ބަރަކާތްތެރި ދުވަސްތަކުގެ ތެރެއިން އެއް ދުވަހަކީ ޢާޝޫރާ ދުވަހެވެ. އެއީ ﷲ ގެ މައްސަރު ކަމުގައިވާ މުޙައްރަމް މަހުގެ 10 ވަނަ ދުވަހެވެ. އެއީ މަތިވެރި ޤަދަރެއް ލިބިގެންވާ، އިހުޒަމާނުންސުރެ ޙުރުމަތްތެރި ކުރެވިގެންވާ، ބޮޑުވެގެންވާ މާތްކަމެއް އެކުލެވޭ އަދި ގިނަގުނަ ފިލާވަޅުތަކާއި ޢިބުރަތްތަކުން ފުރިގެންވާ ދުވަހެކެވެ.
އެހެނީ އެ ދުވަސް އަޅުގަނޑުމެން ގެންގޮސްދެނީ ނަބީބޭކަލުންނާއި ރަސޫލުބޭކަލުންގެ ތާރީޚުގެ ބޮޑު ހާދިސާއަކަށެވެ. އެއީ ފިރުޢައުނާއި އޭނާގެ ލަޝްކަރުގެ އަނިޔާވެރިކަމުން މޫސާގެފާނު ސަލާމަތް ކުރެއްވި ހާދިސާއެވެ. މާތްﷲ ވަނީ މޫސާގެފާނަށް، އެކަލޭގެފާނުގެ ޤައުމުގެ މީހުން އަނދިރިކަމުން އަލިކަމަށް ނެރުއްވުމަށާއި، "ﷲ ގެ ދުވަސްތައް" ހަނދާންކޮށްދެއްވުމަށް އަމުރުކުރައްވާފަ އެވެ.
އެއީ އެކަލާނގެ ނިޢުމަތްތަކާއި ކޯފާތަކުގެ ދުވަސްތަކެވެ. އަދި އެކަލާނގެ ފަޟީލަތާއި ޢިބުރަތުގެ ވަގުތުތަކެވެ. އެއީ މުއުމިނުން އޭގެއިން މަތިވެރި ދެކަމެއްގެ އަގުވަޒަންކުރަން ދަސްކުރުމަށެވެ. އެއީ ބަލާއާއި މުޞީބާތްތަކަށް ކެތްތެރިވުމާއި، ނިޢުމަތްތަކަށް ޝުކުރުވެރިވުމެވެ.
މާތްﷲ ވަޙީކުރެއް ވިއެވެ. ﴿وَلَقَدْ أَرْسَلْنَا مُوسَىٰ بِآيَاتِنَا أَنْ أَخْرِجْ قَوْمَكَ مِنَ الظُّلُمَاتِ إِلَى النُّورِ وَذَكِّرْهُم بِأَيَّامِ اللَّهِ ۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِّكُلِّ صَبَّارٍ شَكُورٍ﴾ (سورة إبراهيم 5)
މާނައީ: "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ آية ތަކާއިގެން، موسى ގެފާނު ފޮނުއްވީމެވެ. (އަދި އެންގެވީމެވެ.) ކަލޭގެފާނުގެ قوم ގެމީހުން އަނދިރިކަމުގެ ތެރެއިން، އަލިކަމުގެ ތެރެއަށް ނެރުއްވާށެވެ! އަދި އެއުރެންނަށް اللَّه ގެ ދުވަސްތައް ހަނދުމަކޮށްދެއްވާށެވެ! ހަމަކަށަވަރުން، ކެތްތެރިކަން ބޮޑު، شكر ވެރިވުން ގިނަ ކޮންމެ މީހަކަށް، އެކަންތަކުގައި ހެކިތަކެއްވާކަން ކަށަވަރެވެ."
"ﷲ ގެ ދުވަސްތަކަކީ" އެކަލާނގެ އަޅުތަކުންގެ މައްޗަށް ކުޅަދުންވަންތަކަމާއި ނިޢުމަތްތަކުގެ އަސަރުތައް ފާޅުވި ދުވަސްތަކެވެ. އަދި މުއުމިނުންނަށް ނަޞްރު ލިބި، އަނިޔާވެރިން ނިކަމެތިވެ، ނަބީބޭކަލުންނާއި ރަސޫލުބޭކަލުން ސަލާމަތް ކުރެވުނު ދުވަސްތަކެވެ. އެ ދުވަސްތައް ހަނދާންކޮށްދިނުމަކީ ކެތްތެރިވުމާއި، ޝުކުރުވެރިވުމާއި، ޢިބުރަތް ލިބިގަތުމާއި، ﷲ ގެ ޙަޟްރަތަށް ރީތިގޮތުގައި ރުޖޫޢަވުމުގެ ސަބަބެކެވެ. މޫސާގެފާނަކީ ނަބީބޭކަލުންގެ ތެރެއިން އެންމެ ބޮޑަށް އިމްތިޙާނު ކުރެވުނު ބޭކަލުންގެ ތެރެއިން ބޭކަލެކެވެ. އަދި ކީރިތި ޤުރްއާނުގައި އެ ބޭކަލެއްގެ ވާހަކަ އެންމެ ގިނައިން ބަޔާންވެގެންވާ ނަބިއްޔާއެވެ. އެކަލޭގެފާނު ފޮނުއްވުނީ އަނިޔާވެރި ފިރުޢައުނުގެ ޒަމާނުގައެވެ.
ފިރުޢައުނާ ބެހޭގޮތުން ﷲ ވަޙީކުރެއްވިއެވެ. ﴿إِنَّ فِرْعَوْنَ عَلَا فِي الْأَرْضِ وَجَعَلَ أَهْلَهَا شِيَعًا يَسْتَضْعِفُ طَائِفَةً مِّنْهُمْ يُذَبِّحُ أَبْنَاءَهُمْ وَيَسْتَحْيِي نِسَاءَهُمْ ۚ إِنَّهُ كَانَ مِنَ الْمُفْسِدِينَ﴾ (سورة القصص 4)
މާނައީ: "ހަމަކަށަވަރުން، فرعون، ބިމުގައި ބޮޑާވެގެންފިއެވެ. އަދި އެ ބިމުގެ أهل ވެރިން ބައިތަކަކަށް ބަހައިލިއެވެ. އޭގެތެރެއިން އެއްބަޔަކު ނިކަމެތިކުރަމުން ގެންދިޔައެވެ. އެއުރެންގެ ފިރިހެން ދަރިން قتل ކޮށް، އެއުރެންގެ އަންހެންދަރިން ދޫކޮށްލިއެވެ. ހަމަކަށަވަރުން، އޭނާއަކީ، فساد ކުރާ މީހުންގެ ތެރެއިންވީ މީހެކެވެ."
