Last Updated: June 25, 23:09
Thursday, June 25, 2026
ކުޅިވަރު

ބްރެޒިލް އާއި މޮރޮކޯ ދެވަނަ ބުރަށް

ފީފާ ވޯލްޑް ކަޕްގައި މިރޭ ސްކޮޓްލެންޑް އަތުން 3-0 އިން މޮޅުވެ، ބްރެޒިލުން ގްރޫޕް ސީގެ އެއްވަަނަ ހޯދިއިރު، ހެއިޓީ އަތުން 4-2 އިން މޮޅުވެ، މޮރޮކޯ އިން ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރުން ޖާގަ ހޯދައިފި އެވެ.

ގްރޫޕް ސީގެ އެއްވަނަ ބްރެޒިލުން ހޯދީ ތިން މެޗުން ހަތް ޕޮއިންޓު ހޯދައިގެންނެވެ. ދެވަނަ ހޯދި މޮރޮކޯ އަށް ވެސް ވަނީ ތިން މެޗުން ހަތް ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި ނިންމި ސްކޮޓްލެންޑަށް ލިބުނީ ތިން ޕޮއިންޓެވެ. ހެއިޓީން މުބާރާތް ނިންމާލީ ޕޮއިންޓެއް ނުލިބި އެވެ.

އެމެރިކާގެ މަޔާމީ ސްޓެޑިއަމްގައި ކުޅުނު މެޗުގެ ހަތް ވަަނަ މިނެޓްގައި ސްކޮޓްލެންޑްގެ ފަހަތުން ހެދި ގޯހެއްގެ ފައިދާނަގައި، ވިނީޝަސް ޖޫނިއާ ވަނީ ބްރެޒިލަށް ލީޑު ނަގައިދީފަ އެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން ބްރެޒިލްގެ ދެވަނަ ގޯލުވެސް ކާމިޔާބުކޮށްދިނީ ވިނީޝަސް އެވެ. މި ދެ ގޯލާއެކު މިފަހަރުގެ ވޯލްޑް ކަޕްގައި ވިނީޝަސް ކާމިޔާބުކުރި ގޯލުގެ އަދަދު ވަނީ ހަތަރަކަށް އަރައިފަ އެވެ.

ބްރެޒިލްގެ ތިންވަނަ ގޯލު މެޗުގެ 60 ވަނަ މިނެޓްގައި ބްރޫނޯ ގިމާރޭސް ހުސްކޮށްލާފައި ދިން ބޯޅައަކުން ކާމިޔާބުކުރީ މަޓެއުސް ކުންޔާ އެވެ. މިއީ އޭނާ މި ވޯލްޑް ކަޕް ކާމިޔާބުކުރި ތިންވަނަ ގޯލެވެ.

މެޗަށް ނިކުތްއިރު ވެސް މުބާރާތުން ކަޓާފައިވާ ހެއިޓީން ވަނީ މެޗުގެ 10 ވަނަ މިނެޓްގައި ލީޑު ނަގައިފަ އެވެ. މިއީ މޮރޮކޯގެ ކީޕަރު ބޯނޫ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. މެޗުގެ 39 ވަނަ މިނެޓްގައި އަޝްރަފް ހަކީމީ މޮރޮކޯއަށް އެއްވަރުކޮށްދިންއިރު، މެޗުގެ 43 ވަނަ މިނެޓްގައި ވިލްސަން އިސިޑޯ ވަނީ ހިތްގައިމު ގޯލަކާއެކު ހެއިޓީއަށް އަލުން ލީޑު ނަގައިދީފަ އެވެ. ނަމަވެސް ހާފް ނިމުމުގެ ކުރިން މޮރޮކޯގެ ފޯވާޑް އިސްމާއިލް ސައިބާރީ ވަނީ މޮރޮކޯއަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ.

ދެވަނަ ހާފްގައި މޮރޮކޯއިން ވަރަށް ބޮޑަށް ކުރިއަށް ޖެހިލައިގެން ކުޅުނުއިރު، އެޓީމަށް ލީޑު ނަގައިދިނީ މެޗުގެ 78 ވަނަ މިނެޓްގައި ސުފިއާން ރަހީމީ އެވެ. އަދި މެޗުގެ 89 ވަނަ މިނެޓްގައި ޔާސީން ވަނީ މޮރޮކޯގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދީ މި މެޗުން އެޓީމަށް ތިން ޕޮއިންޓު ކަށަވަރުކޮށްދީފަ އެވެ.