އޮޅުވާލައިގެން މަކަރާއި ހީލަތުން މިދިޔަ ހަފްތާގައި އެކަނި ވެސް މީހުންގެ އަތުން 200،000 އަށް ވުރެ ގިނަ ރުފިޔާ ހޯދާފައިވާ ކަމަށް އެންޓި ސްކޭމް ސެންޓަރުން ބުނެފި އެވެ.
އެންޓި ސްކޭމް ސެންޓަރުން އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން މި މަހުގެ 14 އިން ފެށިގެން މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ސްކޭމްގެ 20 މައްސަލައެއް ރިޕޯޓުކުރި އެވެ. އެ ސްކޭމްތަކުގައި ޖުމްލަ 259،353ރ. ގެއްލުނު ކަމަށާއި ފުލުހުންގެ މަސައްކަތުން އޭގެ ތެރެއިން 146،365ރ. ހޯދާފައިވާ ކަމަށް އެ ސެންޓަރުން ބުންޏެވެ.
މިދިޔަ ހަފްތާގައި އެންމެ ގިނައީ އީކޮމާސް ނުވަތަ އޮންލައިން ވިޔަފާރިން ހިންގައިފައިވާ ސްކޭމްތައް ކަމަށް އެ ސެންޓަރުން ބުނެ އެވެ. އެގޮތުން އެފަދަ 11 މައްސަލައެއް ވަނީ ރިޕޯޓުކޮށްފަ އެވެ. ފައިސާ މާރުކުރުމުގެ ނަމުގައި ހިންގި ދެ ސްކޭމާއި އަދި ސްކޭމްތަކުގެ އެހެނިހެން 7 މައްސަލައެއް ވެސް ރިޕޯޓުކޮށްފައިވެ އެވެ.
އެ ސެންޓަރުން ބުނި ގޮތުގައި މަކަރާއި ހީލަތުން ފައިސާ ހޯދުމަށް އެންމެ ބޮޑަށް ބޭނުންކޮށްފައި ވަނީ ފޯނުކޯލާއި އައިބޭއާއި އޮންލައިން މެސެޖިން ޕްލެޓްފޯމްތަކާއި ފޭސްބުކް މާކެޓް ޕްލޭސް އެވެ.
އެންޓި ސްކޭމް ސެންޓަރުން ވަނީ އޮންލައިންކޮށް ވިޔަފާރިކުރާއިރު އަބަދުވެސް މުދާ ވިއްކާ ފަރާތްތަކުގެ ސައްހަކަން ކަށަވަރު ކުރުމަށާއި އަދި ޔަގީން ނުވާ ފަރާތްތަކަށް ކުރިއާލާ ފައިސާ ފޮނުވުމުގެ ބަދަލުގައި، މުދާ ލިބުމުން ނޫނީ މުދާ ބަލާފައި ފައިސާ ފޮނުވުމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.