Last Updated: June 26, 20:28
Friday, June 26, 2026
ރިޕޯޓް

ނަމާދު؛ ހިތްތަކަށް ތަސައްލީ އާއި ހަމަޖެހުން!

"ނަމާދުން ހިތްތަކަށް ތަސައްލީއާއި ހަމަޖެހުން ލިބިދޭ ކަމެއްގެ ގޮތުގައި ކުރުމާއި، ނަމާދު އެއީ ބުރައަކަށްވެ، އެއިން އަވަހަށް އަވަދިވެގެން ހިތްހަމަޖެހުން ހޯދަން އުޅުމާ ދެމެދުގައިވާ ތަފާތެވެ." "ނަމާދުން އަހަރެމެންނަށް އަރާމް ހޯދައިދޭށެވެ!" އަދި "ނަމާދުން އަހަރެމެން އަވަހަށް އަވަދިވެގަންނާށެވެ!" މި ދެ ބަހުގެ ދެމެދުގައިވާ ހުސްކަމާއި ފަރަގަކީ އިންތިހާއަށް ބޮޑު، އުޑާއި ބިމާ ހާސްބައި ތަފާތު ފަރަގެކެވެ. މި ދެމެދުގައިވާ ފަޅުކަން ކުޑަވުމާއި ބޮޑުވުން ބިނާވެފައިވަނީ، ނަމާދާމެދު އަހަރެމެންގެ ހިތްތަކުގައިވާ ވިސްނުމުގެ މައްޗަށެވެ. އެއީ ޚާލިޤާ ހުރި ރޫޙާނީ ގުޅުމާއި، ލޯތްބާއި، ކިޔަމަންތެރިކަމާއި، އަދި އެކަމަށް ދެވޭ އިޖާބައެވެ.

މި އަޅުކަމުގެ އަސްލަކީ އަށް ބާއްވާ ލޯތްބާއި ކިޔަމަންތެރިކަން ކަމުގައިވެއްޖެނަމަ، އެކަލާނގެއާ ބައްދަލުކޮށް، އެކަލާނގެ ޙަޟްރަތަށް ކުއްތަންވުމުގެ ޝައުޤުވެރިކަން އުފެދޭނެ އެވެ. އެހާލަތުގައި ނަމާދަކީ ހިތްތަކަށް ލިބޭ އަރާމަކާއި، ދިރިއުޅުމުގެ ވަރުބަލިކަމުން މިންޖުކޮށްދޭ މަރުކަޒަކަށް ވެގެންދާނެއެވެ.

އޭގެ ކޮންމެ ސިކުންތަކާއި މިނެޓަކީ އިންތިހާއަށް އަގުބޮޑު، އިންސާނާ މަތިވެރި ދަރަޖަތަކަކަށް އުފުލައިދޭ އަދި އިލާހީ ރަޙްމަތުގެ ކައުޘަރު ފެންކަނޑުން ހިތްތައް ތާޒާކޮށްދޭ މާތް ވަގުތުކޮޅަކަށް ވެގެންދާނެ އެވެ.

މާތް ގެ ވަލީވެރިންނާއި، ނަބިއްޔުންނާއި ރަސޫލުންނަކީ ނަމާދުގެ ޙަޤީޤަތް ފުރިހަމައަށް ދެނެގަނެ، އެކަމަށް އިޝްޤީ ލޯތްބެއް ޖެހިފައިވީ ބޭކަލުންނެވެ. އެބޭކަލުން ނަމާދު ޤާއިމުކުރެއްވީ ޚުޝޫޢަތްތެރިކަމާއި ހިތްހަމަޖެހުމާއެކުގައެވެ. ނަމާދުގެ ސަބަބުން އެބޭކަލުންގެ ހިތްތަކާއި، އެބޭކަލުންގެ ވަށައިގެންވީ މީހުންގެ ހިތްތަކަށް ދިރުން ލިބުނެވެ. ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަން ލިބި، ދުނިޔޭގައި އެބޭކަލުންގެ ޛިކުރާ އާވެ، މަތިވެރި ދަރަޖަ ލިބިގެންދިޔައެވެ.