މޫސާގެފާނު މި އަނިޔާވެރިކަމާއި ބޮޑާކަމުގެ މައްޗަށް ކެތްތެރިވެވަޑައިގަތެވެ. އަދި ﷲ ގެ އަމުރުފުޅާ އެއްގޮތަށް، މަޑުމައިތިރި ނަޞޭޙަތާއި ރީތި ބަހުން ފިރުޢައުނާ ކުރިމަތިލެއްވިއެވެ. ﷲ ވަޙީކުރެއްވިއެވެ. ﴿فَقُولَا لَهُ قَوْلًا لَّيِّنًا لَّعَلَّهُ يَتَذَكَّرُ أَوْ يَخْشَىٰ﴾ (سورة طه 44) މާނައީ: "ފަހެ، މަޑުމައިތިރި ބަހުން ތިޔަދެބޭކަލުން އޭނާއަށް ބަސް ވިދާޅުވާށެވެ! (އެއީ) އޭނާ ހަނދުމަކޮށް، ނުވަތަ ބިރުވެތިވޭތޯ އެކަމުގެ އުންމީދުގައެވެ." މޫސާގެފާނުގެ ކެތްތެރިކަން ހަމައެކަނި ފިރުޢައުނާއި އޭނާގެ ލަޝްކަރުގެ އުނދަގޫތަކަށް ކެތްކުރުމަކުން ނުނިމެއެވެ. އެކަލޭގެފާނުގެ އަމިއްލަ ޤައުމުގެ މީހުންގެ ފަރާތުން ލިބުނު ދުއްތުރާތަކަށްވެސް ކެތްކުރެއްވިއެވެ.
ކީރިތި ޤުރުއާނުގައި އެކަމަށް ހެކިދެމުން ވަޙީކުރައްވާފައިވެއެވެ.
﴿وَإِذْ قَالَ مُوسَىٰ لِقَوْمِهِ يَا قَوْمِ لِمَ تُؤْذُونَنِي وَقَد تَّعْلَمُونَ أَنِّي رَسُولُ اللَّهِ إِلَيْكُمْ﴾ (سورة الصف 5)
މާނައީ: "އަދި موسى ގެފާނު އެކަލޭގެފާނުގެ قوم ގެމީހުންނަށް ވިދާޅުވިހިނދު (ހަނދުމަކުރާށެވެ!) އޭ އަހުރެންގެ قوم ގެމީހުންނޭވެ! ތިޔަބައިމީހުން އަހުރެންނަށް އުނދަގޫކުރަނީ ކީއްވެގެން ހެއްޔެވެ؟" މި ބޮޑުވެގެންވާ ކެތްތެރިކަމުގެ ސަބަބުން އެކަލޭގެފާނު ވެވަޑައިގަތީ "އުލުލްޢަޒްމި" (ހިތްވަރުގަދަ ސާބިތުވެ ތިއްބެވި) ރަސޫލުންގެ ތެރެއިންނެވެ. އެބޭކަލުން ނަމޫނާއަކަށް ބެލުމަށް ﷲ އަޅުގަނޑުމެންނަށް އަމުރުކުރައްވައި ވަޙީކުރެއްވިއެވެ. ﴿فَاصْبِرْ كَمَا صَبَرَ أُولُو الْعَزْمِ مِنَ الرُّسُلِ﴾ (سورة الأحقاف 35) މާނައީ: "ފަހެ، رسول ންގެ ތެރެއިން ގަދަހިތްވަރުފުޅުގެވެރި رسول ން (އެބަހީ: أولوالعزم ގެ ބޭކަލުން) ކެތްކުރެއްވި ފަދައިން ކަލޭގެފާނުވެސް ކެތްތެރިވެ ވަޑައިގަންނަވާށެވެ!"
އަޅުގަނޑުމެންގެ ރަސޫލާ ﷺ އަށް މުނާފިޤުންގެ ފަރާތުން އުނދަގޫތައް ކުރިމަތިވާއިރު، މޫސާގެފާނުގެ ކެތްތެރިކަން ހަނދާންކުރައްވައި ނަމޫނާ ލިބިގަންނަވައެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: «رَحِمَ اللهُ مُوسَى، قَد أُوذِيَ بِأَكثَرَ مِن هَذَا فَصَبَرَ» (رَوَاهُ البُخَارِيُّ) މާނައީ: "ﷲ މޫސާގެފާނަށް ރަޙްމަތްލައްވާށިއެވެ. މިއަށްވުރެ މާ ބޮޑެތި އުނދަގޫތައް އެކަލޭގެފާނަށް ކުރިމަތިވުމުންވެސް ކެތްކުރެއްވިއެވެ."
ﷲ ގެ މަސް، މުޙައްރަމް މަހާއި އެ މަހުގެ ރޯދައިގެ މާތްކަން:
މުޙައްރަމް މަހަކީ އެންމެ މާތް މަސްތަކުގެ ތެރެއިން މަހެކެވެ. އަދި އެ މަހު ރޯދަހިފުމަކީ ﷲ އަށް ކުއްތަންވުމަށް ކުރެވޭ އެންމެ މަތިވެރި އަޅުކަންތަކުގެ ތެރެއިން ކަމެކެވެ. أبو هريرة رضى الله عنه ގެ ކިބައިން މުސްލިމް ރިވާކުރައްވައިފައިވާ ޙަދީޘެއްގައިވެއެވެ: ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«أَفضَلُ الصِّيَامِ بَعدَ رَمَضَانَ شَهرُ اللهِ المُحَرَّمُ، وَأَفضَلُ الصَّلَاةِ بَعدَ الفَرِيضَةِ صَلَاةُ اللَّيلِ»
މާނައީ: "ރަމަޟާން މަހަށް ފަހު އެންމެ މާތް ރޯދައަކީ ﷲ ގެ މަސް، މުޙައްރަމް މަހުގެ ރޯދައެވެ. އަދި ފަރުޟު ނަމާދަށްފަހު އެންމެ މާތް ނަމާދަކީ ރޭއަޅުކަމެވެ." މި ޙަދީޘުން އެނގެނީ މުޙައްރަމް މަހު ރޯދަހިފުމުގެ މާތްކަމެވެ. އަދި އެއީ ރަމަޟާން މަހަށްފަހު މުޠުލަޤުކޮށް ސުންނަތް ރޯދަހިފުމަށް އެންމެ މާތް މަސްކަމެވެ. އެހެން މަސްމަހުގެ ބައެއް ޚާއްޞަ ދުވަސްތަކަށް އިތުރު މާތްކަންތަކެއް ލިބިގެންވީ ނަމަވެސްމެއެވެ.
