ފަތުރުވެރިކަމުގެ އޯފް ސީޒަނުގައި ބޭންކުތަކަށް ވިއްކާ ޑޮލަރުގެ މިންވަރު އިތުރުކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ނިންމައިފި އެވެ.
އެމްއެމްއޭއިން ނެރުނު ބަޔާނެއްގައި ބުނީ، ޓޫރިޒަމްގެ އޮފް-ސީޒަނާ ދިމާކޮށް، ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 25 ޕަސެންޓު އިތުރުކުރާނެ ކަމަށެވެ. އެމްއެމްއޭއިން ބުނީ އަންނަ ހަފުތާގެ އާދިއްތައިން ފެށިގެން ތިން މަސް ދުވަސް ވަންދެން މި ގޮތަށް ބޭންކުތަކަށް ޑޮލަރު ދޫކުރާނެ ކަމަށެވެ.
ބޭންކުތަކަށް ބޭރު ފައިސާ އިތުރަށް ދޫކުރުމަށް ނިންމީ، ފަތުރުވެރިކަމުން ލިބޭ ބޭރު ފައިސާގެ މިންވަރު ދަށްވާ ދުވަސްވަރެއްގައި، ރާއްޖޭން ބޭރަށް ފޮނުވަންޖެހޭ ފައިސާގެ ޑިމާންޑް އެއްވަރެއްގައި ހުރުމުން ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ކަމަށް އެމްއެމްއޭއިން ބުންޏެވެ. މިއީ ބޭންކިން ނިޒާމުގެ ތެރޭގައި އޮތް ބޭރު ފައިސާގެ ދަތިކަން ކުޑަކުރުމަށާއި، ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ޑޮލަރު ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދިނުމަށް މަރުކަޒީ ބޭންކުން އެޅި ވަގުތީ ފިޔަވަޅެއް ކަމަށްވެސް ބުންޏެވެ.
އެމްއެމްއޭއިން ބުނީ މިދިޔަ އަހަރުގެ ފުރަތަމަ ފަސްމަސްދުވަހާ އަޅާބަލާއިރު، މިހިނގާ އަހަރުގެ ފުރަތަމަ ފަސްމަސްދުވަހު އެ ބޭންކުން ވިޔަފާރިތަކަށް އަދި އާންމުންގެ އެކި ބޭނުންތަކަށް ބޭންކްތައް މެދުވެރިކޮށް ވިއްކި ބޭރުފައިސާގެ މިންވަރު 72 އިންސައްތަ އިތުރުވެފައިވާ ކަމަށެވެ.
ބޭރު ފައިސާގެ ޑިމާންޑް އެންމެ ބޮޑަށް އިތުރުވެފައިވަނީ ބޭސްފަރުވާގެ އިތުރުން ތައުލީމާއި ދިވެހިން ރާއްޖެއިން ބޭރަށްކުރާ ދަތުރުތަކަށެވެ. ތަފާސްހިސާބުތަކަށް ބަލާއިރު މި އަހަރުގެ ފުރަތަމަ ފަސް މަސްދުވަހު ބޭސްފަރުވާއަށާ ތައުލީމަށް ބޭންކުތައް މެދުވެރިކޮށް ވިއްކި ބޭރު ފައިސާގެ މިންވަރު ވަނީ، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 78 އިންސައްތަ އިތުރުވެފައެވެ. މީގެ އިތުރުން، ރާއްޖެއަށް ތެލާ، ކާޑު އަދި ބޭހާއި މެޑިކަލް އިކުއިޕްމަންޓް އެތެރެކުރުމަށް އެމްއެމްއޭ އިން ވިއްކި ބޭރު ފައިސާގެ އަދަދު ވަނީ މި އަހަރުގެ ފުރަތަމަ ފަސް މަސް ދުވަހު ވަނީ 30 އިންސައްތަ އިތުރުވެފައެވެ.
ބޭންކުތަކަށް ވިއްކާ ބޭރުފައިސާގެ އަދަދު އިތުރުކުރުމުން ފަތުރުވެރިކަމުގެ އޮފް-ސީޒަނުގައި ބޭރު ފައިސާގެ ތާށިކަން ކުޑަވެ، ކަސްޓަމަރުންގެ ބޭނުންތަކަށް ބޭންކުތަކުން ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާވެގެންދާނޭކަމަށް އެމްއެމްއޭއިން ވަނީ ބުނެފައެވެ.