ވެނެޒުއޭލާއަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ލިބުނު ގެއްލުންތަކާއި ގުޅިގެން އެގައުމުގެ ވަގުތީ ރައީސް ޑެލްސީ އެލޮއީނާ ރޮޑްރިގޭޒް ގޯމޭޒްއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފި އެވެ.
ރައީސްގެ ތައުޒިޔާގެ މެސެޖުގައި، މި ބިންހެލުންތަކުގެ ސަބަބުން ގިނަ ބައެއްގެ ފުރާނަ ގެއްލި، އިމާރާތްތަކާއި އިންފްރާސްޓްރަކްޗަރަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ޚަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމަށް ވިދާޅުވެފައިވެ އެވެ. ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ރައީސް ވަނީ ވެނެޒުއޭލާގެ ސަރުކާރަށާއި ރައްޔިތުންނަށް އިޚްލާޞްތެރި ތައުޒިޔާ ރައްދުކުރައްވާފަ އެވެ.
ރައީސްގެ މެސެޖު ނިންމަވާލައްވާފައިވަނީ، މި ހާދިސާގައި އަނިޔާވި މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވަމުންނެވެ. އަދި ވެނެޒުއޭލާގެ ރައްޔިތުން މި ހާލަތުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތްތަކަށް ކާމިޔާބީއަށް އެދިވަޑައިގަންނަވާފަ އެވެ.
ވެނެޒުއެލާއަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން މިހާތަނަށް 164 މީހުން މަރުވެ، 1،000 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.