Last Updated: June 25, 23:09
Thursday, June 25, 2026
ރިޕޯޓް

ކަރުބަލާ، އަނިޔާވެރިކަމުގެ އިންތިހާ!

ހިޖުރައިން 61 އަހަރުގެ މުޙައްރަމު މަހުގެ 01 ވަނަ ދުވަހުން ފެށިގެން 10 ވަނަ ދުވަހާ ދެމެދު، އިމާމް ޙުސައިން رضي الله عنه ގެ އަރިހުގައި ތިއްބެވި ހުރިހާ ބޭކަލުން، އެއްބޭކަލަކަށް ފަހު އަނެއްބޭކަލަކު، ކަރުބަލާގެ މައިދާނުގައި ޝަހީދުކޮށްލެވުނެވެ.
އެ އަހަރުގެ އާޝޫރާ ދުވަހު، އެކަލޭގެފާނުގެ އަހުލުބައިތުން ތިއްބެވި ފޭލިގެކޮޅުތަކުގައި އޮތީ ހިމޭންކަމާއި، ހިތާމައިގެ މާހައުލެއް އުފެދިފައެވެ.

އެވަގުތު، އިމާމް ޙުސައިން رضي الله عنه ގެ އަސްކޮޅު "ޛުލްޖިނާޙު" އެ އަސްކޮޅުގެ ހިތްވަރުގަދަ ސަވާރީއާ ނުލައި، ފޭލިގެކޮޅަށް އައުމާއެކު، އިމާމު ޙުސައިން رضي الله عنه ޝަހީދުވެ ވަޑއިގެންފިކަން، އެކަލޭގެފާނުގެ އަހުލުބައިތުންނަށް އެނގިވަޑައިގަތެވެ. އެއަށްފަހު، ފޭލިގެކޮޅުތަކުގައި، ރުއިމާއި، ގިސްލުމުގެ އަޑު ގުގުމައިގެން ދިޔައެވެ.

އިބުނު ސަޢުދުގެ ލަޝްކަރުން، ހަމައެކަނި އިމާމު ޙުސައިން رضي الله عنه ޝަހީދުކޮށްލީކީ ނޫނެވެ. އެއަށްވުރެ، އޭނާގެ އަނިޔާވެރިކަން މާބޮޑެވެ. ރިވާޔަތްތަކުގައިވާ ގޮތުން، ކަރުބަލާގެ ދުވަހު، އިމާމް ޙުސައިން رضي الله عنه ގެ ޠޯހިރު ހަށިކޮޅު ޗިސްކޮށްލެވުނެވެ. އެކަލޭގެފާނުގެ ހަށިކޮޅު ޗިސްކޮށްލުމަށް ބޭނުންކުރި އަސްތަކަކީ "އަވާޖިއާ" ގެ ނަމުން މަޝްހޫރު ޢަރަބި އަސްތަކެކެވެ. އެވައްތަރުގެ އަހުގެ ޚާއްސިއްޔަތު، އެހެން އަސްތަކާއި ތަފާތުވެފައި، އެހެން އަސްތަކަށް ވުރެ މާ މޮޅެވެ.

މި ބާވަތުގެ އަސްތަކާއި ބެހޭ ގޮތުން ކޮށްފައިވާ ދިރާސާއަކުން ދައްކާގޮތުގައި، އެބާވަތުގެ އަހުގެ ޚާއްސަ ކަމަކީ، އޭގެ ކޮންމެ ފައެއްގެ ބަރުދަނުގައި 65 ކިލޯ ހުންނައިރު، އޭގެ ފައިތިލަ ދަށަށް އަންނަ ކޮންމެ އެއްޗެއް ފުނޑުފުނޑުކޮށް ޗިސްކޮށްލުމެވެ. އެހެން ދިރާސާއަކުން ދައްކާ ގޮތުގައި އެ ބާވަތުގެ އަސްތަކުގެ ތެރެއިން އަހެއްގެ ކޮންމެ ފައެއްގެ ބަރުދަނުގައި 125 ކިލޯ ހުރެއެވެ.
ދެން މިވާހަކަ ރިވާކުރެއްވި ރާވީ ވިދާޅުވާގޮތުގައި، އިބުނު ސަޢުދުގެ ލަޝްކަރުގެ އަސްވާރަކު ދެއްކި ވާހަކަ، އޭނާ ހަނދާން ހުރެއެވެ. އެ އަސްވާރު ބުނެފައިވެއެވެ. "އަހުރެމެންގެ އަސްތަކުން، ޙުސައިން رضي الله عنه ގެ ހަށިކޮޅު މަތިން ދުއްވާލުމުން، މޭފުޅުގެ ކަށިތައް ބިންދައިގެން ދިޔަ އަޑު އަހުރެން އެހީމެވެ."

ތާރީޚުން އެނގޭ ގޮތުގައި މި ބާވަތުގެ 10 އަސް، ޙުސައިން رضي الله عنه ގެ ޠޯހިރު ހަށިކޮޅުގެ މަތީ ދުއްވާ، އެ ހަށިކޮޅު އެއްކޮށް ޗިސްކޮށް ލެވުނެވެ.

މާނައަކީ، ކޮންމެ އަހެއްގެ ބަރުދަނުގައި 500 ކިލޯ ހުރިއިރު، އެފަދަ، ދިހަ އަސް، ފާޠިމަތުއް ޒަހުރާގެ ދަރިކަލުންގެ ހަށިކޮޅު މަތީ ދުއްވާ، އެ ހަށިކޮޅު ފުނޑުފުނޑުކޮށް ޗިސްކޮށް ލެވުނެވެ. މިއީ ރަސޫލާ صلّي الله عليه وسلّم ގެ ދަރިކަނބަލުން ލޯތްބާ، ކުލުނާއެކު ތަރުބިއްޔަތު ކުރެއްވި، ރަސޫލާ صلّي الله عليه وسلّم ގެ ކާފަދަރިކަލުންނާ މެދު މުސްލިމުން ކަންތައް ކުރި ގޮތެވެ!
އިމާމު ޒައިނުލް ޢާބީދީން رضي الله عنه ވިދާޅުވެފައި ވެއެވެ. "ބައްޕާފުޅުގެ މޭފުޅު ފުނޑުފުނޑުކޮށް ޗިސްކޮށްލެވުމުން، މޭފުޅާއި ބުރަކަށިފުޅު އޮތީ ތަތްވެފައެވެ. އަހުރެން ބައްޕާފުޅު ފަސްދާނުވަޑުވަން އައިސް ބެލިއިރު، ބައްޕާފުޅުގެ ހަށިކޮޅުގެ އެއްބައި އުފުއްލަވާ ލެއްވުމުން، އަނެއް ބައި ބިންމައްޗަށް ވެއްޓެއެވެ!"

އިމާމު ޙުސައިން رضي الله عنه އާއި، ކަރުބަލާގެ ހިތްވަރުގަދަ ޝުހަދާއިންނަށް ސަލާމެވެ. މާތް الله، އެ ބޭކަލުންގެ ފާފަ ފުއްސަވައި، ދަރަޖަ މަތިވެރި ކުރައްވާށިއެވެ. އާމީން.

ނޯޓް: މިއީ ހަސަން ލުތުފީގެ ލިޔުއްވުމެކެވެ.