Last Updated: June 25, 23:09
Thursday, June 25, 2026
ޚަބަރު

ބަންދު މީހަކު ފިލުވަން އުޅުނު ބަޔަކު ހައްޔަރުކޮށްފި

ފުލުހުންގެ ބަންދުގައި ހުރި މީހަކު ފިލަން އެހީތެރިވިކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ހައްޔަރުކޮށްފައި ވަނީ ދި ހ. ލާމިއާ އަހުމަދު އުވައިސް، 22 އާއި ނ. ވެލިދޫ، އިހާޒް، މުހައްމަދު އަނޫފް، 25، އެވެ.

މި ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ 15 ދުވަސް ޖަހައިފަ އެވެ.

ކޯޓު އަމުރުގައިވާ ގޮތުން ދެ މީހުން ފިލުވަން އެހީތެރިވެ ދީފައި ވަނީ ފުލުހުންގެ ފެމެލީ އެންޑް ޖެންޑާ އެފެއާޒް ޑިޕާޓުމަންޓުން ބަލަމުން އަންނަ މައްސަލައެއްގައި ހައްޔަރުކޮށްފައި ހުރި މީހެކެވެ. އަދި މީހުންގެ މައްޗަށް ފުލުހުން ކުރާ ތުހުމަތުތަކަށް ބާރުދޭ ހެކި ވެސް ހުށަހަޅައިފައިވާ އަމުރުގައިވެ އެވެ.

އެގޮތުން ހެކީގެ ގޮތުގައި ހެކިންގެ ބަޔާނާއި، ހާދިސާގެ ރިޕޯޓާއި، ސީސީޓީވީ ފުޓޭޖްގެ އިތުރުން ފުޓޭޖްތަކުން ނަގާފައިވާ ސްނެޕްޝޮޓްތައް ވެސް ފުލުހުން ކޯޓަށް ހުށަހަޅާފައިވެ އެވެ.

ބަންދުގެ ޝަރީއަތުގެ މަޖިލީހުގައި ދެ މީހުންގެ ފަރާތުން ބަންދަށް ލުއި ދިނުމަށް އެދިފައިވެއެވެ. ނަމަވެސް، ހުށަހަޅާފައިވާ ހެކިތަކަށް ރިއާޔަތްކޮށް ކޯޓުން ނިންމީ ބަންދުގައި ބޭތިއްބުމަށެވެ. މީގެ ތެރެއިން އުވައިސްއަކީ ކުރިން ވެސް ހައްޔަރާއި ބަންދުގެ ރެކޯޑް އޮތް މީހެއްކަން ކޯޓު އަމުރުގައިވެ އެވެ.