ޢާޝޫރާ ދުވަހުގެ މާތްކަން:
މުޙައްރަމް މަހުގެ އެންމެ މަތިވެރި ދުވަހަކީ ޢާޝޫރާ ދުވަހެވެ. ޞަޙީޙުލް ބުޚާރީގައި ابن عباس رضى الله عنهما ގެ ކިބައިން ރިވާވެގެންވެއެވެ. «مَا رَأَيتُ النَّبِيَّ ﷺ يَتَحَرَّى صِيَامَ يَومٍ فَضَّلَهُ عَلَى غَيرِهِ إِلَّا هَذَا اليَومَ، يَومَ عَاشُورَاءَ، وَهَذَا الشَّهرَ، يَعنِي شَهرَ رَمَضَانَ» މާނައީ: " ޢާޝޫރާ ދުވަހާއި ރަމަޟާން މަސް ފިޔަވައި، އެހެން އެއްވެސް ދުވަހެއްގެ ރޯދައަށް ނަބިއްޔާ صلى الله عليه وسلم ޚާއްޞަ އިސްކަމެއް ދެއްވައި، އެ ދުވަހެއްގެ މާތްކަން ހޯއްދެވުމަށް މަސައްކަތްޕުޅު ކުރެއްވިތަން ތިމަންކަލޭގެފާނު ދެކެވަޑައެއް ނުގަންނަވަމެވެ." މިއިން ދޭހަވަނީ ޢާޝޫރާ ދުވަހަށް ލިބިގެންވާ މަތިވެރި ޚާއްޞަކަމެވެ. ނަބިއްޔާ صلى الله عليه وسلم އެ ދުވަހުގެ ރޯދައަށް ބޮޑު ސަމާލުކަމެއް ދެއްވިއެވެ. ޢާޝޫރާ ދުވަހުގެ ރޯދައިގެ މާތްކަމަކީ ނަބީބޭކަލުންގެ މެދުގައިވެސް މަޝްހޫރު ކަމެކެވެ. މޫސާގެފާނު އެކަލޭގެފާނާއި އެކަލޭގެފާނުގެ ޤައުމު ފިރުޢައުނުގެ ކިބައިން ސަލާމަތް ކުރެއްވިލެއްވި ކަމަށްޓަކައި ﷲ އަށް ޝުކުރުވެރިވުމުގެ ގޮތުން އެ ދުވަހު ރޯދަހިއްޕެވިއެވެ.
ނަބިއްޔާ صلى الله عليه وسلم ޢާޝޫރާ ދުވަހު ރޯދަހިއްޕެވުން:
ޞަޙީޙު މުސްލިމްގައި ابن عباس رضى الله عنهما ގެ ކިބައިން ރިވާވެގެންވެއެވެ.
«أَنَّ رَسُولَ اللهِ ﷺ قَدِمَ المَدِينَةَ، فَوَجَدَ اليَهُودَ صِيَامًا يَومَ عَاشُورَاءَ، فَقَالَ لَهُم رَسُولُ اللهِ ﷺ: «مَا هَذَا اليَومُ الَّذِي تَصُومُونَهُ؟» فَقَالُوا: هَذَا يَومٌ عَظِيمٌ، أَنجَى اللهُ فِيهِ مُوسَى وَقَومَهُ، وَغَرَّقَ فِرعَونَ وَقَومَهُ، فَصَامَهُ مُوسَى شُكرًا، فَنَحنُ نَصُومُهُ. فَقَالَ رَسُولُ اللهِ ﷺ: «فَنَحنُ أَحَقُّ وَأَولَى بِمُوسَى مِنكُم». فَصَامَهُ رَسُولُ اللهِ ﷺ وَأَمَرَ بِصِيَامِهِ. »
މާނައީ: "މާތް ﷲ ގެ ރަސޫލާ صلى الله عليه وسلم މަދީނާއަށް ހިޖުރަކުރެއްވި ހިނދު، ޔަހޫދީން ޢާޝޫރާ ދުވަހު ރޯދަހިފާތީ ދެކެވަޑައިގަތެވެ. ފަހެ، ރަސޫލާ صلى الله عليه وسلم އެބައިމީހުންނަށް ޙަދީޘްކުރެއްވިއެވެ. "ތިޔަބައިމީހުން ތިޔަ ހިފާ ރޯދައަކީ ކޮން ދުވަހެއްގެ ރޯދައެއް ހެއްޔެވެ؟" އެބައިމީހުން ދެންނެވިއެވެ: "މިއީ މަތިވެރި ދުވަހެކެވެ. މިއީ މޫސާގެފާނާއި އެކަލޭގެފާނުގެ ޤައުމު ﷲ ސަލާމަތްކުރެއްވި ދުވަހެވެ. އަދި ފިރުޢައުނާއި އޭނާގެ ޤައުމު ޣަރަޤުކުރެއްވި ދުވަހެވެ. ފަހެ، މޫސާގެފާނު ޝުކުރުވެރިވުމުގެ ގޮތުން މި ދުވަހު ރޯދަހިއްޕެވިއެވެ. އެހެންވެ އަޅުގަނޑުމެންވެސް ރޯދަހިފަނީއެވެ." ﷲ ގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. «فَنَحنُ أَحَقُّ وَأَولَى بِمُوسَى مِنكُم» މާނައީ: "ތިޔަބައިމީހުންނަށްވުރެ މޫސާގެފާނާ ގާތްވުމުގެ ޙައްޤުކަން ބޮޑީ ތިމަންމެންނަށެވެ." ފަހެ، ރަސޫލާ صلى الله عليه وسلم އެ ދުވަހު ރޯދަހިއްޕަވައި، އެ ދުވަހު ރޯދަހިފުމަށް އަމުރުކުރެއްވިއެވެ.
