Last Updated: June 25, 23:09
Thursday, June 25, 2026
ދުނިޔެ

މިނިވަން ފިކުރަށް އޮސްޓްރޭލިއާގައި އާ ޕާޓީއެއް

ވަކި ކޮޅަކަށް، ވަކި ފިކުރަކަށް ބުރަ ނުވާ މީހުންނަށް ހާއްސަކޮށްގެން އޮސްޓްރޭލިއާގައި އާ ސިޔާސީ ޕާޓީއެއް ލޯންޗްކޮށްފި އެވެ.

މިއަދު ކެންބެރާގައި ލޯންޗްކުރި ޕާޓީގެ ނަމަކީ ކޮމިއުނިޓީ ސްޓްރޯންގް އޮސްޓްރޭލިއާ ޕާޓީ އެވެ.

މި ޕާޓީ އަކީ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި މިނިވަން މެންބަރުންގެ ގޮތުގައި ތިއްބެވި އަންހެން ދެ މެންބަރަކު އިސްކޮށް ތިއްބަވައިގެން ލޯންޗްކުރެއްވި ޕާޓީއެކެވެ. އެ ދެ މެންބަރުންނަކީ ސިޑްނީ އަށް ނިސްބަތްވާ ދެ މެންބަރުން ކަމަށްވާ ޒާލީ ސްޓެޖާލް އާއި އަލެގްރާ ސްޕެންޑާ އެވެ.

އެ ބޭފުޅުން ވިދާޅުވީ ކޮމިއުނިޓީ ސްޓްރޯންގް އޮސްޓްރޭލިއާ ޕާޓީގެ މަގުސަދަކީ ޕާޓީ ފިކުރުތަކުގެ ސަބަބުން ބައިބައިވުން އުފެދިފައިވާތީ އެކަމާ ދެކޮޅަށް މަސައްކަޔްކޮށް، އެއްބައިވަންތަ މުޖުތަމައަކަށް މަސައްކަތްކޮށް މިނިވަން ފިކުރަށް ފުރުސަތު ފަހިކޮށް ދިނުން ކަމަށެވެ. އެގޮތުން އާ ޕާޓީ އަކީ މިނިވަންކަމާ އެކު ވޯޓްލުމުގެ ހައްގާއި ޕާޓީ ނުފޫޒުން އެއްކިބާވެ ގައުމުގެ ކަންކަމާ މެދު ވިސްނާ މީހުންނަށް ހާއްސަ ޕާޓީއެއް ކަމަށް ވިދާޅުވި އެވެ.

އެހެންވެ ސްޓްރޯންގް އޮސްޓްރޭލިއާ ޕާޓީ ރައްޔިތުންގެ އަޑު ވަރަށް ބޮޑަށް އަޑު އަހައި، ރައްޔިތުންނާ ވަރަށް ގާތުން މަސައްކަތް ކުރާނެ ޕާޓީއެއް ކަމަށް ދެ މެންބަރުން ވިދާޅުވި އެވެ.

ޕާޓީ ރަޖިސްޓްރީ ކުރަން މިހާރު އޮސްޓްރޭލިއަން އިލެކްޓޯރަލް ކޮމިޝަނަށް ހުށަަހަޅާ އިރު، އޮކްޓޯބަރު މަހުގެ ތެރޭގައި ޕާޓީ ރަޖިސްޓްރީކުރުމުގެ މަރުހަލާ ނިމޭނެ ކަމަށް ލަފާކޮށްފައިވެ އެވެ.

އޮސްޓްރޭލިއާ އަކީ މިހާރު ދެ ޕާޓީގެ ފިކުރަކަށް ބެހިފައި އޮތް ގައުމެކެވެ. އެއީ އޮސްޓްރޭލިއަން ލޭބާ ޕާޓީ (އޭއެލްޕީ) އާއި ނެޝަނަލް ޕާޓީ އެވެ.