Last Updated: June 26, 20:28
Friday, June 26, 2026
ކުޅިވަރު

ޖަރުމަނު ބަލިކޮށް އިކުއެޑޯ ދެވަނަ ބުރަށް

ފީފާ ވޯލްޑް ކަޕްގައި ޖަރުމަނު 2-1 އިން ބަލިކޮށް މުބާރާތުގެ ދެވަނަ ބުރުން އިކުއެޑޯ ޖާގަ ހޯދައިފި އެވެ.

މިއީ 2006 ވަނަ އަހަރަށް ފަހު އިކުއެޑޯ މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދި ފުރަތަމަ ފަހަރެވެ.

ފަހު މެޗާ ކުރިމަތިލިއިރު ވެސް ޖަރުމަނުން ވަނީ ފުރަތަަމަ ދެ މެޗުން މޮޅުވެ، ދެވަނަ ބުރުން ޖާގަ ހޯދައިފަ އެވެ. ގްރޫޕްގެ މެޗުތައް ނިމުނުއިރު، ޖަރުމަނު އެއް ވަަނައިގައި އޮތީ 9 ޕޮއިންޓާ އެކު އެވެ. ގްރޫޕްގެ ދެވަނައާއެކު އަނެއް ބުރުން ޖާގަ ހޯދި އައިވަރީ ކޯސްޓަށް ވަނީ ހަ ޕޮއިންޓް ލިބިފަ އެވެ. ތިން ވަަނައިގައި އޮތް އިކުއެޑޯ އަށް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. އިކުއެޑޯ އެކުއެޑޯ ދެވަނަ ބުރުން ޖާގަ ހޯދީ އެންމެ ރަނގަޅު ނަތީޖާ ނެރުނު ތިން ވަނަ ޓީމުތަކުގެ ތެރޭގައި ހިމެނިގެންނެވެ. ގްރޫޕްގެ ފުލަށްދިޔަ ކުރަސާއޯއަށް ޕޮއިންޓެއް ލިބިފައެއް ނުވެ އެވެ.

މި މެޗު ފެށިގެން މާގިނަ އިރުތަކެއް ނުވެ ލީރޯއި ސާނޭ ވަނީ ޖަރުމަނަށް ލީޑު ނަގައިދީފަ އެވެ. މިއީ އޭރިއާ ތެރޭ ހުރެ ފޮނުވާލި ހަމަލާއަކުން ސާނޭ ކާމިޔާބުކުރި ގޯލެކެވެ. ނަމަވެސް މެޗުގެ 9 ވަނަ މިނެޓްގައި ނިލްސަން އަންގޫލޯ ވަނީ އިކުއެޑޯއަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ ޖަރުމަނުގެ އޭރިއާ ބޭރުގައި ހުރެ ފޮނުވާލި ބާރު ހަމަލާއަކުންނެވެ.

ދެ ޓީމުވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު، ދެވަނަ ހާފްގައި އިކުއެޑޯ އިން ދިޔައީ ކުރިއަށް ޖެހިލައިގެން ޖަރުމަނުގެ ޑިފެންސްލައިނަށް ބާރުބޮޑު ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 77 ވަނަ މިނެޓްގައި ގޮންޒާލޯ ޕްލާޓާ ވަނީ އެޓީމަށް ލީޑު ނަގައިދީފަ އެވެ. މިއީ ޖަރުމަނުގެ އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައަކުން ކާމިޔާބުކުރި ގޯލެކެވެ.

މެޗުގެ ފަހު 10 މިނެޓްތެރޭ ނަތީޖާ އެއްވަރުކުރަން ޖަރުމަނުން މަސައްކަތް ކުރި ނަމަވެސް އިކުއެޑޯގެ ޑިފެންސްލައިން އިތުރަށް ފޫއަޅުވާލެވޭ ގޮތް ވަނީ ނުވެފަ އެވެ.

މި ގްރޫޕްގައި މިރޭ އައިވަރީ ކޯސްޓުން ވަނީ 2-0 އިން ކުރަސާއޯ ބަލިކޮށްފަ އެވެ. މި މެޗުގައި އައިވަރީ ކޯސްޓުގެ ދެ ގޯލުވެސް ކާމިޔާބުކޮށްދިނީ ނިކޮލަސް ޕެޕޭ އެވެ.