ޞަޙީޙު މުސްލިމްގައި އެކަލޭގެފާނު صلى الله عليه وسلم ޙަދީޘްކުރެއްވި ކަމަށްވެއެވެ. «هَذَا يَومُ عَاشُورَاءَ، وَلَم يَكتُبِ اللهُ عَلَيكُم صِيَامَهُ، وَأَنَا صَائِمٌ، فَمَن أَحَبَّ مِنكُم أَن يَصُومَ فَليَصُم، وَمَن أَحَبَّ أَن يُفطِرَ فَليُفطِر». وَفِي لَفظِ البُخَارِيِّ: «هَذَا يَومُ عَاشُورَاءَ، وَلَم يَكتُبِ اللهُ عَلَيكُم صِيَامَهُ، وَأَنَا صَائِمٌ، فَمَن شَاءَ فَليَصُم، وَمَن شَاءَ فَليُفطِر» މާނައީ: "މިއީ ޢާޝޫރާ ދުވަހެވެ. މި ދުވަހު ރޯދަހިފުން ﷲ ތިޔަބައިމީހުންގެ މައްޗަށް ފަރުޟެއް ނުކުރައްވައެވެ. ނަމަވެސް ތިމަންކަލޭގެފާނު ހުންނެވީ ރޯދައަށެވެ. ފަހެ، ތިޔަބައިމީހުންގެ ތެރެއިން ރޯދަހިފަން ބޭނުންމީހަކު ރޯދަހިފާށެވެ. އަދި ރޯދަދޫކޮށްލަން ބޭނުންމީހަކު ދޫކޮށްލާށެވެ." ބުޚާރީގެ ލަފްޡެއްގައިވެއެވެ. "މިއީ ޢާޝޫރާ ދުވަހެވެ. މި ދުވަހު ރޯދަހިފުން ﷲ ތިޔަބައިމީހުންގެ މައްޗަށް ފަރުޟެއް ނުކުރައްވައެވެ. ތިމަންކަލޭގެފާނު ހުންނެވީ ރޯދައަށެވެ. އެދޭމީހަކު ރޯދަހިފާށެވެ. އެދޭމީހަކު ރޯދަދޫކޮށްލާށެވެ."
މުސްނަދު އަޙްމަދުގައިވެއެވެ. ނަބިއްޔާ صلى الله عليه وسلم ޢާޝޫރާ ދުވަހު ރޯދަހިފާފައި ތިބި ޔަހޫދީންގެ ބަޔެއްގެ ކައިރިން ވަޑައިގެން، އެބައިމީހުން ރޯދަހިފާ ސަބަބާ ބެހޭގޮތުން ސުވާލުކުރެއްވިއެވެ. އެބައިމީހުން ދެންނެވީ އެއީ މޫސާގެފާނާއި ބަނޫ އިސްރާއީލުން ޣަރަޤުވުމުން ﷲ ސަލާމަތްކުރެއްވި އަދި ފިރުޢައުނު ޣަރަޤުކުރެއްވި ދުވަސް ކަމަށެވެ. އަދި އެއީ (ނޫޙުގެފާނުގެ) ނާކޮޅު ޖޫދީ ފަރުބަދައަށް ލެއްގި ދުވަސް ކަމަށެވެ.
ފަހެ، ނޫޙުގެފާނާއި މޫސާގެފާނު ﷲ އަށް ޝުކުރުވެރިވުމުގެ ގޮތުން އެ ދުވަހު ރޯދަހިއްޕެވިއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. "ތިމަންކަލޭގެފާނު މޫސާގެފާނާ ގާތްވުން މާ ޙައްޤުކަން ބޮޑެވެ. އަދި މި ދުވަހު ރޯދަހިފުން މާ އައުލާވެގެންވެއެވެ.» ފަހެ، އެކަލޭގެފާނުގެ އަޞްޙާބުންނަށް ރޯދަހިފުމަށް އަމުރުކުރެއްވިއެވެ."
ޢާޝޫރާ ދުވަހުގެ ރޯދައިން އިސްވެދިޔަ އަހަރުގެ ފާފަ ފުއްސެވުން:
ޢާޝޫރާ ދުވަހުގެ މަތިވެރި މާތްކަމުގެ ތެރެއިން، އެ ދުވަހުގެ ރޯދައަކީ އިސްވެދިޔަ އަހަރުގެ ފާފަތައް ފޮހެވިގެންދާ ސަބަބެކެވެ. ޞަޙީޙު މުސްލިމްގައި أَبِي قَتَادَةَ الأَنصَارِيِّ رَضِيَ اللهُ عَنهُ ގެ ކިބައިން ރިވާވެގެންވެއެވެ: ޢާޝޫރާ ދުވަހުގެ ރޯދައާ ބެހޭގޮތުން ﷲ ގެ ރަސޫލާ صلى الله عليه وسلم އާ ސުވާލު ދެންނެވުމުން ޙަދީޘްކުރެއްވިއެވެ. «يُكَفِّرُ السَّنَةَ المَاضِيَةَ». وَفِي لَفظٍ ءَاخَرَ: «وَصِيَامُ يَومِ عَاشُورَاءَ أَحتَسِبُ عَلَى اللهِ أَن يُكَفِّرَ السَّنَةَ الَّتِي قَبلَهُ». މާނައީ: "އެއީ އިސްވެދިޔަ އަހަރުގެ ފާފަ ފުއްސަވައިދޭ ކަމެކެވެ." އެހެން ލަފްޡެއްގައިވެއެވެ. "ޢާޝޫރާ ދުވަހުގެ ރޯދައިގެ ސަބަބުން، އޭގެ ކުރީ އަހަރުގެ ފާފަތައް ފުއްސަވައިދެއްވުމަށް ތިމަންކަލޭގެފާނު ﷲ ގެ ޙަޟްރަތުން އުންމީދުކުރައްވަމެވެ." ابنُ عَبَّاسٍ رَضِيَ اللهُ عَنهُمَا ވިދާޅުވިއެވެ. «مَا رَأَيتُ النَّبِيَّ ﷺ يَتَحَرَّى صِيَامَ يَومٍ فَضَّلَهُ عَلَى غَيرِهِ إِلَّا هَذَا اليَومَ، يَومَ عَاشُورَاءَ، وَهَذَا الشَّهرَ، يَعنِي شَهرَ رَمَضَانَ» (رَوَاهُ البُخَارِيُّ) މާނައީ: "އެހެން ދުވަސްތަކަށްވުރެ މާތްކަން ބޮޑުވެގެންވާ ދުވަހެއްގެ ރޯދަ ހިފުމަށް ނަބިއްޔާ صلى الله عليه وسلم ޚާއްޞަ ސަމާލުކަމެއް ދެއްވައި، އެ ދުވަހެއް ހޯއްދަވައި އުޅުއްވި ތިމަންކަލޭގެފާނު ދެކެވަޑައިނުގަންނަވަމެވެ. އެއީ މި ދުވަސް، އެބަހީ ޢާޝޫރާ ދުވަހާއި، މި މަސް، އެބަހީ ރަމަޟާން މަސް މެނުވީއެވެ."
