ޖަޕާނަށް އަނެއްކާ ވެސް ވަރުގަދަ ބިންހެލުމެއް އަތުވެއްޖެ އެވެ.
މިއަދުގެ ބިންހެލުން އައިސްފައި ވަނީ ރިކްޓާ މިންގަނޑުން 6.9 ބާރު މިނުގަ އެވެ. މި ބިންހެލުން އައިސްފައި ވަނީ ޖަޕާންގެ އުތުރުގެ ހަޝިކާމީ އަމޯރީ ޕްރިފެކްޗާ ސަރަހައްދަށެވެ.
މި ބިންހެލާ އެކު ވެރިރަށް ޓޯކިއޯ އަށް ވެސް އަސަރުކުރި އެވެ.
ނަމަވެސް މިއަދު އައިން ބިންހެލުމާ ގުޅިގެން ސުނާމީގެ އިންޒާރެއް ނެރެފައެއް ނުވެ އެވެ.
މިދިޔަ އެޕްރީލް މަހުގެ 20 ގައި ވެސް ޖަޕާނަޡް ބިންހެލުމެއް އައިސްފައިވެ އެވެ. ރިކްޓާ މިންގަނޑުން 7.4 ބާރު މިނުގައި އެ ބިންހެލުން އައީ އެ ގައުމުގެ އުތުރުއިރުމަތީ ސަރަހައްދަށެވެ. އެ ބިންހެލުމާ ގުޅިގެން ސުނާމީގެ އިންޒާރު ވެސް ނެރުނެވެ.
މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި ރިކްޓާ މިންގަނޑުން 7.5 ބާރުމިނުގައި ވެސް ޖަޕާނަށް ބިންހެލުމެއް އައިސްފައިވެ އެވެ.
ދޭތެރެ ދޭތެރެއިން ވަރުގަދަ ބިންހެލުންތައް އަންނަ ޖަޕާނަށް މި ފަހުގެ ތާރީހެއްގައި އެންމެ ވަރުގަދަ ބިންހެލުމެއް އައިސްފައި ވަނީ 2011 ގަ އެވެ. އެ އަހަރުގެ މާޗް 11 ގައި ރިކްޓާ މިންގަނޑުން 9.1 ބާރުމިނުގައި އައި ބިންހެލުމާ ގުޅިގެން ސުމާނީ އަރައި ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އެ ހާދިސާގައި 19،759 މީހުން މަރުވެ، 6,242 މީހުން ޒަހަމްވެ އަދި 2,553 މީހުން ގެއްލިފައިވެ އެވެ.
ޖަޕާނަށް މިއަދު ބިންހެލުމެއް އައިސްފައިވާ އިރު، ވެނެޒުއެލާ އަށް ވެސް ރޭގެ ވަގުތެއްގައި އައި ބިންހެލުންތަކަކާ ގުޅިގެން ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ.
އެ ބިންހެލުން އައިސްފައި ވަނީ ރިކްޓާ މިންގަނޑުން 7.7 އާއި 7.2 ބާރު މިނުގަ އެވެ. މި ބިންހެލުންތަކާ ގުޅިގެން މިހާތަނަށް 32 މީހަކު މަރުވެ، 700 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވެ އެވެ.
ބިންހެލުންތަކުގައި ގިނަ އިމާރާތްތަކެއް ވެސް ވެއްޓިފައިވެ އެވެ.