Last Updated: May 3, 22:21
Friday, May 3, 2024
ޚަބަރު

"ހަވީރު" ގެ މައްސަލަ ކޯޓަށް ވެއްދުމުގެ ފަހަތުގައި އަދީބް

: ދަރުބާރުގޭގައި ބޭއްވި ހަވީރު ސްޕޯޓްސް އެވޯޑްސް ހަފުލާގެ ތެރެއިން.-- ހަވީރު ފޮޓޯ:

ރާއްޖޭގައި ނެރޭ އެންމެ ދުވަސްވީ ނޫސް "ހަވީރު" ގެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުގައި ކުރީގެ ނައިބް ރައީސް އަދި މިވަގުތު ޖަލުގައި ހުންނެވި އަހްމަދު އަދީބްގެ ދައުރެއް އޮތްކަން "އައްޑޫލައިވް"އަށް އެނގިއްޖެއެވެ.

"އައްޑޫލައިވް" އަށް އެނގިފައިވާ ގޮތުގައި ހަވީރު ނޫހުގެ ހިއްސާ ފާރޫގު ހަސަން އާއި އިބްރާހިމް ރަޝީދު މުސާއަށް އަށް ކަމަށް ބުނެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުގެ ފަހަތުގައި ހުރީ ކުރީގެ ނައިބް ރައީސް އަހްމަދު އަދީބެވެ.

މި މައްސަލަ ކޯޓުގައި ކުރިއަށް ދަނިކޮށް، ހަވީރު ނޫހުގެ ބާނީ މުހައްމަދު ޒާހިރު ހުސައިން ސަރުކާރާ އެކު ގިނަ މަޝްވަރާކޮށްފައިވާ ކަން ވެސް ވަނީ އެނގިފަ އެވެ

އެގޮތުން ސަރުކާރާއި އެކު ކުރި މަޝްވަރާގެ ތެރެއިން މައްސަލަ ކޮންމެވެސް ވަރަކަށް މަޑުޖައްސާލާފައި އޮތީ ބައެއް ކަންކަމަށް ޒާހިރު ހުސައިން އާއި ސަރުކާރުން އެއްބަސްވުމަކަށް އައުމަށްފަހުއެވެ.

އޭގެ ތެރޭގައި، ސަރުކާރާއި ދެކޮޅު ހަބަރު ނުލިޔުން ހިމެނެ އެވެ.

ނަމަވެސް މިފަހުން ހަވީރުން އަންނަނީ ސަރުކާރުގެ ތެރޭގައި ހިންގާފައިވާ ބޮޑެތި ކަރަޕްޝަން މައްސަލަތަކުގެ ވާހަކަ ތަފްސީލްކޮށް ކިޔުންތެރިންނާއި ހަމައަށް ގެނެސް ދެމުންނެވެ.

ޒާހިރު ހުސެއިން އިސްލާމިކް ޔުނިވާސިޓީގެ ޗާންސްލާކަން ގަބޫލްކޮށްފައިވަނީ އިސްލާމިކް ޔުނިވާސިޓީގެ ވަޒީފާއިން ރަޝީދު މޫސާ ވަކިކުރުމުންނެވެ.

ރަޝީދު މޫސާ އާއި ފާރޫގު ހަސަންގެ ހިއްސާ ހަވީރު ނޫހުގައިވާ ކަމަށް ބުނެ 2014 ވަނަ އަހަރު ކުރި ދައުވާ ކުރުމުން ގާޒީ ނިހާޔަތު އިއްވި ހުކުމުގައި ވަނީ އެމީހުންގެ ހިއްސާ އެއް 'ހަވީރު' ގައި ނެތް ކަމަށެވެ.

ނަމަވެސް އެމީހުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން ހައި ކޯޓުން ވަނީ ސިވިލް ކޯޓުގެ ނިންމުން ބާތިލްކޮށް ނިންމާފައި ވަނީ، ރަޝީދު މޫސާ އާއި ފާރޫގު ހަސަންގެ ޙިއްސާ 'ހަވީރު' ގައި އޮންނަ ކަމަށެވެ.

އެގޮތުން 1983 އިން ފެށިގެން "ހަވީރު ނިއުސް އެޖެންސީ" ގެ ދަށުން ހިންގަމުން އަންނަ ތަންތަން ކަމަށް ކަނޑައަޅައި، އޭގައި ފާރޫގު ހަސަނާއި އިބްރާހިމް ރަޝީދު މޫސާގެ ހިއްސާ އޮތް ކަމަށް ވަނީ ހުކުމް ކޮށްފައެވެ.

މި މައްސަލަ ޒާހިރު ހައިކޯޓުގައި އިސްތިއުނާފް ކުރުމުން ހައިކޯޓުން ކޮށްފައިވާ ހުކުމްގައި ބުނެފައިވަނީ އިބްރާހީމް ރަޝީދު މޫސާ އާއި ފާރޫގަކީ، ދައުވާ ރައްދުވާ މުހައްމަދު ޒާހިރު ހުސެއިންއާ އެއްފަދައިން، ހަމަހަމަ ހިއްސާ ލިބިގެންވާކަން، ހައި ކޯޓުގެ ގަޒިއްޔާ އިން އެންގެން އޮންނަ ކަމަށެވެ. އެގޮތުން ޒާހިރުގެ ހިއްސާގެ މިންވަރަކީ 25 ޕަސެންޓް ކަަމަށާއި ފާރޫގާއި އިބްރާހިމް ރަޝީދު މޫސާގެ ހިއްސާ އަކީ 50 ޕަސެންޓް ކަމަށެވެ.

މި މައްސަލަ ސްޕްރީމް ކޯޓަށް ހުށަހެޅުމަށް މަސައްކަތް ކުރަމުން ދަނިކޮށް ކުއްލިގޮތަކަށް އިއްޔެ ސިވިލް ކޯޓުންވަނީ ހަވީރު ނޫސް ނެރުން ހުއްޓާލުމަށް ވަގުތީ އަމުރެއް ނެރެފައެވެ.

މި އަމުރާ ގުޅިގެން ހަވީރު ނޫހުގެ އިދާރާ ބަންދުކޮށް 80 ވަރަކަށް މުވައްޒަފުން ވަނީ ގޭގައި މަޑު ކުރުމަށް އަންގާފަ އެވެ.

ހަވީރު ނޫސް ނެރުން ހުއްޓާލުމަށް ވަގުތީ އަމުރު ނެރެފައިވަނީ ރާއްޖޭގެ ނޫސްވެރިންނަށާއި، ނޫސް މަޖައްލާފަދަ ތަންތަނަށް ބިރު ދެއްކުމަށްކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އަދި ރާއްޖޭގައި ހަގީގީ ނޫސްވެރިކަމެއް ކުރުމުގެ މާހައުލެއް މިވަގުތު ނެތްކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.