މިއީ އަޅުތަކުންގެ މައްޗަށް ﷲ ގެ ރަހުމަތްވަންތަކަމުގެ ފުޅާކަމެވެ. އެކަލާނގެ ވަނީ ކުޑަ ޢަމަލަކުން ބޮޑުވެގެންވާ ދަރުމައާއި ސަވާބު ލިބޭނެ މަގު ދައްކަވައިފައެވެ. އަދި ކުށްތަކާއި ފާފަތައް ފޮހެވިގެންދާނެ ގޮތް ލައްވައިފައެވެ. ފަހެ، މި ދުވަހު، ރޯދަހިފާ، ޝުކުރުވެރިވެ، ތައުބާވެ، އިސްތިޣްފާރު ކުރުމުގައި މަޝްޣޫލުވި މީހާއަށް އުފާވެރިކަން ހުއްޓެވެ.
ޢާޝޫރާއާއެކު ތާސޫޢާ ދުވަހު (9 ވަނަ ދުވަހު) ރޯދަހިފުން:
ޢާޝޫރާ ދުވަހާއެކު ތާސޫޢާ ދުވަހު (އެބަހީ މުޙައްރަމް މަހުގެ 9 ވަނަ ދުވަހު) ރޯދަހިފުން ސުންނަތް ވެގެންވެއެވެ. އެއީ ނަބިއްޔާ صلى الله عليه وسلم ގެ މި ޙަދީޘްފުޅުގެ ސަބަބުންނެވެ. އެ ޙަދީޘްފުޅުގެ މާނައީ: " މާނައީ: "އަންނަން އޮތް އަހަރަށް ތިމަންކަލޭގެފާނު ދިރިދުނިޔޭގައި ހުންނަވައިފިނަމަ، ހަމަކަށަވަރުން 9 ވަނަ ދުވަހުވެސް ރޯދަހިއްޕަވާހުށީމެވެ." (رواه مسلم) ނަމަވެސް ޖެހިގެން އައި މުޙައްރަމް މަސް އައުމުގެ ކުރިން ﷲ ގެ ރަސޫލާ صلى الله عليه وسلم މިދުނިޔެ ދުކުރެއްވިއެވެ. އިމާމް ޝާފިޢީއާއި އެކަލޭގެފާނުގެ އަޞްޙާބުންނާއި، އިމާމް އަޙްމަދާއި، އިސްޙާޤާއި، އެނޫންވެސް ޢިލްމުވެރިން ވިދާޅުވެފައިވެއެވެ. "9 ވަނަ ދުވަހާއި 10 ވަނަ ދުވަހު އެކުއެކީގައި ރޯދަހިފުން މުސްތަޙައްބު ވެގެންވެއެވެ. އެހެނީ ނަބިއްޔާ صلى الله عليه وسلم 10 ވަނަ ދުވަހު ރޯދަހިއްޕަވައި، 9 ވަނަ ދުވަހު ރޯދަހިފުމަށް ނިޔަތްގެންނެވިއެވެ.
ބައެއް ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި 10 ވަނަ ދުވަހާއެކު 9 ވަނަ ދުވަހު ރޯދަހިފުމުގެ ޙިކުމަތަކީ، ހަމައެކަނި 10 ވަނަ ދުވަހު ރޯދަހިފާ ޔަހޫދީންނާ ޚިލާފުވުމެވެ. އަދި ބައެއް ޢިލްމުވެރިން ވިދާޅުވަނީ އެއީ ހަނދު ފެނުމުގައި ކުށެއް އުޅެދާނެތީ، ޢާޝޫރާ ދުވަސް ޔަޤީންކުރުމުގެ ގޮތުން ރައްކާތެރިކަމެއްގެ ގޮތުންނެވެ. ހަމައެކަނި 10 ވަނަ ދުވަސް ވަކިން ރޯދަހިފުން މަކުރޫހަވުމުން ސަލާމަތްވުމަށްޓަކައެވެ.
ޢާޝޫރާއަކީ ޝުކުރުވެރިވުމާއި ޣައިރު މުސްލިމުންނާ ޚިލާފުވުމުގެ ދުވަހެވެ.
ކެތްތެރިކަމަކީ ކަންކަން ފަސޭހަވުމުގެ ތަޅުދަނޑިއެވެ. އަދި ﷲ ވޮޑިގެންވަނީ ކެތްތެރިންނާ އެކުގައެވެ. ޙައްޤުގެ މަތީގައި ސާބިތުވެ ހުރުމުގެ ޖަޒާއަކީ ނަޞްރާއި ތައުފީޤެވެ. ފިރުޢައުނު އޭނާގެ އަނިޔާވެރިކަމުގައި ހައްދުފަހަނައަޅައި، ކަލަކު ކަމަށް ދަޢުވާކޮށް ﴿أَنَا رَبُّكُمُ الْأَعْلَىٰ﴾ (سورة النازعات 24) މާނައީ: "ފަހެ، އޭނާ ބުންޏެވެ. ތިމަންނާއީ، ތިޔަބައިމީހުންގެ އެންމެ މަތިވެރިވެގެންވާ ކަލާނގެއެވެ." فرعون ބުނިހިނދު، މޫސާގެފާނާއި އެކަލޭގެފާނުގެ އަޞްޙާބުން ކުރިމަތިލެއްވީ ކެތްތެރިކަމާއި، ސާބިތުކަމާއި، ﷲ އަށް ވަކީލުކުރުމާއެކުގައެވެ.