މިސާލަކަށް، އިބްރާހީމްގެފާނު އެކަލޭގެފާނުގެ އަނބިދަރިކަލުން ބޯދާ، ގަސްގަހާގެހި ނެތް ވާދީއަކަށް ދޫކޮށްލެއްވިއިރު، ދުޢާކުރެއްވިއެވެ. ﴿رَّبَّنَا إِنِّي أَسْكَنتُ مِن ذُرِّيَّتِي بِوَادٍ غَيْرِ ذِي زَرْعٍ عِندَ بَيْتِكَ الْمُحَرَّمِ رَبَّنَا لِيُقِيمُوا الصَّلَاةَ……﴾ (سورة إبراهيم: 37) މާނައީ: "އަޅަމެންގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އަޅުގެ ދަރިންކުރެ ބަޔަކު، ގަހެއް ރުކެއް ނެތް وادى އެއްގައި، حرمة ތެރި ކުރައްވާފައިވާ އިބަރަސްކަލާނގެ ގެފުޅު އަރިހުގައި، ވަޒަންވެރިކޮށްފީމެވެ. އަޅުގެ ވެރިރަސްކަލާކޮ! އެއުރެން ނަމާދު قائم ކޮށް އުޅުމަށްޓަކައެވެ."

އެކަލޭގެފާނު ރިޒްޤާއި ނަމާދާ ގުޅުއްވިއެވެ. ޚާލިޤާއޮތް ގުޅުމާއި މަޚްލޫޤުންގެ މެދުގައިވާ ގުޅުން ބަދަހިކުރެއްވިއެވެ. އީމާންކަމާއި އަމާންކަން ގުޅުއްވިއެވެ. އިބްރާހީމްގެފާނު ނަމްރޫދުގެ އަނިޔާވެރިކަމާ ކުރިމަތިލެއްވީ ﷲ އާއެކު އޮތް ވަރުގަދަ ގުޅުމުން ލިބުނު ސާބިތުކަމުގައެވެ. އެކަލޭގެފާނު ދުޢާކުރެއްވިއެވެ ﴿‏رَبِّ اجْعَلْنِي مُقِيمَ الصَّلَاةِ وَمِن ذُرِّيَّتِي….﴾‏ (سورة إبراهيم: 40) މާނައީ: "އަޅުގެ ވެރިރަސްކަލާކޮ! އަޅާއީ، ނަމާދު قائم ކޮށްއުޅޭ މީހެއްކަމުގައި ލައްވާނދޭވެ! އަދި އަޅާގެ ދަރިންކުރެންވެސްމެއެވެ."
އަދި އެކަލޭގެފާނުގެ ދަރިކަލުން އިސްމާޢީލްގެފާނާ ބެހޭގޮތުން ކީރިތި ޤުރްއާނުގައި ވަނީ، އެކަލޭގެފާނަކީ ނަމާދަށް އަމުރުކުރައްވައި، ކިޔަމަންތެރިކަމުގެ ލާމަސީލު ނަމޫނާއެއް ކަމުގައެވެ.

ބައްޕާފުޅު ޤުރުބާންކުރެއްވުމުގެ އަމުރުފުޅު ގެންނެވުމުން ވެސް ކިޔަމަންތެރިކަމާއެކު ދެންނެވީ: ‎﴿قَالَ يَا أَبَتِ افْعَلْ مَا تُؤْمَرُ﴾‏ (سورة الصافات 102) މާނައީ: "އެ ދަރިކަލުން ދެންނެވިއެވެ. އޭ ބައްޕާއެވެ! ކަލޭގެފާނަށް أمر ކުރައްވާ ކަންތައް ކަލޭގެފާނު ކުރައްވާށެވެ!" މިއީ ނަމާދުން ލިބުނު ރޫޙާނީ ބާރެވެ.

