރުކާރުގެ މެނިފެސްޓޯ ތަންފީޒު ކުރުމަށްޓަކައި، އައްޑޫ ސިޓީ ކައުންސިލުން ސަރުކާރަށް އެހީ ބޭނުން ވަނީ، ކޮން ދާއިރާއަކުންކަން އެނގެން ބޭނުންވޭ،" އޭނާ ވިދާޅުވި އެވެ.
ޓޮމް ވިދާޅުވީ ދާދި ފަހުން ބޭއްވި ކައުންސިލަރުންގެ މަހާސިންތާ ތިން ދުވަހަށް ދެމިގެން ދިޔައިރު ވެސް ސަރުކާރުގެ އެއްވެސް ވަޒީރަކު ވެސް އަދި ޕޮލިސީ ލެވެލްގެ އެއްވެސް ބޭފުޅަކު މަހާސިންތާއަށް ވަޑައިނުގަންނަވާ ކަމަށެވެ،
"އެހެންވީމާ ސަރުކާރަށް ރައްޔިތުންގެ އަޑު ފޯރުކޮށް ދިނުމުގައި އުނދަގޫތަކެއް އެބަ ކުރިމަތިވޭ،" އޭނާ ވިދާޅުވި އެވެ.