ﷲ ވަޙީކުރެއްވިއެވެ: ﴿فَلَمَّا تَرَاءَى الْجَمْعَانِ قَالَ أَصْحَابُ مُوسَىٰ إِنَّا لَمُدْرَكُونَ * قَالَ كَلَّا ۖ إِنَّ مَعِيَ رَبِّي سَيَهْدِينِ * فَأَوْحَيْنَا إِلَىٰ مُوسَىٰ أَنِ اضْرِب بِّعَصَاكَ الْبَحْرَ ۖ فَانفَلَقَ فَكَانَ كُلُّ فِرْقٍ كَالطَّوْدِ الْعَظِيمِ * وَأَزْلَفْنَا ثَمَّ الْآخَرِينَ * وَأَنجَيْنَا مُوسَىٰ وَمَن مَّعَهُ أَجْمَعِينَ﴾ (سورة الشعراء 61-65)
މާނައީ: "ފަހެ، އެއުރެން އެއްބަޔަކު އަނެއްބަޔަކަށް ފެނުނުހިނދު، موسى ގެފާނުގެ أصحاب ން ދެންނެވޫއެވެ. ހަމަކަށަވަރުން، އެއުރެން ތިމަންމެން އަތުލައިގަންނާނެތެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، ތިމަންގެ ވެރިރަސްކަލާނގެ ތިމަންނާއާއެކު (نصر ދެއްވުމުގައި) ވޮޑިގެންވެއެވެ. އެކަލާނގެ ތިމަންނާއަށް މަގުދައްކަވާނެތެވެ. ފަހެ، ތިމަންރަސްކަލާނގެ موسى ގެފާނަށް وحى ކުރެއްވީމެވެ. ކަލޭގެފާނުގެ އަސާކޮޅުން ކަނޑުގައި ޖައްސަވާށެވެ! ދެން (موسى ގެފާނު ޖެއްސެވުމުން، ބާރަ ބަޔަށް) އެ ކަނޑު އިރައިގެން ހިނގައްޖެއެވެ. އެއިން ކޮންމެ ބައެއް، ބޮޑު ފަރުބަދައެއް ފަދައިންވިއެވެ. ތިމަންރަސްކަލާނގެ އަނެއްބައިމީހުން (އެބަހީ: فرعون އާއި އޭނާގެ قوم ގެމީހުން) އެތަނަށް ކައިރި ކުރެއްވީމެވެ. އަދި ތިމަންރަސްކަލާނގެ موسى ގެފާނާއި، އެކަލޭގެފާނުގެ އަރިހުގައިވާ މީހުންގެ އެންމެން (غرق ން) ސަލާމަތް ކުރެއްވީމެވެ."
މިއީ މަތިވެރި ނަތީޖާއެވެ. ކެތްތެރިކަމާއި ތަޤުވާވެރިކަމަށްފަހު ނަޞްރު އާދެއެވެ. އަދި ސާބިތުކަމާއި ވަކީލުކުރުމަށްފަހު ﷲ ގެ އިޛްނަފުޅާއެކު ސަލާމަތްތެރިކަން ލިބެއެވެ.
އަޅުގަނޑުމެންގެ މުއުމިނުން ކެތްތެރިކަމާއި ޝުކުރުވެރިވުމުގެ މެދުގައި ދެމިތިބެއެވެ. މުޞީބާތެއް ޖެހިއްޖެނަމަ ކެތްކުރެއެވެ. ނިޢުމަތެއް ލިބިއްޖެނަމަ ޝުކުރުކުރެއެވެ. ދެ ޙާލަތުގައިވެސް އެމީހަކަށް ހުރީ ހެޔޮކަމެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. "މުއުމިނާގެ ކަންތައްތަކުގެ މައްޗަށް ތިމަންކަލޭގެފާނު އަޖައިބުވެވަޑައިގަންނަވަމެވެ. ހަމަކަށަވަރުން އޭނާގެ ހުރިހާ ކަމެއްމެ ހެޔޮވެގެންވެއެވެ. މުއުމިނަކަށް މެނުވީ އެފަދަ ކަމެއް ނުވެއެވެ. އޭނާއަށް އުފާވެރިކަމެއް ލިބިއްޖެނަމަ ޝުކުރުވެރިވެއެވެ، ފަހެ އެއީ އޭނާއަށް ހެޔޮގޮތެވެ. އަދި ދަތިކަމެއް ޖެހިއްޖެނަމަ ކެތްތެރިވެއެވެ، ފަހެ އެއީވެސް އޭނާއަށް ހެޔޮގޮތެވެ." (رواه مسلم)
އެހެންކަމުން، މޫސާގެފާނާއި މުއުމިނުން ސަލާމަތްކުރެއްވި ކަމުގެ ޝުކުރުގެ ގޮތުން ޢާޝޫރާ ދުވަހު ރޯދަހިފުން ﷲ ސުންނަތް ކުރެއްވިއެވެ. ރަސޫލާ صلى الله عليه وسلم މަދީނާއަށް ހިޖުރަކުރެއްވިއިރު ޔަހޫދީން މި ދުވަހު ރޯދަހިފާތީ ފެނިވަޑައިގެން ސަބަބު އެއްސެވުމުން، އެއީ މޫސާގެފާނު ސަލާމަތްވި ދުވަސް ކަމަށް ބުނުމުން ޙަދީޘްކުރެއްވިއެވެ. "ތިޔަބައިމީހުންނަށްވުރެ މޫސާގެފާނާ ގާތްވުން ތިމަންމެންނަށް ޙައްޤުކަން ބޮޑެވެ" މިއިން އެނގެނީ މުއުމިނުން ﷲ ގެ ނިޢުމަތްތަކަށް އަޅުކަމާއި ކިޔަމަންތެރިކަމުން ޝުކުރުވެރިވާން ޖެހޭ ކަމެވެ.
ޢާޝޫރާގެ ފިލާވަޅުތަކުގެ ތެރޭގައި، ޣައިރު މުސްލިމުންގެ ދީނީ ޝިޢާރުތަކާއި އާދަކާދަތަކުގައި އެބައިމީހުންނާ ޚިލާފުވުމުގެ ޝަރުޢީ އަޞްލު ހިމެނެއެވެ. މި ދީނަކީ ތަފާތު، ސީދާވެގެންވާ ދީނެކެވެ. އެހެން ދީންތަކުގެ ތެރެއަށް ވިރިގެންދާ ދީނެއް ނޫނެވެ. އެހެންކަމުން ޔަހޫދީންނާ ޚިލާފުވުމަށްޓަކައި 10 ވަނަ ދުވަހާއެކު 9 ވަނަ ދުވަހު ރޯދަހިފުމަށް ނަބިއްޔާ صلى الله عليه وسلم ޢަޒުމްގަނޑައެޅުއްވިއެވެ.
