Last Updated: June 25, 23:09
Thursday, June 25, 2026
ޚަބަރު

އެމްޑީޕީ އަށް ނިސްބަތުން ކޮމިޓީތަކުން ޖާގަ ދީފައިވޭ

ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ މެންބަރުން ތިބި ނިސްބަތާ އެކަށީގެންވާ ވަރަށް މަޖިލީހުގެ ކޮމިޓީތަކުން އެ ޕާޓީގެ މެންބަރުންނަށް ޖާގަ ދީފައިވާ ކަމަށް މަޖިލީހުގެ ހިތަދޫ އުތުރު ދައިރާގެ ޕީއެންސީގެ މެންބަރު އަޙްމަދު އަޒާން ވިދާޅުވެއްޖެ އެވެ.

މަޖިލީހުގައި އެމްޑީޕީ މެންބަރުންނަށް މަޖިލީހުގެ ކޮމިޓީތަކުން ޖާގަ ނުލިބޭ ކަމަށް ބުނެ އެ ޕާޓީގެ ޕާލިމަންޓަރީ ގުރޫޕުން އިއްޔެ މަޖިލީހުގެ ތަޅުމުގައި އިހުތިޖާޖުކުރުމާ ގުޅިގެން އަޒާން ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ މިހާރުގެ މަޖިލީހުގައި ތިއްބެވީ އެމްޑީޕީގެ 13 މެންބަރުން ކަމަށާއި، އެއީ މުޅި މަޖިލީހުގެ 13 ޕަސެންޓް ކަމަށެ ވެ. އެގޮތުން ކޮމިޓީތަކުގެ 13.7 ޕަސެންޓް ޖާގަ މަޖިލީހުގައި އެމްޑީޕީއަށް ދެވިފައިވާ ކަމަށް އޭނަ ވިދާޅުވި އެވެ.

އެގޮތުން އެންމެ މުހިއްމު ކޮމިޓީތަކުގެ ތެރޭގައި ހިމެނޭ މާލިއްޔަތު ކޮމިޓީއާއި އިގުތިސާދީ ކޮމިޓީން ބޮޑު ޕަސެންޓއެއް އެމްޑީޕީއަށް ދެވިފައިވާ ކަމަށް އަޒާން ވިދާޅުވިއެވެ. އޭނަ ވިދާޅުވި ގޮތުގައި މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ 18 ޕަސެންޓް އަދި އިގުތިސާދީ ކޮމިޓީގެ 27 ޕަސެންޓް ޖާގަ އެމްޑީޕީއަށް އެބައޮތެވެވެ.

އަދި މަޖިލީހުގައި އެމްޑީޕީގެ މެންބަރުން ތިއްބެވި އަދަދަށް ބަލާ އިރު، އެ ދެ ކޮމިޓީން އެމްޑީ ޕީއަށް ދޭން ޖެހެނީ އެންމެ ދެ ޖާގ ކަމަށް ވެސް އަޒާން ވިދާޅުވި އެވެ.

އޭނަ ވިދާޅުވީ 19 ވަނަ މަޖިލީހުގައި އެމްޑީޕީގެ ބޮޑު އަޣުލަބިއްޔަތު އޮތް އިރު އޭރު އިދިކޮޅު ކޯލިޝަންގެ 10 ޕަސެންޓް ކަމަށެވެ. އަދި ކޮމިޓީތަކުން އިދިކޮޅު ކޯލިޝަނަށް ދީފައި އޮތީ އެންމެ 8 ޕަސެންޓް ކަމަށް ވިދާޅުވި އެވެ.

އެހެންވެ މިހާރު އެމްޑީޕީން މަޖިލީހުގައި އިހުތިޖާޖު ކުރަނީ މަޖިލިސް ހިންގާ ގޮތުގައި މައްސަލައެއް އޮވެގެން ނޫން ކަމަަށާއި، އެއީ މަޖިލީހުގައި ކުރަމުން އަންނަ މަސައްކަތްތަކަށް ހުރަސްއެޅުމަށް ކުރާ އިހުތިޖާޖެއް ކަމަށް އަޒާން ވިދާޅުވި އެވެ.