Last Updated: June 25, 23:09
Thursday, June 25, 2026
ޚަބަރު

ފޭކު ސަނަދު ގެންގުޅުން ޖިނާއީ ކުށަކަށް ހަދަން މަޖިލީހަށް

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ)

ރާއްޖޭގައި ފޭކު ސަނަދުތައް ގެންގުޅުމާއި ސަނަދު ފޯޖުކުރުން އިތުރުވަމުންދާތީ، އެއީ ޖިނާއީ ބޮޑު ކުށަކަށް ހަދަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ.

މި މައްސަލަ ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް، އެޑްރެސްކޮށް ކުޑޫ ފޮނުއްވި ސިޓީގައި އެދިފައިވަނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އަށް ދިމާވެފައިވާ ގޮންޖެހުންތައް ދެނެގަތުމަށް އެ އިދާރާގެ އިސްވެރިން މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކުރުމެވެ. ކުޑޫ ފާހަގަކުރެއްވި ގޮތުގައި، ސައްހަ ނޫން ސަނަދުތައް ގިނަވުމުގެ ސަބަބުން ރާއްޖޭގެ ތައުލީމީ ނިޒާމަށް އޮތް އިތުބާރު ގެއްލި، ވަޒީފާގެ ބާޒާރުގައި ހުނަރުވެރިކަން ކުޑަ މުވައްޒަފުން އިތުރުވުމުގެ ބިރު އެބައޮތެވެ.

އަދި ބައިނަލްއަގުވާމީ ފެންވަރުގައި ރާއްޖޭގެ ތައުލީމީ ނިޒާމުގެ އަގު ވެއްޓި، ރާއްޖޭގެ ސަނަދުތައް ބޭރު ގައުމުތަކުން ބަލައިނުގަތުމުގެ މައްސަލަތައް ވެސް ކުރިމަތިވާ ކަމަށް ފާހަގަކުރެއްވި އެވެ.

މި މައްސަލަ ހައްލުކުރުމަށް ކުޑޫ ހުށަހެޅުއްވި ކަންކަން:

އަދަބު ހަރުކަށިކުރުން: މިހާރު އޮންނަ 10,000 ރުފިޔާގެ ޖޫރިމަނާ އާއި 1-2 އަހަރުގެ ޖަލު ހުކުމުގެ ބަދަލުގައި، މިއީ ޖިނާއީ ބޮޑު ކުށަކަށް ހަދައި އަދަބު ބޮޑުކުރުން

ނަން ހާމަކުރުން: ފޭކު ސަނަދު ދޫކުރާ ފަރާތްތަކާއި އެ ބޭނުންކުރާ މީހުންގެ ނަން އާންމުކުރުން

ޓެކްނޮލަޖީގެ ބޭނުން ހިފުން: ބްލޮކް ޗެއިން ޓެކްނޮލަޖީ މެދުވެރިކޮށް ސަނަދުތައް ބަދަލުނުކުރެވޭނެ ގޮތް ހެދުމާއި، ކޮންމެ ސަނަދެއްގައި ކިއުއާރް ކޯޑެއް ހިމެނުން.

ގައުމީ ރަޖިސްޓްރީ: އެމްކިއުއޭ އިން ގަބޫލުކުރާ ހުރިހާ ސަނަދެއް ފެންނާނެ އޮންލައިން ނިޒާމެއް ގާއިމުކުރުން.