ނަބިއްޔާ صلى الله عليه وسلم ޣައިރު މުސްލިމުންގެ ދީނީ ޚާއްޞަކަންކަމާ ޚިލާފުވުމަށް ވަރަށް ބޮޑަށް ސަމާލުކަން ދެއްވިއެވެ. أم سلمة رضي الله عنها ގެ ކިބައިން ރިވާވެގެންވެއެވެ: "ނަބިއްޔާ صلى الله عليه وسلم ހޮނިހިރު ދުވަހާއި އާދީއްތަ ދުވަހު ރޯދަހިއްޕެވުން ގިނަކުރައްވައެވެ. އަދި ޙަދީޘްކުރައްވައެވެ. "އެ ދެދުވަހަކީ މުޝްރިކުންގެ ޢީދު ދެދުވަހެވެ. ފަހެ، ތިމަންކަލޭގެފާނު އެބައިމީހުންނާ ޚިލާފުވުމަށް ލޯބިކުރައްވަމެވެ." މިއިން އެނގެނީ އެބައިމީހުންގެ ޚާއްޞަ ކަންކަމާ ޚިލާފުވުމަކީ ޝަރުޢީ މަޤްޞަދެއް ކަމެވެ.
ޢާޝޫރާ އާއި ނަބީބޭކަލުންގެ ޢިބުރަތްތަކުގެ މޫސުން:
މުޙައްރަމް މަހުގެ 10 ވަނަ ދުވަހަކީ ހެޔޮކަމާއި، ފަޟީލަތްތަކާއި، ހާދިސާތަކާއި، ޢިބުރަތްތަކުން ފުރިގެންވާ ދުވަހެކެވެ. އިހުގެ އަދި ފަހުގެ ޢިލްމުވެރިން ވަނީ މި ދުވަހު ރޯދަހިފުމާއި، ﷲ އަށް ޝުކުރުވެރިވުމާއި، ތައުބާ އާކުރުން މުސްތަޙައްބު ކުރައްވާފައެވެ.
އާދަމްގެފާނު: ޢާޝޫރާ ދުވަހަކީ މާތްﷲ، އަޅުގަނޑުމެންގެ ބައްޕަ އާދަމްގެފާނުގެ ތައުބާ ޤަބޫލުކުރެއްވި ދުވަސް ކަމަށް ބަޔާންވެގެންވެއެވެ. މާތްﷲ ވަޙީކުރެއްވިއެވެ. ﴿فَتَلَقَّىٰ آدَمُ مِن رَّبِّهِ كَلِمَاتٍ فَتَابَ عَلَيْهِ ۚ إِنَّهُ هُوَ التَّوَّابُ الرَّحِيمُ﴾. މިއީ އަޅާ އޭނާގެ އިޚްލާޞްތެރި ތައުބާ މި ދުވަހު އާކުރުމަށް ހަނދާންކޮށްދޭ ކަމެކެވެ. (ޢަބްދުއްރައްޒާޤުގެ މުޞައްނަފުގައިވެއެވެ.)
ނޫޙުގެފާނު: ޢާޝޫރާ ދުވަހަކީ ﷲ، ނޫޙުގެފާނު ސަލާމަތްކުރައްވައި، ބޮޑުވެގެންވާ މުޢުޖިޒާތަކާއެކު ނާކޮޅުން ބޭލުއްވި ދުވަހެވެ. ނޫޙުގެފާނު މި ދުވަހު ޝުކުރުވެރިވުމުގެ ގޮތުން ރޯދަހިއްޕެވި ކަމަށް މުސްނަދު އަޙްމަދުގައި ރިވާވެގެންވެއެވެ.
އިބްރާހީމްގެފާނު: ޢާޝޫރާ ދުވަހަކީ އަނިޔާވެރި ނަމްރޫޛުގެ ކިބައިން އިބްރާހީމްގެފާނު ﷲ ސަލާމަތްކުރެއްވި ދުވަސް ކަމަށް ބަޔާންވެގެންވެއެވެ. އަލިފާންގަނޑު އެކަލޭގެފާނުގެ މައްޗަށް ފިނި އަދި ސަލާމަތްތެރި އެއްޗަކަށް ﷲ ލެއްވިއެވެ. (އިބްނުލް ޖައުޒީ "ބުސްތާނުލް ވާޢިޡީން" ގައި ބަޔާންކުރައްވާފައިވެއެވެ).
ޔޫސުފްގެފާނާއި ޔަޢުޤޫބްގެފާނު: ދިގު މުއްދަތަކަށްފަހު، ޔޫސުފްގެފާނު އެކަލޭގެފާނުގެ ބަައްޕަ ޔަޢުޤޫބްގެފާނާ ބައްދަލުވި ދުވަހަކީވެސް މި ދުވަސް ކަމަށް ބަޔާންވެއެވެ. އޭގައި ކެތްތެރިކަމާއި، މަޢާފްކުރުމުގެ ބޮޑެތި ފިލާވަޅުތަކެއްވެއެވެ.
މޫސާގެފާނު: ކުރިން ބަޔާންކުރެވުނު ފަދައިން، ފިރުޢައުނުގެ މައްޗަށް މޫސާގެފާނަށް ނަޞްރު ލިބިވަޑައިގަތީ މި ދުވަހުއެވެ.
ސުލައިމާންގެފާނު: ސުލައިމާންގެފާނަށް ބޮޑުވެގެންވާ ވެރިކަން ﷲ ދެއްވީ މި ދުވަހު ކަމަށް ބަޔާންވެއެވެ. އެކަލޭގެފާނަކީ ބޮޑު ވެރިކަމާއެކުވެސް ޝުކުރުވެރިވާ، ހިތްތިރި އަޅެކެވެ.
ޔޫނުސްގެފާނު: ބޮޑުމަހުގެ ބަނޑުން ޔޫނުސްގެފާނު ސަލާމަތްކުރެއްވީ މި ދުވަހު ކަމަށް ބަޔާންވެގެންވެއެވެ. އެކަލޭގެފާނު ބަނޑުގައި އޮންނަވައި ﴿لَّا إِلَٰهَ إِلَّا أَنتَ سُبْحَانَكَ إِنِّي كُنتُ مِنَ الظَّالِمِينَ﴾ ކިޔުއްވިއެވެ.
އައްޔޫބްގެފާނު: ދިގު އަހަރުތަކެއްގެ ކެތްތެރިކަމަށްފަހު، އައްޔޫބްގެފާނުގެ ބަލިމަޑުކަން ފިއްލަވައި ޝިފާ ދެއްވީ މި ދުވަހު ކަމަށް ބަޔާންވެގެންވެއެވެ. (ސަމަރްޤަންދީ "ތަންބީހުލް ޣާފިލީން" ގައި ބަޔާންކުރައްވާފައިވެއެވެ).
