Last Updated: July 11, 02:36
Friday, July 10, 2026
ޚަބަރު

އަގުމަގު' ޕޯޓަލް އަތޮޅުުުތަކަށް ފުޅާކުރަނީ

"އަގުމަގު" ޕޯޓަލް މެދުވެރިކޮށް، މާލޭގެ އިތުރުން ރަށްރަށުގެ ފިހާރަތަކުގައި ތަކެތި ލިބެން ހުރި އަގުތައް ވެސް ބަލައިލެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީގެ "ޓްރޭޑް ޑެސްކް ވިތު އަނާ" ޕޮޑްކާސްޓްގައި ސްޓޭޓް މިނިސްޓަރު އިސްމާޢީލު ރިފާޢު ވިދާޅުވީ މިހާރު މި ޕޯޓަލުން ފެންނަނީ ހަމައެކަނި މާލެ ސަރަޙައްދުގެ އަގުތައް ކަމަށެވެ. ނަމަވެސް، ޕީއޯއެސް ސިސްޓަމްތައް އިންޓަގްރޭޓް ކުރެވުމާއެކު، ރަށްރަށުގެ އައުޓްލެޓްތަކުގެ އަގުތައް ވެސް ފެންނަން ހުންނާނެ ކަމަށް ވިދާޅުވި އެވެ.

"މަސައްކަތް ކުރަނީ ޖުލައި މަސްތެރޭގައި މީގެ ބޮޑު ބައެއް ނިންމައި، އަންނަ މަހުގެ ތެރޭގައި އަތޮޅުތެރޭގެ އަގުތައް ވެސް ޕޯޓަލްއިން ފެންނާނެ ގޮތް ހެދުމަށް،." ރިފާއު ވިދާޅުވި އެވެ.

އޭނަ ވިދާޅުވީ ރައްޔިތުންނަށް މި ޚިދުމަތް އިތުރަށް ފަސޭހަކޮށް ދިނުމުގެ ގޮތުން "އަގުމަގު" ގެ ޚާއްޞަ މޮބައިލް އެޕްލިކޭޝަނެއް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެޕް ވާނީ މިހާރު ވެބް ޕޯޓަލްއިން ލިބެން ނެތް ގިނަ ފީޗަތަކަކާއެކު، ފިހާރަތަކުގެ އަގުތައް ވަރަށް ފަސޭހައިން އަޅާކިޔާލެވޭނެ އެޕަކަށް ކަަމަށް ވިދާޅުވި އެވެ.

"އަގުމަގު" އަކީ ބާޒާރުގައި އެންމެ އަގުހެޔޮކޮށް ކާބޯތަކެތި ލިބެންހުރި ފިހާރަތައް ރައްޔިތުންނަށް ފަސޭހައިން ދެނެގަނެވޭނެ ގޮތަށް ފަރުމާކޮށްފައިވާ ޕޯޓަލެކެވެ. އެ ޕޯޓަލްގައި ހިމަނާފައި ވަނީ ބައިނަލްއަޤްވާމީ އަދި ރާއްޖޭގެ ކަމާބެހޭ އިދާރާތަކުން ކަނޑައަޅާފައިވާ އަސާސީ ކާބޯތަކެތީގެ ބާވަތްތަކެވެ.

އެގޮތުން ޕޯޓަލްގައިވާ agumagu.trade.gov.mv އަގުތަކަކީ އިކޮނޮމިކް މިނިސްޓްރީ އިންސްޕެކްޝަން ޓީމުތަކުން އަމަލީ ގޮތުން ފިހާރަތަކަށް ޒިޔާރަތްކޮށް އެއްކުރާ މަޢުލޫމާތު ކަމަށް މިނިސްޓްރީން ބުންޏެވެ.

"އަގުމަގު" ލޯންޗްކުރީ މި އަހަރުގެ ފެބްރުއަރީ ފަހުކޮޅު އެވެ.