މޫސާގެފާނަށް ޠޫރު ފަރުބަދަމަތިން ﷲ ވަޙީކުރެއްވިއެވެ. ‎﴿وَأَقِمِ الصَّلَاةَ لِذِكْرِي﴾‏ (سورة طه: 14) މާނައީ: "އަދި ތިމަންރަސްކަލާނގެ ހަނދުމަކުރެއްވުމަށްޓަކައި، ނަމާދު قائم ކުރައްވާށެވެ!" ނަމާދަކީ ހަނދާންކޮށްދިނުމެކެވެ. ޣާފިލުކަމުން ހިތްތައް ސަލާމަތްކޮށްދޭ އައްޔެކެވެ. ޚުޝޫޢަތްތެރިކަމެއް ނެތް ނަމާދަކީ ދިރުމެއް ނެތް، ހަމައެކަނި ބޭރުފުށުގެ ޙަރަކާތްތަކެކެވެ.

ޒަކަރިއްޔާގެފާނަށް ޔަޙްޔާގެފާނުގެ އުފާވެރި ޚަބަރު މަލާއިކަތުން މެދުވެރިކޮށް ލިބުނީ، އެކަލޭގެފާނު މިޙްރާބުގައި ނަމާދަށް ހުންނަވަނިކޮށެވެ. މަރްޔަމްގެފާނަށްވެސް އަމުރުވެގެންވީ ރުކޫޢުކޮށް ސުޖޫދުކޮށް ނަމާދުކުރުމަށެވެ. ޢީސާގެފާނު އުފަންވެވަޑަގެން، ތުއްޕުޅުއިރު އެންމެ ފުރަތަމަ ދެއްކެވި ވާހަކަފުޅުގައިވެސް ނަމާދާއި ޒަކާތުގެ ވަޞިއްޔަތް ހިމެނުއްވިއެވެ.

އަދި އަހަރެމެންގެ މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ގެ އަރިހުގައި ނަމާދަކީ ހިތުގެ ފިނިކަމެވެ. އެކަލޭގެފާނު ކަމަކާ ހާސްވެވަޑައިގެންފިނަމަ، އަވަސްވެގަންނަވަނީ ނަމާދަށެވެ. އަދި ބިލާލުގެފާނަށް ވިދާޅުވެއެވެ. "އޭ ބިލާލްއެވެ! ނަމާދުން އަހަރެމެންނަށް އަރާމާއި ހިތްހަމަޖެހުން ހޯދައިދޭށެވެ!" އެކަލޭގެފާނު ރޭއަޅުކަމުގައި ފައިންޕުޅު ދުޅަވަންދެން ހުންނަވާއިރު ވިދާޅުވަނީ: "މިއަޅާއަކީ ޝުކުރުވެރިވާ އަޅަކަށް ނުވާންވީތޯ އެވެ؟"

މިއަދު އަހަރެމެންގެ ޙާލަކީ ކޮބައިހެއްޔެވެ؟ އަހަރެމެން ނަމާދަށް ދަނީ އަވަސްވެގަނެގެން ހިތްހަމަޖެހުން ހޯދަން ހެއްޔެވެ؟ ނުވަތަ ޒިންމާ އަދާކޮށްލަންވެގެން ދަނީހެއްޔެވެ؟ ބަންގީގެ އަޑު އިވުމުން އަހަރެމެންގެ ހިތްތައް ތެޅިގަނޭ ހެއްޔެވެ؟ ނަމާދަށް ކަމޭހިތް ބަޔަކަށް ނަމާދު ހެޔޮ ބަދަލުތައް ގެނެސްދޭނެއެވެ. އެއީ ބިމުގައި ހިނގާބިނގާވެއުޅޭ ނޫރަކަށް ވެގެންދާނެއެވެ.

ޔާ ﷲ! ނަމާދަކީ އަޅަމެންގެ ހިތްތަކުގެ ފިނިކަން ކަމުގައި ލައްވައި، ނަމާދުން އަރާމާއި ހިތްހަމަޖެހުން ލިބޭ ބަޔަކު ކަމުގައި އަޅަމެން ލައްވާދޭވެ! އާމީން

ނޯޓް: މިއީ ޑރ. މޫސާ އަންވަރު ހަސަންގެ ލިޔުއްވުމެކެވެ.