އުންމަތުގެ ތާރީޚުގައި ޢާޝޫރާ ދުވަސް:
ޛާތުއް ރިޤާޢު ހަނގުރާމަ: ހިޖުރައިން 4 ވަނަ އަހަރު ޛާތުއް ރިޤާޢު ހަނގުރާމަ ހިނގީ ޢާޝޫރާ ދުވަހެއްގައި ކަމަށް ބަޔާންވެއެވެ. އެއީ މުސްލިމުންގެ 70 ދާޢީން ޝަހީދުކޮށްލި ނަޖްދުގެ ޤަބީލާތަކާ ދެކޮޅަށް ރަސޫލާ ﷺ ނިކުމެވަޑައިގަތް ހަނގުރާމައެވެ. ޞަޙާބީންގެ ފައިތިލަތައް برހިވެ، ފޮތިގަނޑުތައް އޮޅައިގެން އުޅުއްވުމުން އެ ހަނގުރާމައަށް "ޛާތުއް ރިޤާޢު" އޭ ކިޔުނެވެ. (ޤުރުޠުބީ "އައްތަޛްކިރާ" ގައި ބަޔާންކުރައްވާފައިވެއެވެ).
ޙުސައިންގެފާނު ޝަހީދުވުން: ހިޖުރައިން 61 ވަނަ އަހަރުގެ މުޙައްރަމް މަހުގެ 10 ވީ ހުކުރު ދުވަހު، މުސްލިމުންނަށް ބޮޑުވެގެންވާ ހިތާމައެއް ކުރިމަތިވިއެވެ. އެއީ ރަސޫލާ ﷺ ގެ ކާފަދަރިކަލުން، ފާޠިމަތުގެފާނުގެ ދަރިކަލުން ޙުސައިން ބިން ޢަލީ رضي الله عنهما އަނިޔާވެރި ބައެއްގެ އަތުން ޝަހީދުކޮށްލެވުނު ހާދިސާއެވެ. އެކަލޭގެފާނު ޝަހީދުވީ ޢުމުރުފުޅުން 56 އަހަރުގައެވެ. މިއީ އުންމަތުގެ ތާރީޚުގައި ހިނގި ވަރަށް ހިތާމަވެރި ހާދިސާއެކެވެ. މިއީ އެކަލޭގެފާނަށް ރަޙްމަތްލެއްވުން އެދި ދުޢާކުރުމާއި، އަހުލުލްބައިތުންގެ ޤަދަރު ދެނެގަތުމާއި، އަނިޔާވެރިކަމާއި ފިތުނަތަކުން ރައްކާތެރިވުމަށް ހަނދާންކޮށްދޭ ކަމެކެވެ. (އިބްނު ޢަސާކިރު "ތާރީޚު ދިމިޝްޤު" ގައި ބަޔާންކުރައްވާފައިވެއެވެ).
ޢާޝޫރާ ދުވަހުގެ ފުރުޞަތު ހިފުމުގެ ނަޞޭޙަތް:
ޢާޝޫރާ ދުވަހަކީ ޝުކުރުވެރިވުމާއި، ކެތްތެރިވުމާއި، ތައުބާވުމާއި، ޢިބުރަތް ލިބިގަތުމާއި، ނަޞްރާއި ސަލާމަތްތެރިކަން އެކުލެވޭ ދުވަހެކެވެ. އަދި އަނިޔާވެރިންގެ ނިމުމާއި ތަޤުވާވެރިންގެ ނަތީޖާ ހަނދާންކޮށްދޭ ދުވަހެކެވެ. ފަހެ، މުއުމިނާ ރޯދަހިފުމާއި، ޛިކުރުކުރުމާއި، ޝުކުރުވެރިވުމާއި، ދުޢާ އަދި އިސްތިޣްފާރު ކުރުމާއި، ތައުބާވެ ސީދާ މަގުގައި ހުރުމަށް ﷲ އާއެކު ޢަހުދު އާކުރުމަކީ އެދެވިގެންވާ ކަމެކެވެ.
ޚާތިމާ:
ޢާޝޫރާ ދުވަހަކީ ﷲ ގެ ދުވަސްތަކުގެ ތެރެއިން މަތިވެރި ދުވަހެކެވެ. އެ ދުވަހު ﷲ މޫސާގެފާނާއި އެކަލޭގެފާނުގެ ޤައުމު ސަލާމަތްކުރައްވައި، ފިރުޢައުނާއި އޭނާގެ ލަޝްކަރު ހަލާކުކުރެއްވިއެވެ. އޭގައި ޝުކުރުވެރިވުމާއި ޢިބުރަތް ލިބިގަތުން އާވެގެންދެއެވެ. އަދި ކާފިރުންގެ ޚާއްޞަ ކަންކަމާ ޚިލާފުވުމާއި ސުންނަތަށް ތަބާވުމުގެ މާތްކަން ފާޅުވެއެވެ. މުއުމިނާ އެ ދުވަހުގެ ރޯދައިން އިސްވެދިޔަ އަހަރުގެ ފާފަތައް ފޮހެވިގެންދާނެ ކަމަށް އުންމީދުކުރެއެވެ.
ޢާޝޫރާ ދުވަސް އަޅުގަނޑުމެންނަށް ދަސްކޮށް ދެނީ މި ދުނިޔެއަކީ އިމްތިޙާނުގެ ގޮވަތި ކަމެވެ. އަދި ﷲ ގެ މިންވަރުފުޅަށް ބޯލެނބުމަކީ ނިކަމެތިކަމެއް ނޫން ކަމެވެ، އަދި ކިއެއްތަ އެއީ ޢިއްޒަތާއި، ބާރާއި، ކަންކަން ފަސޭހަވުމުގެ ތަޅުދަނޑިއެވެ. ނިޢުމަތްތަކަށް ޝުކުރުވެރިވުމަކީ ނިޢުމަތް އިތުރުވާ މަގެކެވެ.
ﷲ ވަޙީކުރެއްވިއެވެ: ﴿لَئِن شَكَرْتُمْ لَأَزِيدَنَّكُمْ ۖ وَلَئِن كَفَرْتُمْ إِنَّ عَذَابِي لَشَدِيدٌ﴾ (ތިޔަބައިމީހުން ޝުކުރުކޮށްފި ނަމަ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އިތުރުކޮށްދެއްވާހުށީމެވެ. އަދި ތިޔަބައިމީހުން (ނިޢުމަތް) ދޮގުކޮށް ކުފުރުވެއްޖެނަމަ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ޢަޛާބު ގަދަފަދަވެގެންވާކަން ކަށަވަރެވެ.)
ނޯޓް: ޑރ. މޫސާ އަންވަރު ހަސަންގެ ލިޔުއްވުމެކެވެ.