'ޗޯހާން' ގެ ނަމުގައި އަޖޭ ދޭވްގަންގެ އާ ފިކްމެއް މިއަދު އިއުލާންކޮށްފި އެވެ.
މިއީ ކުޅަދާނަ ޑައިރެކްޓަރު އާނަންދު އެލް ރާއީގެ ކަލަ ޔެލޯ ޕްރޮޑަކްޝަނާއި ޖިއޯ ސްޓޫޑިއޯސް ގުޅިގެން ހަދާ ފިލްމެކެވެ. ޗޯހާންގެ ޑައިރެކްޓަރަކީ ނީރަޖް ޔާދަވް އެވެ.
މިއަދު މި ފިލްމު އިއުލާންކޮށް، ދައްކައިލި ޓީޒާގައި ފެންނަނީ އާންމުންގެ ބަޔަކާއި ފުލުހުންނާ ދެމެދު ވަރުގަދަ ކުރިމަތިލުމެއް ހިނގަމުން ދަނިކޮށް، އަޖޭ އަންނަ ތަން ފެނުމުން އޭނައާ ދިމާއަށް މީހުންގަނޑު ދުއްވައި ގަންނަ ތަނެވެ. ނަމަވެސް 'ހާޑް-ހިޓިން' ފިލްމެއް ކަމަށް ބެލެވޭ ޗޯހާންގެ ޓީޒާގެ ބެކްގްރައުންޓްގައި ކުރީގެ ވަރަށް މަޝްހޫރު ލަވައެއް އިވެމުންދާތީ، މި ފިލްމަކީ ވަރަށް އެންޓަޓައިނިން ފިލްމަކަށް ވާނެ ކަމަށް ވެސް ބެލެވެ އެވެ.
ޓީޒާ އިން އިވޭ ލަވަ އަކީ 1991 ގެ ފިލްމު 'ހަމް' ގެ 'ޗުއްމާ، ޗުއްމާ ދޭ ދޭ' އެވެ. އެ ލަވަ އަކީ އެ ފިލްމުގައި އަމީތާބް ބައްޗަނާއި ކިމީ ކަޓްކަރްގެ ނެށުންތަކެއް ފެނިގެންދާ އާންމުންގެ ތެރޭގައި ވަަރަށް ބޮޑު މަޝްހޫރު ކަމެއް ހޯދި ލަވައެކެވެ.
އަނެއްކާ ވެސް އަޖޭގެ ވަރުގަދަ ރޯލެއް ފެންނާނެ ކަމަށް ގަބޫލު ކުރެވޭ 'ޗޯހާން' ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ އަހަރުގެ އޮކްޓޯބަރު 1 އެވެ.
މި އަހަރު ރިލީޒްވާ އަޖޭގެ ފުރަތަމަ ފިލްމަކީ އަންނަ މަހުގެ 10 އަށް ތާވަލުކޮށްފައިވާ އެޑްވެންޗާ ކޮމެޑީ 'ދަމާލް 4' އެވެ.