ގއ. ވިލިނގިލީގައި ގާއިމުކުރެވޭ އެމްއެންޑީއެފްގެ ފަޔަރ ސްޓޭޝަން އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
މިކަމަށް ޓަކައި މިއަދު ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް، މުޢާޛު ޙަލީމެވެ. އަދި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑައިރެކްޓަރ، ޙަސަން ރިފާޢީ ބުޝްރީއެވެ.
މިއީ މި ދައުރުގެ ތެރޭގައި އަލިފާން ނިއްވުމުގެ ޚިދުމަތް ފުޅާކުރުމަށް ސަރުކާރުން އެކަށައަޅުއްވާފައިވާ ސިޔާސަތާ އެއްގޮތަށް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އަލިފާން ނިއްވުމުގެ ޚިދުމަތް ގާއިމުކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ދަށުން ގއ. އަތޮޅުގައި ގާއިމުކުރެވޭ އެމްއެންޑީއެފްގެ ފަޔަރ ސްޓޭޝަނެވެ.
އެމްއެންޑީއެފުން ބުނީ ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން 550 ދުވަހުގެ ތެރޭގައި ޢަމަލީ މަސައްކަތްތައް ނިންމާގޮތަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނާ ހަވާލުކުރެވުނު މި ފަޔަރ ސްޓޭޝަން ގާއިމުކުރެވުމާ އެކު އެ ސަރަހައްދުގައި ދިމާވާ އެކިއެކި އަލިފާނުގެ ހާދިސާތަކަށް މިހާރަށް ވުރެ އަވަހަށް އެހީތެރިކަން ފޯރުކޮށްދެވިގެންދާނެ ކަމަށެވެ.