ޖަޕާނު ސަރުކާރުގެ ފަރާތުން ރާއްޖެއަށް ހަދިޔާކުރި "ފޭޝަލް ރިކޮގްނިޝަން ސިސްޓަމް" ރަސްމީކޮށް ދިވެހި ސަރުކާރާ ހަވާލުކޮށްފި އެވެ.
މިއީ ރާއްޖޭގެ ބޯޑަރު ބެލެހެއްޓުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް ޒަމާނީ ކުރުމަށްޓަކައި ހަދިޔާ ކުރި ސިސްޓަމެކެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ކޯޕަރޭޓް ހޯލްގަ މިއަދު ބޭއްވި މި ރަސްމިއްޔާތުގައި މި ސިސްޓަމް ހަވާލުކޮށްދެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އިޝިގާމީ ރުމީކޯއެވެ. އަދި ދިވެހި ސަރުކާރާއި މޯލްޑިވްސް އިމިގްރޭޝަނުގެ ފަރާތުން މި ސިސްޓަމާ ރަސްމީކޮށް ހަވާލުވެވަޑައިގަތީ ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާންއެވެ.
ހޯމް މިނިސްޓްރީން ބުނީ މި ސިސްޓަމަކީ ރާއްޖޭގެ އެއަރޕޯޓްތަކުން ދަތުރުކުރާ ފަސިންޖަރުންގެ މައުލޫމާތު އަވަހަށް ސާފުކުރުމަށާއި، ބޯޑަރު ހުރަސްކުރާ މީހުންގެ އައިޑެންޓިޓީ ކަށަވަރުކުރުމަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ވަނީ ޖަޕާނު ސަރުކާރުން ރާއްޖޭގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމަށް ވެދެއްވި މި އަގުހުރި އެހީތެރިކަމަށްޓަކައި އެ ޤައުމުގެ ސަރުކާރަށް ޚާއްޞަ ޝުކުރެއް އަދާކޮށްފަ އެވެ.