ވައްކަން ކުރާ ސަރުކާރުތަކަށް ރައްޔިތުން ނޫނެކޭ ބުނެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ (ގަޕޯ) ދެއްކެވި ވާހަކަތަކާ ގުޅިގެން އަބްދުއްރަހީމް ވިދާޅުވީ ވައްކަން ކުރި ސަރުކާރުތަކާއި ދޭތެރޭގައި ރައްޔިތުން އަމަލުކުރި ގޮތް މާޒީގައި ދެކެފައިވާ ކަމަށާއި އެގޮތުން ވައްކަން ކުރާ ސަރުކާރުތަކަށް ރައްޔިތުން ނޫނެކޭ ބުނެފައިވާ ކަމަށެވެ.
"ވައްކަން ކުރާ ސަރުކާރުތަކަށް ނޫނެކޭ ބުނެ، ހެޔޮ ވެރިކަމެއްގެ ބޭނުމުގައި 2023 ގައި ގެނައި މި ވެރިކަމުން، ރައްޔިތުންގެ މަޖިލީހުން ހެޔޮވެރިކަމެއް ގާއިމްކުރުމަށްޓަކައި ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
މިއަދުގެ ޖަލްސާގައި ސިނގިރޭޓްގެ އަގު ބޮޑުކޮށްގެން ސަރުކާރުން ވައްކަންކުރި ކަމަށް އެމްޑީޕީގެ މެންބަރުން ތުހުމަތުކޮށް ވާހަކަ ދެއްކިއިރު، ޕީއެންސީގެ މެންބަރުން ވަނީ ރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ދިފާއުގައި ވާހަކަދައްކާފަ އެވެ.
ދުންފަތުގެ އިމްޕޯޓު ޑިއުޓީ ހަތަރު ރުފިޔާއަށް ކުޑަކުރަން ރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫން އިސްލާހުކުރަން ހުށަހެޅީ ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް އެވެ.
ދުންފަތުގެ އިމްޕޯޓް ޑިއުޓީ އަށް އެންމެ ފަހުން ބަދަލު ގެނައީ ނޮވެމްބަރު 2024 ގަ އެވެ. އެ ފަހަރު ވަނީ ސިނގިރޭޓުން ނަގާ ޑިއުޓީ 3.30ރ. އިން 8ރ. އަށް ބޮޑުކޮށްފަ އެވެ.
ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހެޅާ ސަބަބުގެ ގޮތުގައި ބުނެފައިވަނީ، ސިނގިރޭޓަކުން ނަގާ ޑިއުޓީއަކީ 4 ރުފިޔާ ކަމުގައި ހަމަޖައްސަައި، އޭގެ އެޑްވެލޮރަލް ޑިއުޓީގެ ގޮތުގައި ނަގާ އަދަދަކީ 30 ޕަސެންޓް ކަމަށް ހަމަޖެއްސުން ކަމަށެވެ. އަދި ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުވުމަށް ހާއްސަކޮށް ތައްޔާރު ކޮށްފައި ހުންނަ ނިކޮޓިން ޗުއިންގަމާއި ނިކޮޓިން ޕެޗާއި އެފަދަ އެހެނިހެން ބާވަތްތަކުން ޑިއުޓީ ދައްކަން ނުޖެހޭ ގޮތަށް ހަމަޖެއްސުމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ ބަދަލު ގެނައުން ވެސް މި ބިލު ހުށަހެޅުމުގެ ބޭނުމުގެ ގޮތުގައި ވަނީ ފާހަގަ ކޮށްފައެވެ.