އެބޯލާ ވައިރަސް ޖެހިފައިވާ މީހަކު ފްރާންސް އިން ފެނިއްޖެ އެވެ.
މީޑިއާތަކުން ބުނީ އެ ގައުމުން އަލަށް ބަލި ޖެހިފައި ވަނީ އެބޯލާގެ ހާލަތު މިހާރު ވަރަށް ގޯސްކޮށް އޮތް ކޮންގޯ އަށް ހިއުމަނިޓޭރިއަން މިޝަނެއްގައި ޒިޔާރަތްކުރައްވައި އެނބުރި ވަޑައިގަތް ޑޮކްޓަރަކަށް ކަމަށެވެ. އޭނަ އަށް ބަލިޖެހިފައިވާކަން އެނގުމާ އެލި ހާއްސަ ފެސިލިޓީއެއްގައި ކަރަންޓީނުވެވަޑައިގެން، ފަރިވާ ހޯއްދަވަމުން ގެންދަވާ އިރު، ހާލަތު ރަނގަޅު ކަމަށް ބުނެފައިވެ އެވެ.
މިކަމާ ގުޅިގެން ފްރާންސްގެ ހެލްތު މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެބޯލާގެ ކޭހެއް ފްރާންސުން ފެނުނު ނަމަވެސް އެ ގައުމުގައި ބެލި ފެތުރުމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށެވެ.
ކޮންގޯ އިން އެބޯލާގެ 1،000 އަށް ވުރެ ގިނަ ކޭސް ރިޕޯޓްކޮށްފައިވާ އިރު، އެ ބަލީގައި މަރުވި މީހުންގެ އަދަދު 260 އަށް ވުރެ ގިނަ އެވެ.